ވިޔަފާރި

ތާޒާމަސް ލިބޭ މާރުކޭޓަކާއެކު މިފްކޯ މަސް ފިހާރަ ފައްކާ ކުރަނީ

Jan 24, 2015

ތާޒާމަސް ލިބޭ މާރުކޭޓަކާއެކު މިފްކޯ މަސް ފިހާރަ ފައްކާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ މިފްކޯ މަސް ފިހާރައިން ދޭ ހިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން މަސް ފިހާރަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން މިފްކޯ މަސް ފިހާރާ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" މަސް ފިހާރަ އަލުން ހުޅުވޭއިރު އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެންނާނީ ފްރެޝް މަސް ލިބޭނެ މާކެޓެއް ހުރުން. މަސް މާރުކޭޓުގައި މި ހުންނަނީ އެންމެ ހައިޖެނިކްކޮށް ލިބޭ މަހެއް ނޫންކަން ނޭނގެ. މިފްކޯ ފިހާރަ އަލުން ހުޅުވާއިރު ލިބޭނެ އެންމެ ބޮޑު ލުއި ފަސޭހައަކީ ކައްސާލާނެ ކަމުގެ ބިރެއް ނެތި މަސް ގަނެލަން ފުރުސަތު ލިބުން. ގަރުދިޔަ ކައްކާލަން ވެސް ފްރެޝް މަސް ލިބޭނެ މާރުކޭޓެއް ހުރުން،" އަދްލީ ވިދާޅުވި އެވެ.

މިފްކޯ މަސް ފިހާރަ އަޕްގްރޭޑް ކުރުމުގެ ގޮތުން މިހާރުވަނީ އެ ފިހާރަ ބަންދުކޮށްފަ އެވެ. އަދި އެ ފިހާރައން ވިއްކަމުން ދިޔަ ބާވަތްތައް މިހާރު ވިއްކަނީ އެފްއޭއެމް ބިލްޑިންގެ ތިރީގައި ހަދާފައިވާ ކުރީގެ ކޫއްޑޫ މަސް ފިހާރައިންނެވެ.

އަދްލީ މިފްކޯ މަސް ފިހާރަ މަރާމާތުކޮށް ނިމުމުން ކޫއްޑޫ މަސް ފިހާރަ ބަންދު ކުރާނެ ކަމަށެވެ. މި ބަދަލު ގެނައުމުގެ ބޭނުމަކީ ކުރިން ވަކިން ހިންގަމުން ދިޔަ މިފްކޯ އާއި ކޫއްޑޫ އަދި ފެލިވަރު އެއް ކުންފުންޏެއްގެ ދަށަށް ސަރުކާރުން ބަދަލު ކުރުމާއި ގުޅިގެން ހަރަދުތައް ކުޑަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޫއްޑޫ ފިހާރަ ބަންދު ކުރިނަމަވެސް މައްޗަންގޯޅި، ރައްދެބައި މަގުގައި ހިންގަމުން ގެންދާ "ފެލިވަރު މަސް ފިހާރަ" ބަންދު ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

"ހަރަދު ކުޑަ ކުރުމަށް ހުރިހާ ފިހާރައެއް ބަންދު ކުރުން ރަނގަޅެއް ނުވާނެ. ހަރަދު ކުޑަކުރުމުގެ އެއް ޕޮލިސީއެއް ފައިދާ އިތުރު ކުރުމަކީ ވެސް. ރައްޔިތުންނާއި ހަމައަށް ހިދުމަތް ފޯރުކޮށްދިނުމަކީ،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެލިވަރު ފިހާރައަކީ މާލޭގެ މެދުތެރޭގައި އާއްމުންގިނަ ހިސާބެއްގައި ހުރި ފިހާރައަކަށްވުމުގެ އެ ފިހާރަ ބަންދުކޮށްފިނަމަ ގިނަ ބަޔަކަށް ދަތިވާނެ ކަމަށެވެ.

" އެ [ފެލިވަރު] ފިހާރަ ވިޔަފާރި ވެސް ރަނގަޅު. އެއީ ރައްޔިތުންނަށް ދެވޭ ރަނގަޅު ހިދުމަތެއް. ވަރަށް މީހުން ގިނަ ހިސާބެއްގަ އެތަން މި ހުންނަނީ. އެ ފިހާރަ ނަގައިފިނަމަ ރައްޔިތުން ތަކެއް މި ހިސާބަށް [މިފްކޯ މަސް ފިހާރަ ހުރި ހިސާބަ] ށް ވިޔަފާރި ކުރަން އަންނަން ޖެހޭނެ،" އަދްލީ ވިދާޅުވި އެވެ.