ފިނިޕޭޖް

ޕޯލް މެކްކާޓްނީ އަށް ޑޮކިއުމެންޓަރީއެއް ހަދަނީ

"ދަ ބީޓްލްސް"ގެ ހަތަރު މެންބަރުންގެ ތެރެއިން ސަރ ޕޯލް މެކްކާޓްނީގެ ހަޔާތަށް ޑޮކިއުމެންޓަރީއެއް ހަދަނީ އެވެ.

މި ޑޮކިއުމެންޓަރީ ހަދާނީ "20 ފީޓް ފްރޮމް ސްޓާޑަމް" އަށް އެކަޑަމީ އެވޯޑް ހާސިލްކޮށްފައިވާ ފިލްމްމޭކާ މޯގަން ނެވިލް އެވެ.

މޯގަން އަކީ "ދަ ބީޓްލްސް" އަދި ޕޯލްގެ ވަރަށް ބޮޑު ފޭން އެކެވެ. މޯގަން ބުނީ އޭނާއަށް މި ޑޮކިއުމެންޓަރީ ހެދުމަށް ޔުނިވާސަލް އިން ގުޅުމުން ތިން ވަރަކަށް ސިކުންތު ތެރޭގައި އާނއެކޭ ބުނި ކަމަށެވެ. އަދި މިއީ އޭނާ އުމުރުން 10 އަހަރުން ސުރެ ޓްރޭންވަމުން އައި ކަމެއް ކަމަށެވެ.

"މޭން އޮން ދަ ރަން"ގެ ނަމުގައި ހަދާ މި ޑޮކިއުމެންޓަރީ ސަމާލުކަންދޭނީ "ދަ ބީޓްލްސް" ރޫޅުމަށްފަހު ޕޯލްގެ މިއުޒިކަލް ކެރިއާގައި ލިބުނު ކާމިޔާބީ ތަކަށާއި ލޯބިވާ އަންހެނުން ލިންޑާއާކު ހޭދަކުރާ ޒަވާޖީ ހަޔާތަށެވެ. އަދި ޕޯލް އާއި ލިންޑާގެ ހޯމް ވީޑިއޯތަކާއި ފޮޓޯ އަދި އިންޓަވިއުތައް މި ޑޮކިއުމެންޓަރީގައި ދައްކާނެ އެވެ.

1971 ގައި ޕޯލް އާއި ލިންޑާ އަދި އިތުރު ބަޔަކާއެކު "ޕޯލް މެކްކާޓްނީ އެންޑް ދަ ވިންގްސް"ގެ ނަމުގައި ރޮކް ބޭންޑެއް އުފައްދި އެވެ. މި ބޭންޑު ވަނީ 1981 ގައި ރޫޅިފަ އެވެ. އޭގެ ފަހުން މައިގަނޑު ގޮތެއްގައި ސޯލޯ އާޓިސްޓެއްގެ ގޮތުގައި ޕޯލް ވަނީ ކާމިޔާބީ ހޯދާފަ އެވެ.

ތިން އަހަރު ވަންދެން ބްރެސްޓް ކެންސަރާ ހަނގުރާމަ ކުރުމަށްފަހު ލިންޑާ ވަނީ އޭޕްރިލް 17، 1998 ގައި މަރުވެފަ އެވެ. ޕޯލް ވަނީ އޭގެ ފަހުން ދެ ކައިވެންޏެއް ކޮށްފަ އެވެ.

މިގޮތުން ޕޯލްގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "މޭބީ އައިމް އެމޭޒްޑް"، "އަނަދާ ޑޭ"، "ހައި ހައި ހައި"، "މައި ލަވް"، "ލިވް އެންޑް ލެޓް ޑައި"، "ބޭންޑް އޮން ދަ ރަން"، "ލިސްޓްން ޓު ވަޓް ދަ މޭން ސެޑް"، "ނޮ މޯ ލޯންލީ ނައިޓްސް" އާއި "ވިތް އަ ލިޓްލް ލަކް" ފަދަ ހިޓްސް ހިމެނެ އެވެ.

"ދަ ބީޓްލްސް" އަކީ 1960 ގައި އިނގިރޭސިވިލާތުގެ ލިވަޕޫލްގައި އުފެދުނު ރޮކް ބޭންޑެކެވެ. މި ބޭންޑުގެ މެންބަރުންނަކީ ޖޯން ލެނަން، ޕޯލް މެކްކާޓްނީ، ޖޯޖް ހެރިސަން އަދި ރިންގޯ ސްޓާ އެވެ. ގިނަ ހިޓް ސިންގަލްސް އަދި އަލްބަމްތަކަކާ ގުޅިގެން ފޭނުން މި ބޭންޑާ ހެދި މޮޔާވާވަރުން، އެކަމަށް "ބީޓްލްމޭނިއާ"ގެ ނަންވެސް ދެވުނެވެ.

މި ބޭންޑު 1970 ގައި ރޫޅި، މެންބަރުން ސޯލޯ ކެރިއާ ފަށާފައިވެ އެވެ. ޕޯލް މެކްކާޓްނީ އަކީ "ދަ ބީޓްލްސް"ގެ މިހާރު ދުނިޔޭގައި ތިބި ދެ މެންބަރުންގެ ތެރެއިން އެކަކެވެ.