ރައީސް މުހައްމަދު ނަޝީދު

ނަޝީދު އެދިވަޑައިގެންނެވީ ފިތުނަ އުފައްދާ ޗެނަލްތައް ނުބަލަން

ނަފްރަތާއި ފިތުނަ ފަސާދަ އުފައްދާ ޗެނަލްތައް އަޑު ނޭއްސެވުމަށް ރައްޔިތުންގެ ކިބައިން ރައްްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ ޗެނެލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަންޖެހޭ އާންމުންގެ މީހަކު ބުނި މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުންދަނިކޮށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މީޑިއާއެއް އުވާލަން ބުނުމަކީ އެދެވިގެންވާ ގޮތެއް ނޫން ކަމަށެވެ. އަދި އެއްވެސް މީޑިއާއަކުން ރުޅިވެރިކަމާއި ނަފްރަތާއި ހަސަދަ އާއި ފިތުނަ ފަސާދަ އުފެއްދުމަކީ އެކަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ އެފަދަ މީޑިއާތައް އަޑު ނޭއްސެވުން. ގަބޫލު ނުކުރެެއްވުން،"

ޗެނެލް 13 އިން ގެނެސްދޭ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައިވެރިވެ ވާހަކަ ދެއްކި މީހަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް ހުޅުޖަހަންޖެހޭ ކަމަށް ބުނެފަ އެވެ. އެމީހާ އެހެން ބުނާ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް އެއީ ޓެރަރިޒމަށް ހިތްވަރު ދޭ ކަމަށްބުނެ ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ޓީވީ ޗެނަލް އަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެން ކަމުން އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ޗެނެލް 13 އަށް ފާޑު ކިޔުން އަމާޒުވެ އެ ޗެނަލުން ވަނީ ބެލުންތެރިންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި އެމީހާ އެހެން ބުނުމާއެކު ވަގުތުން ފޯނު ކަނޑާލާފައިވާ ކަމަށާއި އެ ޗެނަލަކީ އަނިޔާވެރިކަމަށް ހިތްވަރުދޭ ޗެނަލެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.