ޑރ. އަހުމަދު ޒާހިރު އަލީ

އޫރު މަހާއި ރަލަށް ހުއްދައެއް ނުދެން، ކެސީނޯއެއް ނޭޅޭނެ: މިނިސްޓަރު

ރާއްޖޭގައި ކެސީނޯ އަޅަން ހުއްދަ ނުދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒާހިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ކެސީނޯ އަޅަންވެގެން އިސްލާމިކް މިނިސްޓްރީއަށް ހުއްދައެއް ނުއެއް ދެވޭނެ، ދީނުގައި މަނާ ކުރައްވާފައި އޮންނަ ކަމެއް އެއީ،" ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ ރަލާއި އޫރު މަސް ވިއްކަމުން ދަނީ ކުރިންސުރެ ރިސޯޓްތަކުގައި ޣައިރު މުސްލިމުންނަށް ރަލާއި އޫރުމަސް ވިއްކަން ހަދާފައިވާ އުސޫލެއްގެ ތެރެއިން ކަމަށެވެ. އެކަމުގައި އިސްލާމިކް މިނިސްޓްރީގެ ބައިވެރިވުމެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ޣައިރު މުސްލިމުންނަށް ރަލާއި އޫރު މަސް ވިއްކުމަށް ހުއްދަ ދީފައިވަނީ ވަކި ޝަރުތުރަކެއްގެ ތެރެއިން ކަމަށް ޒާހިރު ވިދާޅުވި އެވެ. އެގޮތުން ދިވެހިން މި މަސައްކަތުގެ ތެރޭގައި ނޫޅުމަށާއި ދިވެހިންގެ ހިއްސާއެއް މިކަމުގެ ތެރޭގައި ނުބޭއްވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރުގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ޖާބިރު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފަ އެވެ.

ޖާބިރު ވަނީ ރާއްޖޭގައި ރަލާއި އޫރުމަސް ވިއްކާ އުސޫލުން ދިވެހިންނަށް ނުވަދެވޭ ގޮތަށް ކެސީނޯއެއް އަޅަން ހުއްދަ ނުދެނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.

ޖާބިރުގެ ސުވާލަށް ޖަވާބުދެއްވުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓަރު ޒާހިރަށް ދެއްވާފައެއް ނުވެ އެވެ.