ބޮލީވުޑް

"އެއާލިފްޓް": އަހަރުގެ ފުރަތަމަ ބްލޮކްބަސްޓާ

Feb 3, 2016

މިދިޔަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ "އެއާލިފްޓް" ވަނީ ފާޑުކިޔާ ފަރާތްތަކާއި ބެލުންތެރިންގެވެސް ހިތްއަތުލާފަ އެވެ.

މިފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ފިލްމު ރިލީޒްކުރިތާ ނުވަ ދުވަހުގެ ތެރޭގައިވަނީ އަހަރުގެ އެންމެ ފުރަތަމަ ބްލޮކްބާސްޓާ އަކަށްވި ފިލްމުގެ މަގާމު ހޯދާފަ އެވެ.

ނުވަދުވަހުގެ ތެރޭގައި 100 ކްރޯޑަށް ވުރެން ގިނައިން މިފިލްމަށް އިންޑިއާއިން އެކަނި ލިބިފައިވާއިރު، ފިލްމަށް ކުރި ހަރަދު ވަނީ ފުރަތަމަ ހަފްތާ ބަންދުގައި އެކަނި ލިބި ފައިދާ ވާން ފަށާފަ އެވެ. މިފިލްމު އުފައްދާފައިވަނީ 30 ކްރޯޑްގެ ބަޖެޓަކުންނެވެ.

އެއްހަފްތާ ވުމުގެ ކުރިން މިފިލްމަށް 100 ކްރޯޑް ލިބި، އަހަރުގެ ފުރަތަމަ ބްލޮކްބާސްޓާ އަށް ވި ފިލްމުގެ ލަގަބު ލިބޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް 100 ކްރޯޑް ލިބިފައިވާ ދެވަނަ ހަފްތާގެ ތެރޭގަ އެވެ. ބޭރުގެ އެހެން ގައުމުތަކުގައި މިފިލްމު ދައްކައިގެން މިހާތަނަށް ވަނީ 35 ކްރޯޑަށް ވުރެން ގިނައިން ލިބިގެން ގޮސްފަ އެވެ. މިއާއެކު މިފިލްމު މިހާރު ވަނީ އަހަރުގެ މިހާތަނަށް ރިލީޒްކުރު ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުގެ އިތުރަށް، އެންމެ ފުރަތަމަ ބްލޮކްބާސްޓާގެ ދަރަޖަ ހޯދި ފިލްމަށް ވެސް ވެގެން ގޮސްފަ އެވެ.

މިފިލްމަށް ނުވަދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ ހިއްސާކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ދެވަނަ ހަފްތާގއި ވެސް މިފިލްމަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެގޮތުން އާދިއްތަ ދުވަހާއި ހަމައަށް މިފިލްމަށް 102.76 ކްރޯޑް ލިބިފައިވާ ކަމަށެވެ.

ފިލްމު ކްރިޓިކުންނާއި ބެލުންތެރިންގެ އިތުރުން ބޮލީވުޑްގެ ފަރާތްތަކުން ވެސް ވަނީ މފިލްމަށް ތައުރީފު އޮއްސާފަ އެވެ. މިފަރާތްތަކުން ވަނީ މިއީ މިހާތަނަށް ފެނިގެންގޮސްފައިވާ އެންމެ މޮޅަށް ރާވައި ޑައިރެކްޓްކޮށްފައިވާ ފިލްމުަކަމަށް ބުނެފަ އެވެ.

ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު އިރާގު ސިފައިން ކުވޭތަށް އަރައި އެތަން ހިސޯރުކުރި ދުވަސްވަރު ކުވޭތުގައި ތާށިވެފައި ތިބި އިންޑިޔާގެ ރައްޔިތުން އެތަނުން ސަލާމަތްކުުރުމަށް ރަންޖީތު ކަޓްޔާލް (އަކްޝޭ ކުމާރު) ކުރާ ބުރަ އަދި ބިރުބޮޑު ދަތުރު ދައްކުވައިދޭ ފިލްމެކެވެ.އަކްޝޭގެ ބުރަ މަސައްކަތުން ބައިލައްކައަށް ވުރެން ގިނަ އިންޑިއާ ރައްޔިތުން ސަލާމަތުން ޖޯޑުންގެ ވެރިރަށް އައްމާނަށް އަދި އިންޑިއާ އަށް ގެނެސްދެ އެވެ.

ރާޖާ ކްރިޝްނަ މެނޮން ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ލީޑްރޯލުން އަކްޝޭ އާއެކު ނިމްރަތް ކޯރު ފެނިގެންދާއިރު މުހިންމު ރޯލުން ޕޫރަބް ކޮލީ ވެސް ފެނިގެންދެ އެވެ. މިފިލްމާއެކު އެކްތާ ކަޕޫރުގެ "ކިޔާ ކޫލްހޭ ހަމް 3" ރިލީޒްވެފައިވީ ނަމަވެސް އެފިލްމުގެ ސަބަބުން މިފިލްމުގެ ވިޔަފާރިއަށް ކުޑަވެސް އަސަރެއްކޮށްފަ އެއް ނުވެ އެވެ.

މިދިޔަ ހުކުރު ދުވަހު އާރް މާދަވަންގެ "ސާލާ ކަޅޫސް" ރިލީޒްވި ނަމަވެސް، އެފިލްމުގެ ސަބަބުން ވެސް މިފިލްމުގެ ވިޔަފާރިއަށް ވަކި ބަދަލެއް ނާދެ އެވެ.