ރިއާނާއަށް ދެވަނަ ދަރިއަކަށް ބަލިވެއިންކަން އިއުލާންކޮށްފި އެވެ.
އުމުރުން 34 އަހަރުގެ ރިއާނާ ފީނިކްސްގައި އޮތް މިއަހަރުގެ ސުޕާ ބޯލް ހާފްޓައިމްގައި ލަވަކިޔަމުން ޕާފޯމްކުރިއިރު ބޭރުން ލައިގެންހުރި ރަތްކުލައިގެ ޖަމްޕްސޫޓްގެ ޒިބު ދަށްބަޑަށް ތިރިކޮށް، ބެލްޓެއް އަޅާފައިހުރިއިރު ބޮޑުވަމުން އަންނަ ބަޑު ފެންނަން ހުއްޓެވެ. އަދި ބަނޑުގައި އަތްކާއްތާވެސް ހެދި އެވެ.
ރިއާނާއަކީ ސުޕާ ބޯލް ހާފްޓައިމްގައި ޕާފޯމްކުރި ފުރަތަމަ މާބަނޑު އަންހެނާ އެވެ.
ރިއާނާ ޕާފޯމްކުރަމުން "އަމްބްރެއްލާ"، "ޑައިމަންޑްސް"، "ރަން ދިސް ޓައުން" އަދި "ވީ ފައުންޑް ލަވް" ފަދަ ލަވަޔައް ކިޔަމުން ދިޔައިރު، އެއްފަރާތުގައި ރިއާނާގެ ލޯބިވެރިޔާ އޭސެޕް ރޮކީ ހިތްވަރުދީ، ނަށާ ހަދަން ހުއްޓެވެ. އޭސެޕް ރޮކީ އަކީ ރެޕާ އަދި ރެކޯޑް ޕްރޮޑިއުސަރެކެވެ.
ރިއާނާ އާއި އޭސެޕް ރޮކީ އަށް މޭ 2022 ގައި ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ. ރިއާނާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ސުޕާ ބޯލް ހާފްޓައިމްގައި ޕާފޯމްކުރުމާމެދު ވިސްނަމުންގޮސް، އެއީ ކުރަންވީ ކަމެއްތޯ ވެސް އަމިއްލަ ނަފްސާ ސުވާލުކުރެވު ކަމަށެވެ. އެއީ މަންމައަކަށް ވުމުން އޭނާ އިސްކަންދޭ ކަންކަން ބަދަލުވުމާ ގުޅިގެންނެވެ.