ހަބަރު

ޝަހީބް "ރަހީނުކުރި" މައްސަލާގައި ފުލުހުން ބުނާނެ އެއްޗެއްނެތް

ބްރޮޑްކާސްޓިން ކޮމިޝަން، ބްރޮޑްކޮމްގެ ރައީސް، މުހައްމަދު ޝަހީބު އެ ކޮމިޝަންގެ ތެރޭގައި ރަހީނުކޮށް އިސްތިއުފާދެއްވަން މަޖުބޫރި ކުރި މައްސަލާގައި ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮމިޝަންގައި ހުންނަ ޝަހީބްގެ ކޮޓަރީގެ ތެރޭގައި ބޭރަށް ނުނިކުމެވޭ ގޮތަށް، ރަހީނުކޮށް އިސްތިއުފާދޭން މަޖުބޫރު ކުރުވި ކަމަށްބުނެ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ސޮފްވާންގެ މައްސަލަ ބަލައިދިނުމަށްއެދި ޝަހީބް ވަނީ ފުލުހަށް އެމައްސަލަ ހުށަހަޅާފަ އެވެ.

އެކަމާ ގުޅޭ މައުލޫމާތު ސާފު ކުރުމަށް ފުލުހުންނާއި ގުޅުމުން ބުނީ، މިވަގުތު އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ދެންނެވެން ނެތް ކަމަށެވެ. އެމައްސަލަ ބަލާ ކަމެއް ވެސް އަދި އެކަމާ ގުޅިގެން ފުލުހުން އެއްވެސް ފަރާތަކާއި ސުވާލު ކުރިކަމެއް ވެސް ފުލުހުން ސާފުކޮށެއް ނުދިނެވެ.

އެކަން ހިނގި ގޮތް ހާމަކުރައްވަމުން "އަވަސް" އަށް ޝަހީބު ވިދާޅުވީ، ގޮތުގައި އިއްޔެ ހެނދުނު ބާއްވަން އުޅުނު ކޮމިޝަންގެ ބައްދަލުވުމުގެ ކުރިން ސޮފްވާން އޭނާއާ ބައްދަލުކުރަން އެދުމުން ކޮމިޝަންގައި ހުންނަ ރައީސްގެ ކޮޓަރިކޮޅަށް ވަޑައިގެންނެވި އެވެ. އަދި އެ ކޮޓަރި ކޮޅަށް ވެންނެވުމުން ސޮފްވާން އެ ކޮޓަރީގެ ދޮރުތަޅުލައި ބޭރަށް ނުނިކުމެވޭ ގޮތަށް ހެދުމަށް ފަހު ކަންތައްތަކަކަށް ޑިމާންޑް ކުރި ކަމަށް ޝަހީބު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސޮފްވާން ފުރަތަމަ ޑިމާންޑް ކުރެއްވީ، ކޮމިޝަނުން އިސްތިއުފާ ދެއްވުމަށެވެ. އެކަން ނުކުރާނެކަމަށް ބުނުމުން ސޮފްވާން ދެން އެދެމުން ދިޔައީ، އަށް ދުވަހުގެ ޗުއްޓީއެއް ނަންގަވައިގެން ގޭގައި މަޑުކުރުމަށް ކަމަށް ޝަހީބު ވިދާޅުވި އެވެ. އެހެން ނަމަވެސް، އެކަން ވެސް ނުކުރެވޭނެ ކަމަށް، ދެންނެވުމުން ސޮފްވާން ދެން ހުށަހެޅީ، މެމޯއެއް ނެރެ ރައީސްގެ މަސްއޫލިއްޔަތުތައް ނައިބު ރައީސްއާ، އަށް ދުވަހަށް ހަވާލުކުރުމަށެވެ. އެކަމަށް ވެސް އެއްބަސްވެ ވަޑައި ނުގެންނެވި ކަމަށް ޝަހީބު ވިދާޅުވި އެވެ.

އެ މައްސަލައިގައި، ޝަހީބު ފުލުހުންގެ ކިބައިން އެދިލެއްވީ އޭނާއަށް ސެކިއުރިޓީ ދިނުމަށާއި ސޮފްވާން ހިންގި އަމަލުތައް ތަހުގީގު ކޮށްދިނުމަށެވެ. އެކި މައްސަލަތަކުގައި ބްރޮޑްކޮމްއިން ރާއްޖެޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ މައްސަލައިގައި ޝަހީބަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ސޮފްވާން ވިދާޅުވީ، އެފަދަ ކަމެއް ހިނގިކަން އޭނާއަށް އެނގިފައި ނެތް ކަމަށާއި މައްސަލައެއް ފުލުހަށް ހުށަހަޅާފައި އޮތް ނަމަ އެކަމުގެ އިތުރު މައުލޫމާތު ފުލުހުންގެ ކިބައިން ސާފުކުރަން އެދޭ ކަމަށެވެ. ސޮފްވާން އަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.