ޖުމްހޫރީ ޕާޓީ

ޖޭޕީގެ ލީޑަރުގެ މަގާމު އުވާލަން ދެކޮޅު ހަދައިފި

Feb 13, 2023
1

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވައިދަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ޕާޓީގެ ލީޑަރުގެ މަގާމު އުވާލުމުގެ އިސްލާހު ފާސްކުރަން ޖޭޕީގެ ކައުންސިލުން ދެކޮޅު ހަދައިފި އެވެ.

މާލޭގައި މިމަހުގެ 24 އަދި 25 ވަނަ ދުވަހު ބާއްވާ ޖޭޕީގެ ކޮންގްރެސްގައި އަސާސީ ގަވައިދަށް ހުށަހަޅަން ނިންމި އެންމެ މުހިއްމު އިސްލާހަކީ ވެސް ޖޭޕީގެ ލީޑަރުގެ މަގާމު އުވާލުމެވެ.

މިއިސްލާހުގައި ވަނީ ޖޭޕީގެ ލީޑަރުގެ މަގާމު އުވާލުމަށްފަހު ޕާޓީގެ އެންމެ އިސް ބޭފުޅަކީ ޕާޓީގެ ރައީސް ކަމުގައި ކަނޑައެޅުމަށެވެ. އަދި ޕާޓީގެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިނަމަ އެ ބޭފުޅަކީ ޕާޓީގެ ރައީސްއަށް ވާނެ ކަމަށްވެސް އިސްލާހުގައިވެ އެވެ.

ނަމަވެސް މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަގުލަބިއްޔަތުން ވަނީ ޕާޓީގެ ލީޑަރުގެ މަގާމު އުވާލުމުގެ އިސްލާހު ކޮންގްރެސްއަށް ހުށަހެޅުމަށް ނުފެންނަ ކަމަށް ނިންމާފަ އެވެ.

ކައުންސިލުން މިގޮތަށް ނިންމި ނަމަވެސް މިކަމާ ގުޅޭ ތަފްސީލްތައް ޖޭޕީން އަދި ހާމައެއް ނުކުރެ އެވެ.

ޖޭޕީ އުފެއްދި ފަހުން މިހާތަނަށް އެ ޕާޓީގެ ލީޑަރުގެ ގޮތުގައިވެސް އަދި ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައިވެސް ހުންނެވީ ގާސިމް އިބްރާހީމް އެވެ. ޖޭޕީގެ އަސާސީ ގަވައިދު މިހާރު އޮތް ގޮތުން އެ ޕާޓީގެ ލީޑަރަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ.

ޖުމްހޫރީ ޕާޓީގައި ރައީސްގެ މަގާމާއި ހަތަރު ނައިބް ރައީސުންގެ މަގާމު ވެސް އޮވެ އެވެ. ނަމަވެސް ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން އެ މަގާމު އޮތީ ހުސްވެފަ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށް އެ ޕާޓީން ކުރިން ބުނެފައިވެ އެވެ. ނަމަވެސް މިހާރު ބުނަނީ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ކައުންސިލަށް މެންބަރުން ހޮވުމަށްފަހު ރިޔާސީ އިންތިހާބުގައި ޖޭޕީން ނިންމާނެ ގޮތެއް ކަނޑައަޅައި އިއުލާންކުރާނެ ކަމަށެވެ.