ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަމާ ހަވާލުވާން ކުރީގެ ގައުމީ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް މިއަދު މާލެ އަތުވެއްޖެ އެވެ.
ހުސްވި ސީޒަނުގައި ރެލިގޭޓްވި މަހިބަދޫ ސްޕޯޓްސް ކުލަބުގެ ކޯޗަކަށްހުރި ސްޓޮއިކޯފަކީ މީގެ ދެ ފަހަރެއްގެ މަތީން ނިއު އާއި ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފައިވާ ކޯޗެވެ.
ތިން ވަނަ ފަހަރަށް ނިއުއިން ފުރުސަތު ލިބުމުން އޭނާ ބުނީ "ދެތިން ދުވަހެއްގެ ތެރޭގައި މާލެ ދާނެ ކަމަށާއި ނިއުއިން ފުރުސަތު ލިބުމަކީ އަނެއްކާ ވެސް އުފާވެރި އިހުސާސްތަކެއްކުރުވި ކަމެއް،" ކަމަށެވެ.
ސްޓޮއިކޯފަކީ ނިއުރޭޑިއަންޓްގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ނިއު ގެންގޮސްދިނީ އޭނާ އެވެ. ގޯލްޑަން ޖުބުލީ އާއި ސާފް ޗެމްޕިއަންޝިޕުގައި ދެ ފަހަރެއްގެ މަތީން ގައުމީ ޓީމަށް އޭނާ ކޯޗުކޮށްދީފައިވެ އެވެ.
މިއަދު ހަވީރު އޮންނަ ނިއުގެ ފަރިތަކުރުންތަކާއެކު އޭނާ ޓީމާ ހަވާލުވާއިރު ނިއު ވަނީ މިދިޔަ ހަތަރު އަހަރަށްވުރެ ބަލިކަށިވެފަ އެވެ. މުހިންމު ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު ވެލެންސިއާ އަށް އަދި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބުދުﷲ (ލިލީ) ޓީސީ އަށް އަދި ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.
ޓީމަށް އަލަށް ގެނެސްފައިވަނީ އީގަލްސްގެ ޑިފެންޑަރު އަބުދުﷲ ހަނީފް (ބެންޖޯ) އާއި މާޒިޔާގެ ފަރުހާދު އިސްމާއީލް އާއި ވިކްޓަރީގެ އަހުމަދު ނިޔާޒް އާއި ޒުވާން ބައެއް ކުޅުންތެރިންނެވެ.
ނިއު ވަނީ މިދިޔަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅެފަ އެވެ. އެކުލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް)ގެ ހަތަރު އަހަރުގެ ދައުރު ހަމަވެފައިވާތީވެ އާ ޗެއާމަނަކު ހޮވަން މިރޭ އިންތިހާބު ބާއްވާނެ އެވެ.