ޕީޕީއެމް

އަޅުގަނޑުގެ ކުށަކަށްވީ ރައީސް ޔާމީނަށް ތާއީދުކުރުން: ސަމަދު

އިންޑިއާއަށް ކުރެއްވި ދަތުރުގައި ހިފެހެއްޓި ޕީޕީއެމްގެ ހުޅުމާލެ ގޮފީގެ ރައީސް އަބްދުލްސަމަދް މިއަދު އަނބުރާ ރާއްޖެ އަތުވެއްޖެ އެވެ.

އާއިލާއާ އެކު އިންޑިއާގެ ބެންގަލޫރަށް ބޭސްފަރުވާއަށް ގޮސް މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ތިން ދުވަހު ބެހެއްޓުމަށްފަހު ސަމަދު ޑީޕޯޓްކޮށްލުމާ ގުޅިގެން އޭނާ ރާއްޖެ އައީ މިއަދު މެންދުރުފަހު އެވެ.

ރާއްޖެ އައުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި ސަމަދު ވިދާޅުވީ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނެވިއިރު އިމިގްރޭޝަނުން އަމަލުކުރީ އަނިޔާވެރިކޮށް ކަމަށެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވެސް އާއިލާއަށް އޮޅުވާލައިގެން ކަމަށް ވިދާޅުވި އެވެ.

"އާއިލާއަށް އޮޅުވާލައިގެން އިނގިލީގެ ނިޝާނުގެ މައްސަލައެެކޭ ކިޔައިގެން ގެންދިޔައީ،" ކުރިން ޕޮލިހުގައި މަސައްކަތް ކުރެއްވި ސަމަދުބެ ވިދާޅުވި އެވެ.

ސަމަދު އިންޑިއާގައި ހުއްޓާ ހައްޔަރުކުރީ ރާއްޖޭގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި އޭނާ އިސްކޮށް އުޅުއްވާ ކަމަށް ބުނެ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން ކަމަށްވެސް ސަމަދު ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑަށް ކާއެއްޗެއް ނުދީ، ހޭވެސް އަހާނުލައި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި 18 ގަޑިއިރު ވަންދެން ބޭންދި،" ސަމަދު ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ސަމަދުގެ ފޯނުވެސް ވަނީ އަތުލާފަ އެވެ.

ސަމަދު ވިދާޅުވީ އޭނާގެ ހަމައެކަނި ކުށަކަށްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވުމާއި އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވުން ކަމަށެވެ. މަރާލިޔަސް ރައީސް ޔާމީނަށް ކުރައްވާ ތާއީދުކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.