ހަބަރު

އީސީގެ މެންބަރުންނަށް ވަގަށް ގޮވި މައްސަލަ ބްރޯޑްކޮމާއި ޕޮލިހަށް ހުށަހަޅައިފި

އިލެކްޝަން ކޮމިޝަން، އީސީގެ ރައީސް އަހުމަދު ޝަރީފް އަދި އެކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކުރަމްއަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވަގަށްގޮވި މައްސަލަ ފޮލިހަށާއި ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަން މިއަދު ނިންމައިފި އެވެ.

އީސީން މިއަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާލައި ވޯޓް ވަގަށް ނަގާފައިވާކަމަށް ބުނެ ޕީޕީއެމުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގައި މުއާޒް، އިސީގެ ރައީސް ޝަރީފަށާއި އަކްރަމް ވޯޓުގައި ބޮޑު ތަނުން ވައްކަން ކޮށްފައިވާ ކަމަށް ވިދާޅުވެ ވަގަށް ގޮވާފަ ވެއެވެ.

އެކަމާ ގުޅިގެން އަކްރަމް "އަވަސް" އަށް ވިދާޅުވީ، އަބުރަށް ހުުތުރުވާ ގޮތަށް މުއާޒް ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. އަދި އެމައްސަލަ އަކީ ޖިނާއީ މައްސަލައެއް ގޮތަށް ފުލުހަށް ހުށަހަޅާނެ ކަމަށެވެ. އަދި އެމަންޒަރުތައް ޗެނަލް 13 އިން ލައިވް ކޮށްފައިވާތީ އެމައްސަލަ ތަހްގީގްކޮށް ފިޔަވަޅު އަޅައިދިނުމަށް މިއަދު ބްރޯޑްކޮމް އަށް ހުށަހަޅާނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް އަށް އެމައްސަލަ އެކޮމިޝަނުން ބައްލަމުން ގެންދާތޯ ނުވަތަ އެމައްސަލަ އެއްވެސް ފަރާތަކުން ހުށަހަޅާފައިވޭތޯ ސުވާލު ކުރެއްވުމުން، އެކަން އޭނާ އަށް ނޭންގޭ ކަމަށް ވިދާޅުވި އެވެ. އަދި އެ މައްސަލަ ލިބުނުތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.

ކޮންމެ ރެޔަކު ޕީޕީއެމްއިން މުޒާހަރާ ކުރަމުން ދަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިލެކްޝަން ކޮމިޝަންގެ މެންބަރުން އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. މަދު ބަޔަކު ބައިވެރިވާ އެ މުޒާހަރާ ކުރިއަށް ގެންދަނީ އެއްވުން މަނާ ސަރަހައްދެއްގަ
އެވެ.

އީސީން މީގެ ކުރިން ވަނީ ޕީޕީއެމުން ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓާނުލައިފިނަމަ އެޕާޓީއާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރުންނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތައް ދައްކާ މީހުންނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި ޕީޕީއެމްގެ މުޒާހަރާތައް ލައިވްކޮށް ގެނެސްދޭ ޓީވީ ޗެނަލްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް މައްސަލައެއް ހުށަހަޅަން ނިންމާފައި ވެއެވެ.