މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވާތީ ހައްލު ހޯދަނީ

Feb 12, 2023

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި މިފަހުން ބައެއް ނޫސްވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ ނޫސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ފުލުހުން މަޝްވަރާކޮށްފި އެވެ.

މިމަޝްވަރާތައް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު ބްރޯޑްކޮމްގެ އޮފީހުގަ އެވެ.

ބްރޯޑްކޮމް އިން މިއަދު ބުނީ ވޭތުވެދިޔަ ހަފްތާގައި ބޭއްވި އެއްވުމެއް ފުލުހުން ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާ ކަމަށެވެ. އެހެންވެ އެކަން ހިނގައި ދިޔަ ގޮތް ބަލައި މިފަދަ ހާލަތްތަކުގައި ކަމާ ގުޅުންހުރި ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް ދެނެގަތުމާ ގުޅޭގޮތުން ފުލުހުންގެ އިދާރާ އާއި އެކު މަޝްވަރާކުރެވުނު ކަމަށެވެ.

އެއްވުންތަކާއި މުޒަހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް އަމާޒުކޮށް ދެ އިދާރާ ގުޅިގެން ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާއާ ދިމާކޮށް އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުމަތީގައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން އަނިޔާވި ނޫސްވެރިޔަކަށް މިހާރު ގެންދަނީ ލަންކާގައި އިތުުރު ފަރުވާވެސް ދެމުންނެވެ. އަދި އޭގެފަހުން ވެސް މުޒާހަރާގެ ތެރެއިން އަނިޔާވި ނޫސްވެރިޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.