ބޭރު ކުޅިވަރު

ލިވަޕޫލަށް ނުދެވި ޓަކްސޭރާ މާޔޫސްވެފައި

އޭނާ ކުޅެން ބޭނުންވަނީ ލިވަޕޫލަށް ކަމަށާއި އެކަން ނުވެގެން މާޔޫސްވެފައިވާ ކަމަށްވާ ޔުރްކޭނުގެ ޝަކްޓާ ޑޮނެސްޓްގެ ފޯވަޑް އެލެކްސް ޓަކްސޭރާ ބުނެފި އެވެ.

މި ސީޒަނުގައި ކުޅުނު 15 މެޗުން 22 ގޯލު ޖަހާފައިވާ ޓަކްސޭރާ އަށް ލިވަޕޫލަށް ބަދަލުނުވެވިގެން އުޅެނީ އޭނާގެ އަގާމެދު ދެ ކުލަބަށް އެއްބަސްނުވެވިގެންނެވެ. ލިވަޕޫލުން ހުށަހަޅާފައިވަނީ 24.5 މިލިއަން ޕައުންޑެވެ. ނަމަވެސް ޝަކްޓާއިން ގަބޫލު ކުރާ ގޮތުގައި ޖެނުއަރީ ޓްރާންސްފާގައި އޭނާ ވިއްކާލާނަމަ މަދުވެގެން 32 މިލިއަން ޕައުންޑް ލިބެންވާނެ އެވެ. އަދި ސީޒަނަށް ނިމިގެން އޭނާ ވިއްކާލަން މަޑުކޮށްފިނަމަ މި އަގު 38 މިލިއަން ޕައުންޑަށް އަރާނެ އެވެ.

އުމުރުން 26 އަހަރުގެ ޓަކްސޭރާ ގެނައުމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބޭނުންވަނީ އެ ޓީމުގެ ތިން ފޯވަޑަކު އަނިޔާގައި ތިބުމާއި މިހާރު ތިބި ފޯވަޑުންނަށް ގޯލު ނުޖެހޭތީ އެވެ.

"ލިވަޕޫލަކީ ވަރަށް ރަނގަޅު ކުލަބެއް. ވަރަށް ގިނަ މޮޅު ކުޅުންތެރިން ވަނީ އެކުލަބަށް ކުޅެފައި،" ޓަކްސޭރާ ބުންޏެވެ.

ލިވަޕޫލްގައި ބްރެޒިލްގެ ފިލިޕް ކޫޓީނިއޯ އާއި ލޫކަސް އަދި ރޮބާޓޯ ފިރްމީނޯއާ އެކު ކުޅެން ބޭނުންވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ބޭނުންވަނީ ލިވަޕޫލްގައި ހުންނަން. އެކަމަކު މިއީ ކުލަބުގެ (ޝަކްޓާގެ) ރައީސްގެ އަތްމަތީގައި އޮތް ކަމެއް. އަހަންނަށް އޮތީ އުއްމީދު ކުރުން. (ލިވަޕޫލަށް) ނުދެވުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް. އަހަރެން މިހުރީ މަޑުކޮށްގެން. އަހަރެންގެ އުމުރުން 10 އަހަރުގައި ކޫޓީނިއޯއާއެކު ކުޅުނިން. އެއީ ވަރަށް މަޖާ ދުވަސްވަރެއް. އަލުން އޭނާއާއެކު ކުޅެލުމުގެ ފުރުސަތު ލިބުމަކީ އުފަލެއް. އަހަރެން އަބަދުވެސް ބަލަނީ ސްކޯކުރަން. ލިވަޕޫލްގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި،" ޓަކްސޭރާ ބުންޏެވެ.