ޕީޕީއެމް

ސަމަދު ވީތަނެއް ނޭނގޭތީ ހޯދައިދިނުމަށް އެދިއްޖެ

Feb 12, 2023

އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު ވީތަނެއް ހޯދައިދީ އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ އެކު އާއިލާއަށް މިވަގުތު ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ޕީޕީއެމް އިން ގޮވާލައިފި އެވެ.

ޕީޕީއެމް އިން މިހެން ބުނެފައި މިވަނީ ސަމަދު، ބޭސް ފަރުވާއަށް އާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ދަތުރުކޮށް އިއްޔެގެ ވަގުތެއްގައި އޭނާ އިންޑިއާގެ އިމިގްރެޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ. އޭގެފަހުން ސަމަދުގެ އެއްވެސް ހަބަރެއް އާއިލާއަށްވެސް އަދި ޕާޓީއަށްވެސް ނޭނގޭ ކަމަށް ޕީޕީއެމް އިން ބުނެ އެވެ.

"އިއްޔެގެ ވަގުތެއްގައި އަބްދުއްސަމަދު ފޭސްބުކް އަށް ދޫކޮށްލައްވާފައިވާ ވީޑިއޯއަކުން އެނގޭ ގޮތުގައި ޕާސްޕޯޓް މައްސަލައެއް އުޅޭ ކަމަށް ބުނެ އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރު ކުރިކަން އެނގެން އެބައޮތެވެ. އަދި އިންޑިއާ އިން މިއަދުގެ މެންދުރު މާލެ އަންނަ ފްލައިޓަކުން މާލެ ފޮނުވާލާ ކަމަށް އަބްދުއްސަމަދުގެ ގާތް ރަހްމަތްތެރިންގެ ފަރާތުން މައުލޫމާތު ލިބުނުނަމަވެސް، މިއަދުގެ އެއްވެސް ފްލައިޓަކުން މާލެ ގެނެވިފައެއް ނުވެ އެވެ." ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް އިން ބުނީ ސަމަދު ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެން ފޮރިން މިނިސްޓްރީއާއި، ޖެންޑާ މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސަމަދު އާއި ބެހޭ މައުލޫމާތު އިންޑިއާ ސަރުކާރާ ގުޅިގެން ހޯދައިދީ ސަމަދާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވީއެންމެ އަވަހަށް ހިއްސާކޮށްދިނުމަށް އެދިފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޕީޕީއެމް އިން ބުނީ ސަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމަށްޓަކައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާ ކަމަށެވެ. ސަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވީނުވީއެއް ނޭނގިފައިވާތީ އަންހެނުންނާއި ދަރިފުޅަށް ކުއްލި ސިހުމާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ޕީޕީއެމް އިން ބުނެ އެވެ.

"މިކޯލިޝަނުން ދެކޭ ގޮތުގައި މިއީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ މި ކޯލިޝަނުން ކުރިއަށް ގެންދާ އިޖްތިޖާޖުގައި އަޑުއުފުލަމުންދާ އެކިއެކި ފަރާތްތަކަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ އަމަލެކެވެ. ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން މިއަދު މިތިބީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިކަން ވަރަށް ބޮޑަށް ސާފުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަމަދުއާ މެދު އަމަލުކުރެވިގެން ދިޔަ ގޮތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިހާރުން މިހާރަށް ސަމަދު ދޫކޮށްލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާފައިވެ އެވެ.

"ހަމަ އެއާއެކު ސަމަދު ވީތަނެއް ހޯއްދަވައިދެއްވުމަށާއި، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އޭނާއާއި ބެހޭ މައުލޫމާތު އާއިލާއަށް ހިއްސާ ކޮށްދިނުމަށާއި، މިވަގުތު އިންޑިއާގައި މަގުމަތިވެފައިވާ އޭނާގެ އާއިލާއަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް މި ކޯލިޝަނުން ދިވެހި ސަރުކާރަށް ގޮވާލަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.