ހުޅުމާލެ

ބާދަގަނޑުގެ ވިޔަފާރި ކުރަން ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރަނީ

ބާދަގަނޑުގެ ވިޔަފާރި ކުރަން ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާއި ކުރިޔަށް ގެންދިޔުމާއި ގުޅިގެން ގިނަ އަދަދެއްގެ ބާދަގަނޑު ފަދަ ތަކެތި އުފެދި މިތަކެތި ވިއްކާ ވިޔަފާރި ކުރާ ފަރާތްތައް ވަނީ އާންމުވެފަ އެވެ.

އެޗްޑީސީން ބުނީ ބާދަގަނޑުގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން މަގާއި ދުވާރު ފަދަ ތަންތަން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ކަންކަމަށް ހައްލެއް ގެނައުމަށް އާންމުން ދިރިއުޅޭ ސަރަހައްދާއި ދުރުން މިފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް ބިން ކުރުމުއްދަތަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

މިގޮތުން ބިން ހޯދުމަށް އެދޭ ފަރާތަކީ ވިޔަފާރި ހުއްދައާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތެއް ކަމަށް ވާންޖެހެ އެވެ. އަދި އެޗްޑީސީއަށް ދައްކަންޖެހި، ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތަކަށް ވެގެން ނުވާނެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ބިން ދޫކުރުމުގެ އެއް ބޭނުމަކީ ވަގަށް ނަގާފައި ހުންނަ ބާދަގަނޑާއި ކޭބަލްތައް ވިއްކާ މީހުން ދެނެގަތުމެވެ.

ވަގަށް ނަގާފައިވާ ދަގަނޑު ވިއްކުން ވަނީ އާންމުވެފަ އެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކޭބަލް ފަދަ ތަކެތި ވަގަށް ނަގައި އޭގެ ވިޔަފާރިވެސް ދަނީ ކުރަމުންނެވެ.