( 12 ފެބްރުއަރީ 2023 އާ ގުޅޭ )
އެ ބޭސް ކާޑު ލައިލީ ދުށް މީ ފުރަތަމަ ފަހަރެވެ. އެއީ ޔަގީނުން ވެސް ދަރަކްގެ އެއްޗެއްކަން ލައިލީއަށް ޤަބޫލުކުރެވެއެވެ. އޭނާ ފޯނު ނެގިއެވެ. އަވަސްއަވަހަށް ބޭސްކާޑުގެ ފަހަތުގައި ހުރި ބޭހުގެ ނަން ޖަހައިގެން ފޯނުން ބަލަންފެށިއެވެ. އެއީ ކޮންކަމަކަށް ބޭނުންކުރާ ބޭހެއްކަން އެނގުމާއެކު ލައިލީ އަޖައިބުވެ އަންތަރީސްވެ ދެ ލޯ ބޮޑުކޮށްލެވުނެވެ.
"ދަރަކް މިކަހަލަ ބޭހެއް ބޭނުންކުރަން ޖެހުނީ ކީއްވެ؟." ލައިލީއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.
* * * * *
ރިސެޕްޝަން ކައުންޓަރު ދޮށުގައި އިށީން ގޮތަށް ލައިލީ މަސައްކަތްތައް ފަށައިގަތެވެ. އަކިޔަލް އައިސް އިށީނުމުން އޭނާއަށް ގޮވައެއް ވެސް ނުލިއެވެ. ދެފަހަރަކު ލައިލީއަށް އަކިޔަލް ބަލާ ވެސް ލައިފިއެވެ. ކައިރީގަ އޮތް ގަލަމަކުން ލައިލީގެ އަތުގައި ވެސް އޭނާ ކޮށްޓާލިއެވެ. އަޅާނުލުމުން އަކިޔަލް ބޯއަރިކޮށް ލައިލީގެ މޫނަށް ބަލާލިއެވެ.
"ލައި. އާ ޔޫ އޯލްރައިޓް." ލައިލީގެ މޫނު ފެނިފައި އަކިޔަލް އަހާލިއެވެ. ޖަވާބެއްގެ ގޮތުން ލައިލީ ހޫން ލައްވާލިއެވެ. އެވަރުން އަކިޔަލްގެ ހިތެއް ނުފުރުނެވެ. ލައިލީގެ ދެ ލޯ ހެކިދެނީ އޭނާ ރޮއިފައި ހުރިކަމެވެ. ލައިލީގެ ހިމޭންކަން އަކިޔަލްއަށް ބުނެދިނީ ކަމަކާ އޭނާ ދެރަވެފައި އިންކަމެވެ. އަކިޔަލް ފަޓުލޫނުގެ ޖީބުން ނެގި ސަނާމުގު ޕެކެޓެއް ލައިލީގެ ކައިރީ ބޭއްވިއެވެ. ނަމަވެސް ލައިލީ އެ ބޭނުމެއްނުވިއެވެ.
"ކީއްވެ ރޯން ޖެހުނީ." އިރުކޮޅަކު އިނުމަށްފަހު އަކިޔަލް ވާހަކަދެއްކިއެވެ. ލައިލީ ބަލާލުމުން އަކިޔަލްގެ ނަޒަރު އެހެން ދިމާއަކަށް ބަދަލުކޮށްލިއެވެ. ލައިލީ އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ ކުރަން އިން މަސައްކަތަށް އަލުން އެނބުރުނީއެވެ. ދެވަނަ ފަހަރަށް ސުވާލުކުރަން އަކިޔަލް ހިތަށް އެރިއެވެ. ނަމަވެސް އެ ޚިޔާލު ދޫކޮށްލީ އޭނާގެ އުސޫލެއްނޫންވީމައެވެ. ލައިލީ ބުނަން ބޭނުންނުވާ ކަމެއް ހޯދުމަށް އަކިޔަލް އެއްވެސް އިރަކު މަސައްކަތެއް ނުކުރެއެވެ. ލައިލީގެ ހިމޭންކަން ދޭހަ ކޮށްދެނީ އޭނާއަށް ދިމާވެގެން އެ އުޅޭ ކަމެއް އަކިޔަލްއާ ޚިއްޞާކުރާން ބޭނުންނުވާކަމެވެ. އެ ހިމޭންކަމަށް އަކިޔަލް އިޙްތިރާމް ކުރިއެވެ.
ކޮލުގެ އެތެރެއިން ލައިލީ ދަތްއަޅާލިއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ފޮތުގެ ތެރެއިން ފެނުނު ބޭސްކާޑާ މެދުއެވެ. ލައިލީގެ ދެ ލޯ ރޮއްވާލި ސަބަބަކީ އެ ބޭސްކާޑެވެ. ބޭސްތައް އަޅާފައި ހުންނަ ފޮށީގެ ތެރެއަށް ނުލާ ފޮތެއްގެ ތެރެއަށްލާ ފޮރުވަން ޖެހުނީ ލައިލީއަށް އެ ބޭސްކާޑު ފެނިދާނެތީކަން ގައިމެވެ. ދަރަކް ބޭހެއް ބޭނުންކުރާނަމަ އެއީ ލައިލީ އިންތިހާއަށް ކަންބޮޑުވާނޭ ކަމެކެވެ. އެއީ ކޮންކަހަލަގެ ބޭހެއްތޯ ބަލަން ލައިލީ އަވަސްވެލީ އެހެންވެއެވެ. ނަމަވެސް ބޭހުގެ ހަޤީޤަތް އެނގުމުން އޭނާއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. އޭނާގެ އަތުގައި އޮތް ބޭސް ކާޑަކީ ފިރިހެނުންގެ ޖިންސީބާރު ގަދަކުރުމަށް ޓަކައި ބޭނުންކުރާ ބޭހެކެވެ. އެ ބޭސްކާޑުން ގުޅައެއް މަދުވެފައި ނެތަސް އެފަދަ ބޭހެއް ދަރަކް ގަންނަން ޖެހޭ ސަބަބެއް އޮންނާނެތާއޭ ލައިލީގެ ޟަމީރު ބުންޏެވެ. ދެމަފިރިންގެ ދެމެދުގައި ގުޅުމެއް ނުހިނގާތާ އެތައް މަހަކަށްފަހު އެ ގުޅުމަށް ދަރަކް އިސްނެގީ އިހަށް ދުވަހުއެވެ. އެ ދުވަހުގެ ފަހުން އަދި އެ ދެމެދުގައި އަނބިފިރިކަމުގެ ގުޅުން ހިނގާފައެއްނެތެވެ. ދަރަކް ވެސް ބޭނުންވާކަން ހާމަކޮށްފައެއް ނުވެއެވެ. ވީއިރު ޖިންސީބާރު ގަދަކުރާން ދަރަކް ބޭނުންވާންވީ ކީއްވެ ހެއްޔެވެ.
"އަހަރެންނޫން އެހެން މީހަކާއެކު ދަރަކް ކުރަނީތަ؟." ލައިލީގެ ހިތަށް އެވަގުތު އެރީ އެފަދައިންނެވެ. ސިކުނޑިއަށް އަރަމުންދިޔަ ޚިޔާލުތަކުން ލައިލީގެ ހިތް ކުދިކުދިވާންފެށީ ދެނެވެ. ދެ ލޮލުން ކަރުނަފައިބަންފެށީ ބޮޑު އޮޅުވާލުމެއްގައި ހުރެވެނީއޭ ލައިލީއަށް އިޙްސާސް ކުރެވޭތީއެވެ. ޔަގީން ނުކުރެވި ޝައްކާއި ހީއެއްގައި ނަފްސު ބަނދެވިފައި ހުރުމަކީ ތިމާ ބަލިކަށިކޮށްލައި ހިތްދަތިކުރުވާ އިޙްސާސެކެވެ.
"އަހަރެންގެ އިތުބާރު ގެއްލޭވަރު ކަމެއް ނުކުރާނަމޭ ދަރަކް ބުނި. އަހަރެންނާއެކީ މުޅި އުމުރު އުޅޭން ބޭނުމޭ ބުނި. އެކަމަކު އަހަންނަށް ކަންކަން ސިއްރުކުރަނީ ކީއްވެ؟. ދޮގު ހަދަންވީ ކޮންސަބަބަކާ ހެދި. އަހަރެންނަކީ އެއްވެސް ކަމެއް ނުވިސްނޭ ގަމާރެކޭ ހީކުރަނީތަ؟. ދަރަކް ހެވިލާފައި ލޯތްބާއި އޯގާތެރިކަމުގެ ދެތިން ބަސް ބުނެލާއިރަށް އަހަރެން ހުންނާނީ އުފަލުން ފުދިފައޭ ހީވަނީތަ؟."
ކައުންޓަރު މަތީ ހުރި ޓިޝޫ ފޮށިން ނެގި ޓިޝޫ ލޯ ކައިރީ ނިކަން އަވަހަށް ލައިލީ ޖައްސާލިއެވެ. އަދި ކައްޓެއްހެން އޭނާ ކުއްލިއަކަށް ތެދުވިއެވެ. ފާޚާނާއަށް ގޮސްފައި އަންނަން ކަމުގައި ލައިލީ ބުނެލީ އަކިޔަލްއަށް ފުރަގަސްދީގެން ހުރެއެވެ. ޚިޔާލުގައި ހުރިހާ މަންޒަރެއް ލޯ ކުރިމަތިން ސިފަވުމުން ލައިލީއަށް ކަރުނަ ނުހިފެއްޓުނީއެވެ.
* * * * *
ދެ ދުވަސް ފާއިތުވީއިރު ލައިލީގެ ފުށުން އަދިވެސް ފެންނަނީ ހިމޭންކަމެވެ. އަކިޔަލްއާ އޭނާ ވާހަކައެއް ނުދައްކައެވެ. ދުރުދުރުން އަކިޔަލް ވާހަކައެއް ފެށިޔަސް ލައިލީ ރައްދެއް ނުދެއެވެ. ޑިއުޓީ ނިމޭއިރަށް އެންމެ މިނެޓެއް ވެސް ލައިލީ މަޑުނުކޮށް ގެއަށްދާން ނުކުމެވެ.
"ދަނީތަ؟. ކޮފީބޯލަން މަޑުކޮށްލަންވީނު." ޑިއުޓީ ނިމުމުން ކާޑު ޖަހަން އައި ލައިލީގެ ފަހަތުގައި ހުރެ އަކިޔަލް ވާހަކަދެއްކިއެވެ.
"މިއަދަކުނޫން." ލައިލީ ނިކަން އަވަހަށް ބުންޏެވެ. އަދި ހޮޓެލުން ނުކުންނަން އޭނާ ހިނގައިގަތެވެ.
މަގުމައްޗަށް ނުކުމެވުމުން ލައިލީ ދެކޮޅު ބަލާލިއެވެ. ފުންނޭވާއެއް ދޫކޮށްލާފައި އޭނާ ހިނގައިގަތެވެ. ގެއަށް ދިޔަޔަސް ހިތްހަމަޖެހުމެއްނެތޭ ލައިލީ ހިތުގައި ވިއެވެ. އަނެއްކާވެސް ދަރަކްއާ މަޑުމަޑުން ދުރަށް ލައިލީއަށް ދެވެންފެށީއެވެ. ހަޤީޤަތާ ކުރިމަތިނުލައި ފިރިމީހާއާ ދުރަށް އަބަދަކު ނުދެވެވޭނެކަން ލައިލީއަށް އެނގެއެވެ. އެހެންވިޔަސް ނަގަމުން އަންނަ ރާޅުގެ އުސްމިނާއި ބިޔަކަން އަންދާޒާ ނުކުރެވޭއިރު އެ ރާޅު ބިންދާލުމުން އޭނާގެ މުޅި ދިރިއުޅުން ހަފުސްވެދާނެކަމުގެ ބިރު ލައިލީގެ މާބޮޑެވެ. ދަރަކްއާ ވާހަކަދައްކަން އޭނާ ޖެހިލުންވާ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. ޚިޔާލުތަކުގައި ހުރެ ކުރިޔަށް ހިނގަމުން އައި ލައިލީއަށް ފިރިހެނަކު ގޮވާލި އަޑު އިވިގެން ހުއްޓުނެވެ. ހިމޭންކަން ވެރިވެފައި އޮތް އެ ގޯޅިން ލައިލީގެ އިތުރުން މީހަކު އަންނަކަން އެނގުނީ ދެނެވެ. އޭނާ އެނބުރި ބަލާލިއެވެ.
"އަފްރާހު." ލައިލީއަށް ލިބުނީ ހައިރާންކަމެވެ.
"ގެއަށްތަ ތިދަނީ. މިހިސާބުގައި ދޯ ލައިލީ މަސައްކަތްކުރާ ހޮޓެލް ހުންނަނީ." އަފްރާހު އައިސް ލައިލީއާ ހަމަކޮށް ވާހަކަދެއްކިއެވެ.
"އާން. ދަރަކްއާއެކީތަ ތިއުޅެނީ." ލައިލީގެ ލޯ މަގުމަތިން ދަރަކް ހޯދަމުން ވާހަކަދެއްކިއެވެ.
"ނޭނގޭތަ ދަރަކް ހުޅުމާލެއަށް ގޮސްކަންވީ. އޮފީހުގައި އުޅޭ އަންހެންކުއްޖަކާ ދެމީހުން. މެންދުރުދިޔަ ގޮތަށް އަދި ޚަބަރެއްނުވޭ. ނޭނގެ ކުރަނީ ކީއްކަމެއްވެސް." އަފްރާހު ބުންޏެވެ. ލައިލީގެ ހައިރާންކަން އިތުރުވިއެވެ. އަފްރާހުގެ ވާހަކަދެއްކުން ހުރި ގޮތުންނެވެ. އެއްމިޔަކަނުން ހިނިތުންވެލިއިރު އޭނާގެ މަޤްޞަދާމެދު ލައިލީއަށް ހުރެވުނީ ސުވާލު އުފެދިފައެވެ.
"ދަރަކްއާމެދު ލައިލީ ސުވާލެއް ނުއުފެދޭތަ؟." ލައިލީއާ ކައިރިއަށް ފިޔަވަޅެއް އަޅާލައި އަފްރާހު ބުނެލީ ތަންކޮޅެއް މަޑުމަޑުންނެވެ. ވަގުތުން ލައިލީ ދުރަށް ޖެހިލިއެވެ.
"ކޮންކަމަކާ... އަފްރާހު ތިޔާއެއްޗެއް ނޭނގޭ." ލައިލީ ނިކަން އަވަސްއަވަހަށް ބުންޏެވެ.
"ސީރިއަސްލީ... ހަމަ ނޭނގޭ... ދަރަކްއާއި ސަމައިރާއާ މެދު ޝައްކު ނުކުރެވޭތަ." އަފްރާހުގެ ވާހަކަ އިވިފައި ލައިލީއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ހާސްކަން ލައިލީގެ މޫނުން ފާޅުވާންފެށިއެވެ. ލައިލީއަށް ބަލަން ހުރެފައި އަފްރާހު ޖަހާލީ ހިނިގަނޑެކެވެ.
"އެމީހުން އުޅެނީ ގުޅިގެން. ދަރަކް އެހާ މަކަރުވާނޭ އަހަރެން ހިޔެއްނުކުރަން. ނުލާހިކު ރީތި އަނތްބަކު ބައިންދާފައި އޭނާ އެ ދުވަނީ ޅަކުއްޖެއްގެ ފަހަތުން. ހެ ހެ ހެ... އަސްލު ތި ދެ މީހުން ވެސް އެއްގޮތް. ނޫންތަ؟. ކުރީން ދުވަހު އެ ފެނުނީ ބިޓާއެކި ކޮފީއަށް ގޮސް އިންދާ ދޯ. ލައިލީ ވެސް ބޭނުންވަނީ ދަރަކްއަށްވުރެ ޒުވާން ފިރިހެނެއް ދޯ." އަފްރާހު ބުންޏެވެ.
"ޝަޓަފް." ލައިލީ ބުނެލީ ތަންކޮޅެއް ބާރަށެވެ. އަފްރާހު ދައްކާ ވާހަކައާއި ރާގު ހުރިގޮތާމެދު އެއްގޮތަކަށް ވެސް ލައިލީ ހިތްހަމައެއް ނުޖެހުނެވެ. ލައިލީ އެނބުރިލީ ނުހުރެ ހިނގައިގަންނާށެވެ. އަފްރާހުއާ ވާހަކަދައްކާކަށް އޭނާ ބޭނުމެއްނޫނެވެ. އޭރު ލައިލީގެ ޟަމީރު އިންޒާރު ދެމުން ދިޔައީ އަފްރާހުގެ ނިޔަތް ރަނގަޅުނޫން ކަމެވެ. އޭނާއާ ވީހާ ވެސް ދުރަށް ދިއުމަށެވެ. ނަމަވެސް ލައިލީ ހިނގައިގަންނަންވާއިރަށް އޭނާގެ އަތުގައި އަފްރާހު ހިފައިފިއެވެ.
"މަޑުކޮށްބަލަ. އަހަރެން މީހެއްކައިރީ ނުދައްކާނަން. އުފާކޮށްލައި މަޖާކޮށްލުން މައްސަލައެއްނޫން. ލައި އަދިވެސް ހާދަ ރީއްޗޭ. އަހަރެންނަށް ފުރުޞަތެއް ދޭންވީނު... އަހަރެމެން އެންމެ ފުރަތަމަ ބައްދަލުވި ދުވަހު ވެސް އަހަންނަށް ލައި ވަރަށް ކަމުދިޔަ. އެކަމަކު ލައި ރައްޓެހިވީ ދަރަކްއާ. އަހަންނާއެކު ދާންވީނު." އަފްރާހުގެ ވާހަކައާއެކު ލައިލީގެ އަތުގައި އޭނާ ފިރުމަންފެށިއެވެ. އޭނާގެ މުޑުދާރު ވާހަކަތަކުން ލައިލީ ރުޅިގަދަވިއެވެ. އަތްއުފުލާލީ އަފްރާހުގެ މޫނުގައި ޖަހާށެވެ. ނަމަވެސް ކުއްލިއަކަށް ފެނުނީ އެހެން އަތެއް ލައިލާއާއި އަފްރާހުގެ މޫނާ ދެމެދަށް ހުރަސްވެލިތަނެވެ. ވޭނީ އަޑަކާއެކު އަފްރާހު މޫނުގައި އަތްއަޅައިގެން ހުރެ ލައިލީއާ ދުރަށް ޖެހުނީ ނިކަން ހަލުވިކޮށެވެ.
"އަންހެނަކާ ފޮށޭއިރު ކަލޭ ގޭގައި ތިބި އަންހެނުން މަދީތަ؟." އިވިގެންދިޔައީ އަކިޔަލްގެ އަޑެވެ.
"ކަލޭ..." އަފްރާހު ޖެހިލުންވީ ނަމަވެސް އޭނާ ހިނިގަނޑެއް ޖަހާލީއެވެ.
"އަހަރެން... ނުފޮށެން... ލައިއާ އަހަންނަކީ ފްރެންޑްސް. އެހެންނު ލައި." އަފްރާހު ނިކަން އަވަހަށް ބުންޏެވެ. ނަމަވެސް ލައިލީ ހުރީ އެއްޗެކޭ ބުނަން ނޭނގިފައެވެ.
"ލެޓްސް ގޯ." އަކިޔަލް ބުނެލީ ތަންކޮޅެއް ހަރުކަށިކޮށެވެ. އޭނާ ލައިލީގެ އަތުގައި ހިފައި ދަމާލުމާއެކު އޭނާއާއެކު ގެންދިޔައެވެ. އެ ގޯޅިން ނުކުމެގެން ވަކި ހިސާބަކަށް އާދެވުމާއެކު ލައިލީގެ އަތުން އަކިޔަލް ދޫކޮށްލިއެވެ. އޭނާ ލައިލީއަށް ބަލާލިއެވެ.
"އާކި އެތަނަށް އައީ ކިހިނެއް؟." ލައިލީއަށް އަހާލެވުނެވެ.
"ތީތަ ލައިލީއަށް ފުރަތަމަ ވެސް ކުރަން އެނގުނު ސުވާލަކީ." އަކިޔަލް ބުނެލިއެވެ.
"އަހަރެން ދިޔައީ ސިއްސައިގެން. ހިޔެއްނުކުރަން އާކި ފެނިދާނޭ." ލައިލީ ބުންޏެވެ.
"އައި ޑޯންޓް ލައިކް ދެޓް ޑިސްގަސްޓިން އަގްލީ މޭން." ލައިލީއާ ދުރަށް ނަޒަރު ހުއްޓާލަމުން އަކިޔަލް ބުންޏެވެ. ލައިލީއަށް ތުންފިއްތާލެވުނެވެ. އެއީ ކާކުތޯ އަކިޔަލް އަހާލިއެވެ.
"އެއީ ދަރަކްގެ އޮފީސް ފްރެންޑެއް. އަހަރެމެން ކޮފީއަށް ދިޔަ ދުވަހު އާކިއަށް އޭނާ ފެނިފަ ހުންނާނީ. އަހަރެންގެ ފަހަތުން އަންނަކަން އެނގުނީ ގޮވާލީމަ. އަހަރެމެން އެހާ ކްލޯޒް ނޫނަސް އޭނާ ވާހަކަދައްކަން ފެށީމަ ހުއްޓުނީ." އިސްއޮބާލައިގެން ހުރެ ލައިލީ ވާހަކަދެއްކިއެވެ.
"ކީކޭ އޭނާ ކީ." ދެއަތް އުރާލައިގެން ހުރެ އަކިޔަލް ސުވާލުކުރިއެވެ.
"އެ އޮފީހުގައި އުޅޭ ކުއްޖަކާ ދަރަކް ރައްޓެހިވެގެން އުޅޭކަމަށް. އޭނާ ހީކުރީ އަހަރެމެން ދެމެދުގައި ވެސް އެކަހަލަ ގުޅުމެއްކަމަށް އޮތީ. އަހަންނާއި އާކި އުޅެނީ ރައްޓެހިވެގެންކަމަށް." ލައިލީ ބުންޏެވެ. ވިސްނަން ހުރި މީހަކު ފަދައިން އަކިޔަލް ލައްވާލީ ހޫންއެކެވެ.
"މިހިރަތަނަށް ވަންނަމާ." މަގުގެ އަނެއްފަރާތުގައި ހުރި ރެސްޓޯރެންޓަށް އަކިޔަލް އިޝާރާތްކޮށްލިއެވެ.
އަކިޔަލްއާއެކު ރެސްޓޯރެންޓް ތެރެއަށް ލައިލީ ވަދެގެން އައެވެ. ހަވީރު ސަޔަށް ތަފާތު ބާވަތްތައް ހިމެނޭ ބުފޭއެއް އޮތެވެ. ލައިލީ ގާތު ނަގަން ބޭނުންވަނީ ކޯއްޗެއްތޯ އަކިޔަލް އަހާލިއެވެ. އޭނާ އެއްވެސް އެއްޗެއް ބޭނުމެއްނުވިއެވެ.
"އާކި ބޭނުން އެއްޗެއް ނަގައި. އަހަރެންގެ ޓްރީޓެއް. އިޓްސް އަ ތެންކިޔު ޓްރީޓް." ލައިލީ އަތްދަބަސް ތެރެއިން ވޮލެޓް ހޯދަމުން ބުންޏެވެ. އެހިނދު އަކިޔަލް އަތްދަބަހުގައިވީ ލައިލީގެ އަތްމަތީ އަތްޖައްސާލިއެވެ.
"ދޭ އިށީނަން. އެންމެ އެކޮޅުގައި އޭނދަ މޭޒު އަހަރެން ބޭނުމީ. މީހަކު ނީށީންނަނީސް ލައި ދޭ އެމޭޒަށް." އަކިޔަލް ބުންޏެވެ. ބާރަށް ނުބުންޏަސް އަކިޔަލް އަމުރެއް ކުރި ކަހަލައެވެ.
"އައިލް ޕޭ." ލައިލީ ބުންޏެވެ.
"ލައި... މިތާ މީހުން ހީކުރާނީ އަހަރެން ލައި ކިޑްނެޕްކޮށްގެންނޭ ގެނެސްފައި ތިހުރީ. ތި ދެއަތުގައިވާ ތުރުތުރު އަހަންނަށް އެބަފެނޭ. ޕްލީޒް. އަހަރެން އަންނަންދެން ގޮސް އެ މޭޒު ދޮށުގައި އިށީނދެ އިނދޭ." އަކިޔަލް މިހެން ބުނެ ހިނގައިގަތީ ބުފޭއިން ކާއެއްޗެހި ނަގާށެވެ.
ތަބަކުގައި ދެ ސައިޖޯޑާއި ހެދިކާ ތަށްޓެއް ހިފައިގެން އައިސް އަކިޔަލް މޭޒުދޮށުގައި އިށީނެވެ. އިސްއޮބާލައިގެން އިން ލައިލީ ލަސްލަހުން އިސްއުފުލާ ބަލާލިއެވެ. ސައިޖޯޑު ލައިލީގެ ކުރިމަތީ ބަހައްޓާލަދެމުން ހޫނުވާނޭކަން އަކިޔަލް ބުންޏެވެ.
"އައި ވޯންޓް ކޯލް ޔޫ އަގްލީ." ލައިލީގެ ފެންކަޅިވެފައިވާ ދެ ލޯ ފެނި އަކިޔަލް މަޑުމަޑުން ބުނެލިއެވެ. ލައިލީ އަވަސް އަވަހަށް އަނެއްކާ ވެސް އިސްއޮބާލީއެވެ. އެހިނދު މޭޒުމަތީ ހުރި ޓިޝޫއެތި ލައިލީގެ ކައިރިއަށް އަކިޔަލް ޖައްސާލިއެވެ.
"އިޓްސް އޯކޭ. ކަރުނަ ހިފެހެއްޓުމަށްވުރެ ފައިބައިގެންދާން ދޫކޮށްލިއްޔާ މީހާ ހަމައެކަނި ވިސްނަން ފުރުޞަތު ލިބޭނެ." ކުރިޔަށްވުރެ ވެސް އަކިޔަލްގެ އަޑު މަޑުވެލިއެވެ. ލައިލީއަށް ޓިޝޫއާއެކު ދެއަތުން މޫނު ފޮރުވާލެވުނެވެ. ލައިލީއަށް ލިބިފައިވާ ސިހުން އަކިޔަލްއަށް ފެނެއެވެ.
ބުނެދޭން ދަތިވިޔަސް އަކިޔަލްގެ ހިތުގައި ލައިލީއާ މެދު ހިނގަނީ ކޮންކަހަލަ ޖަޒުބާތެއްކަން ޚުދު އޭނާއަށް އެނގެއެވެ. މި ދެ ދުވަހު ލައިލީގެ މޫނުން ފެންނަ ހިތްދަތި މާޔޫސްކަމުގެ ހަޤީޤަތް އެނގެން އަކިޔަލްގެ ވަނީ ކެތްތެރިކަން ކުޑަވެފައެވެ. ލައިލީގެ ފަހަތުން އައުމަށް އޭނާއަށް މަޖުބޫރުކުރީ ވެސް އެ ހިމޭންކަމާއި މޫނުގައި ފެންނަން ހުންނަ ހިތްދަތި އަސަރެވެ. ދުނިޔޭގައި ހިނގާ އެއްވެސް ކަމަކަށް ލައިލީގެ ޚިޔާލެއް ފިކުރެއްނުވާ ކަހަލައެވެ. ލައިލީގެ ފަހަތުން އަކިޔަލް އައިއިރު ވެސް އޭނާއަށް ނޭނގުނީ އެހެންވެގެންނެވެ.
"އާކި... އަހަރެން... ހަޤީޤަތަކީ ކޮބާކަމެއް އޮޅުވާލުމަކީ ކޮބާކަމެއް ނޭނގޭ... ޤަބޫލުކުރަންވީ ކިހިނެއްކަމެއް ނޭނގޭ... އަހަރެންނަށް ހަމަ އެކައްޗެއް ވެސް ނޭނގޭ. އަހަރެން ދެން ހަދަންވީ ގޮތެއް ވެސް ނޭނގޭ." ލައިލީ ރޮމުން ގިސްލަމުން މަޑުމަޑުން ވާހަކަދެއްކިއެވެ.
ދެއަތްއުރާލައިގެން ގޮނޑީގައި ލެނގިލައިގެން އަކިޔަލް އިނީ ވިސްނާށެވެ. ލައިލީ ހިތްހަމަޖެހި ހުއްޓާލަންދެން އޭނާ އިންކަހަލައެވެ. ލައިލީގެ ދެ ލޮލާއި ނޭފަތް ފުހެފައި ހުރި ޓިޝޫތައް ގިނަވެފައި ހުއްޓެވެ. އަމިއްލަ ނަފްސު ހަމައަކަށް އެޅިއްޖެހެން ހީވުމުން އަކިޔަލްއަށް ލައިލީ ބަލާލިއެވެ.
"ސޮރީ." ލައިލީ މަޑުމަޑުން ބުނެލިއެވެ.
"މިއަދު އެ ފެނުނު މީހާއަކީ ލައިގެ ހަޒްބަންޑާ އެއްއޮފީހެއްގައި އުޅޭ މީހަކަސް އެއީ މީހަކު އިތުބާރުކުރަންވާ ކަހަލަ މީހެއްހެން ހިޔެއްނުވޭ. އަނެއްކޮޅުން ލައިގެ ހަޒްބަންޑު ވެސް ތެދު ހަދާކަމެއް ނޭނގޭ. އެހެންވީމަ އޭނާއަށް ވެސް އިތުބާރު ކުރާން ފަސޭހައެއްނުވާނެ... ޔަގީންކުރާން ބޭނުންވަނީ އޭނާ ޗީޓުކުރޭތޯ ނޫނީ ނުކުރެތޯ... ސޯ... އަހަރެން ތިކަމުގައި ލައިލީއަށް އެހީވެދޭނަން." އަކިޔަލް ވަރަށް ވިސްނާފައި ގޮތެއް ނިންމީއެވެ.
(ނުނިމޭ)