ފިނިޕޭޖް

ސޭމް އާއި ޕްރިޔަންކާ ފިލްމުގެ ޓްރެއިލާ ނެރެފި

"އައުޓްލޭންޑާ"ގެ ސޭމް ހިއުއަން އާއި "ސިޓަޑެލް"ގެ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ރޮމޭންޓިކް ކޮމެޑީ "ލަވް އެގެއިން"ގެ ޓްރޭލާ ނެރެފި އެވެ.

ސެލީން ޑިއަންގެ އަސަރުގަދަ ލަވަ "އިޓްސް އޯލް ކަމިން ބެކް ޓު މި" އިވޭ މި ޓްރޭލާ އިން ފެންނަނީ ޕްރިޔަންކާގެ ކެރެކްޓާ -- މީރާ ރޭގެ ފިއާންސޭ މަރުވިތާ ދެ އަހަރު ފަހުން، އެކަމާ ކުރިމަތިލުމުގެ ގޮތަކަށް އޭނާގެ ކުރީގެ މޯބައިލް ނަންބަރަށް މެސެޖްކުރާ ތަނެވެ.

އެ ނަންބަރު ވޯކް މޯބައިލްއެއްގެ ގޮތުން ޖާނަލިސްޓް ރޮބް ބާންސްއަށް ލިބި، މީރާގެ މެސެޖުތަކުގައިވާ ތެދުވެރިކަމާއި ޝުއޫރުތަކުން އާޝޯހުވެ އެވެ. ރޮބް އަށް ލަވަ ކިޔުންތެރިޔާ ސެލީން ޑިއަންއަށް ޕްރޮފައިލް ހަދަން އެސައިންކުރުމުން، ސެލީންގެ އެހީތެރިކަމާއެކު މީރާއާ ބައްދަލުކޮށް، މީރާގެ ލޯބި ހޯދަން އުޅެ އެވެ.

ޖޭމްސް ސީ. ސްޓްރައުސް ޑައިރެކްޓްކުރި މި ފިލްމަކީ ޖަރުމަން ފިލްމެއްގެ ރީމޭކް އެކެވެ. މި ފިލްމަށް ވަނީ މި ދެ ތަރިންގެ ފޭނުން ކެތްމަދުވެފަ އެވެ.

މި ފިލްމްގައި ސޭމް، ޕްރިޔަންކާ އަދި ސެލީން ޑިއަން އިތުރުން ރަސަލް ޓޯވޭ، ސްޓީވް އޮރޭމް، ސޯފިއާ ބާކްލޭ، އޯމިޑް ޖަލީލީ އާއި ލިޑިއާ ވެސްޓް ފަދަ ތަރިން ހިމެނެ އެވެ. އަދި ޕްރިޔަންކާގެ ފިރިމީހާ ނިކް ޖޯނަސްވެސް މި ފިލްމްގައި ކެމިއޯއަކުން ފެންނާނެ އެވެ.

މި ފިލްމްގެ ރިލީޒް ލަސްކުރުމަށްފަހު އެމެރިކާގެ ސިނަމާތަކުގައި އަޅުވާނީ މިއަހަރުގެ މެއި 12 ވަނަ ދުވަހު އެވެ.