( 14 ފެބްރުއަރީ 2023 އާ ގުޅޭ )
"މިއަދު އެ ފެނުނު މީހާއަކީ ލައިގެ ހަޒްބަންޑާ އެއްއޮފީހެއްގައި އުޅޭ މީހަކަސް އެއީ މީހަކު އިތުބާރުކުރަންވާ ކަހަލަ މީހެއްހެން ހިޔެއްނުވޭ. އަނެއްކޮޅުން ލައިގެ ހަޒްބަންޑު ވެސް ތެދު ހަދާކަމެއް ނޭނގޭ. އެހެންވީމަ އޭނާއަށް ވެސް އިތުބާރު ކުރާން ފަސޭހައެއްނުވާނެ... ޔަގީންކުރާން ބޭނުންވަނީ އޭނާ ޗީޓުކުރޭތޯ ނޫނީ ނުކުރެތޯ... ސޯ... އަހަރެން ތިކަމުގައި ލައިލީއަށް އެހީވެދޭނަން." އަކިޔަލް ވަރަށް ވިސްނާފައި ގޮތެއް ނިންމީއެވެ.
"އަކިޔަލް މިކަމުގެ ތެރެއަށް ވަނީމަ ވާނީ ކިހިނެއް؟. އަހަރެން ބޭނުމެއްނޫން އެއްވެސް މީހަކަށް އުނދަގުލެއް ޖައްސާކަށް." ނުކެރިފައި އިންފަދައިން ލައިލީ ބުންޏެވެ.
"އިޓް ޑަޒަންޓް މެޓާ. އަހަރެން ބުނިން ދޯ އެކީގައި އުފާވެރިކޮށް އުޅޭން ބޭނުމިއްޔާ ކަންކަމާ އަޅާނުލާށޭ. އެކަމަކު އެ ބަސް އަނބުރާ ގެންގޮސްފިން. މިކަމުގެ ހަޤީޤަތް ހޯދަން މިވަނީ ޖެހިފައި. އެ ހަޤީޤަތް ހޯދުމަށް ދެން ނުފުރޮޅާ އެންމެ ގަލެއް ވެސް ބާއްވާކަށް ބޭނުމެއްނޫން. ލައިލީއަށް ހިތްހަމަޖެހުމެއް ލިބޭނީ އޭރުން. ދެން ކަންތައް ކުރަންވީ ކިހިނެއްކަން ލައިލީއަށް އެނގޭނީ ވެސް އޭރުން. ލައިލީ އެއްބަސްތަ؟." އަކިޔަލް ބުންޏެވެ.
"ހަޤީޤަތް އެނގެން ބޭނުން... އެކަމަކު... ކިހިނެއް؟." ލައިލީގެ އަޑުގައި އެއްވެސް ޔަގީންކަމެއް ނެތެވެ. އޭނާ ވެސް ހަޤީޤަތް އެނގޭތޯ މިހާ ދުވަހަކު އައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކުރިއެރުމެއް ނުފެނުނެވެ. ޝައްކުތައް އިތުރުވަމުންދާއިރު ޔަގީން ކުރެވޭނޭ އެއްކަމެއް ވެސް އަދި ނުފެނެއެވެ.
"ދަރަކް މަސައްކަތް ކުރާ އޮފީސް ކައިރީ ހުންނަ ކެފޭގައި އަހަރެންގެ ރައްޓެއްސެއް އުޅޭނެ. އަހަރެންގެ ރައްޓެހިން ވަރަށް ގިނަވާނެ. މަޢުލޫމާތު ހޯދުމަކީ އެހާ އުނދަގޫކަމެއްނޫން. އެކަން އަހަންނަށް ދޫކޮށްލާ." އަކިޔަލް ބުންޏެވެ.
"އެންމެ ރަނގަޅު." ލައިލީ މިހެން ބުނެލީ ބޯޖަހާލަމުންނެވެ. އަކިޔަލްއަށް އިތުބާރުކުރަން އޭނާގެ ހިތާއި ޟަމީރު ވެސް އެއްބަސްވިއެވެ.
"ދަރަކްއާއެކީ މަސައްކަތްކުރާ މީހުންނާއި ސޯޝަލްމީޑިއާ އެކައުންޓްސް ތަކުގެ އައިޑީ ލައިލީއަށް އެނގޭނަމަ އެ މަޢުލޫމާތު އަހަންނަށް ދެވިދާނެތަ. އޭރުން ތަންކޮޅެއް ފަސޭހަވާނެ." އަކިޔަލް ފޯނު ނެގުމާއެކު ބުންޏެވެ.
"އޯކޭ... އެކަމަކު މިކަމުން އާކިގެ ދިރިއުޅުމަށް އެއްވެސް ކަހަލަގެ ހުރަހެއް އެޅޭކަށް އަހަރެން ނޭދެން. މުސްތަޤުބަލަށް ހިޔަނި އެޅިދާނޭ ފަދަ ނުރައްކާތެރިކަމެއް ނުކުރާތި." ލައިލީ ބުންޏެވެ. އެ ވާހަކަތަކުން އަކިޔަލްއަށް އުނދަގޫވިއެވެ. މައްސަލައަކީ ލައިލީ އޭނާ ފުރިހަމަ ޒުވާނެއްގެ ގޮތުގައި ނުދެކޭތީއެވެ. އަބަދުވެސް ލައިލީގެ ވާހަކަދެއްކުމާއި ޢަމަލުތައް ހުންނަނީ ފިރިހެން ކޮއްކޮއަކާއި މެދު ކަންތައްކުރާ އުސޫލުން ކަމަށް ވުމެވެ. ނަމަވެސް އަކިޔަލްގެ ހިތާއި ނަފްސުގައި ހިނގަނީ އެފަދަ ޝުޢޫރުތަކެއް ނޫނެވެ.
"އަހަރެންނަށް ބަލާލާފައި ހީނުވިޔަސް. އަހަރެން ވަރަށް ކުޅަދާނަވާނެ. ކޮންމެ ގޮތަކަށް މިކަމުގެ ނަތީޖާ ނުކުތަސް ލައި ދެން ފަހަތަށް ޖެހިގެންނުވާނެ." މާނަފުން ހިނިތުންވުމަކާއެކު އަކިޔަލް ބުންޏެވެ. އާނއެކޭ ބުނުމުގެ ގޮތުން ލައިލީ ބޯޖަހާލީއެވެ.
އަކިޔަލްއާއެކީ ކެފޭއިން ނުކުމެފައި ލައިލީ އައީ އޭނާ އުޅެ ބޮޑުވި ގެއަށެވެ. އެއީ ހަތް ކުދީންގެ މައްޗަށް ބަހައިގެން ލައިލީގެ މަންމައަށް ލިބުނު ތަންކޮޅެވެ. ދެ ފަންގިފިލާއަށް ހަދާފައި ހުރިއިރު ކޮންމެ ބައެއްގައި އެއީ އެއްކޮޓަރީގެ އެޕާޓްމެންޓެކެވެ. މައްޗަށް އަރަން ހުރި ދަގަޑު ސިޑިން ލައިލީ އަރައިގެން އައިސް އޭނާގެ ދަބަހުން ނެގި ތަޅުދަނޑިފަތިން ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓުގެ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލުމާއެކު އޭނާ ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުރެ ގޭތެރެއަށް ބަލާލިއެވެ. ދެ މީހުންނަށް އިށީނދެވޭނޭ ކުޑަ ކާމޭޒާއި ދެ ސީޓުގެ ސޯފާއާއެކު ސިޓިންރޫމުކޮޅު ވަނީ ފުރިފައެވެ. ގޭތެރެއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ލައިލީއަށް ފާހަގަކުރެވުނެވެ. އެތެރޭގައި ހުރި ކޮޓަރި ހުޅުވުނީ އެވަގުތެވެ.
"ލައި..." ދޮރުކައިރީ ހުއްޓުން އަރާފައި ހުރި ލައިލީ ފެނުމާއެކު ޒިންދުއަށް ލިބުނީ ހައިރާންކަމެވެ.
"މަންމަ ކައިރިއަށް އައިސްލީ." ލައިލީ ބުންޏެވެ.
"އެހެންތަ. ދެން ތިތާތަ ހުންނަނީ. އެތެރެއަށް އާދެބަލަ." ޒިންދު ބުންޏެވެ. އަދި ގޭތެރެއަށް ވަދެގެން އައިސް ސޯފާގައި އިށީން ދަރިފުޅަށް ޒިންދު ބަލާލީ ނިކަން ފަރުވާތެރިކަމާއެކުއެވެ.
"ސައިބޯންވީނު. ނޫނީ ކޮފީ ހަދައިދެންތަ. މަންމަ ވެސް މި ނުކުތީ ކޮފީއެއް ބޯލަން. ސައިބޯން ބިސްކޯދު ހުންނާނީ." ސިޓިންރޫމާ އިންވެގެން ހުރި ކުޑަ ބަދިގެކޮޅަށް ޒިންދު އައެވެ.
"ކޮފީއެއް އޯކޭ." ލައިލީ މަޑުމަޑުން ބުނެލިއެވެ.
މަންމަގެ ހަރަކާތްތަކަށް ބަލަން ލައިލީ އިނެވެ. އޭނާގެ މަންމަ އެނބުރި އެ ކުޑަ އެޕާޓްމެންޓުގައި ދިރިއުޅެން އައީ ބައްޕަގެ ކައިރިން ވަރިވުމަށްފަހު އެވެ. އޭރު ލައިލީ ސުކޫލު ވެސް ނިމިއްޖެއެވެ. ލައިލީ ދޭތެރެއަކުން މަންމަގެ ކައިރިއަށް އެ އެޕާޓްމެންޓަށް އައިސް އުޅެއެވެ. ނަމަވެސް އާ އަހަރު ފެށުނުފަހުން އޭނާއަށް އެ އާދެވުނީ އަދިކިރިޔާއެވެ.
"ކޮންއިރަކު މަންމަގެ ޑިއުޓީ އޮތީ." ލައިލީ އަހާލިއެވެ.
"ދަންވަރު ޑިއުޓީ. ކީއްވީ؟. ލައި މަޑުކުރަންތަ ތިއައީ." ޒިންދު ބުންޏެވެ. އޭނާއަކީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެވެ.
"މަންމައަށް އުނދަގޫވާނެތަ އަހަރެން މަޑުކުރިއްޔާ." ލައިލީ އަހާލިއެވެ. ކުރިޔަށް އޮތީ ހަފްތާ ބަންދެވެ. ގެއަށް ގޮސް ދަރަކްއާ ކުރިމަތިލާނޭ ހިތްވަރެއް ލައިލީގެ ނެތެވެ. ގެއަށްދާން ބޭނުންނުވަނީ އެހެންވެއެވެ.
"މަންމައަށް އުނދަގުލެއްނުވާނެ." ޒިންދު ނިކަން ފަސޭހައިން ބުންޏެވެ. އަދި ތައްޔާރު ކުރި ދެ ކޮފީ ޖޯޑު ހިފައިގެން އައިސް ކާމޭޒު މަތީ ބެހެއްޓިއެވެ. އަދި ލައިލީ ކައިފާނެކަމަށް ބިސްކޯދު އަޅާފައި ހުރި ތަށި ވެސް ގެނެސް މޭޒުގައި ބެހެއްޓިއެވެ. ސޯފާއިން ތެދުވެގެން އައިސް ލައިލީ މޭޒުދޮށުގައި އިށީނެވެ.
"ސަންޑޭއާ ހަމައަށް މަޑުކޮށްލިޔަސް އޯކޭތަ މަންމައަށް." ލައިލީ އަހާލިއެވެ.
"އާނއެކޭ. މަންމައަށް ހަމަ އޯކޭ. ދަރަކް ކޮބާ؟. އޭނާ ނެތީތަ؟." ޒިންދު ލަފާކުރީ ލައިލީ އެ އައީ އެކަނި ގޭގައި ހުންނަން ބޭނުންނުވާތީ ކަމުގައެވެ.
"ދަރަކް އެބައުޅޭ. އޭނާއަށް އުނދަގުލެއްނުވާނެ އަހަރެން މަޑުކޮށްލިޔަސް. އޭނާއަށް އެކަނި ކަންކަން ކުރަން އެނގޭނެ." ލައިލީ ބުންޏެވެ.
"އެކަމަކު ލައި ގެއަށް ނާންނަންޏާ ދަރަކް ކަންބޮޑުވެގެން އުޅޭނެ ދޯ." ޒިންދު ބުންޏެވެ.
"އަހަރެން ގެއަށް ދާނީ ކޮންއިރަކުންކަން ބުނާނަން އޭނާ ކައިރީ." ކޮފީޖޯޑަށް ބަލަން އިނދެ ލައިލީ ބުނެލިއެވެ. އެއާއެކު ޒިންދު ހީނލައިފިއެވެ.
"އަހަރެންގެ ދަރިއެއްގެ ހުންނާނީ އަހަރެންގެ ގޮތް. ލައި އެންމެ ވައްތަރީ ވެސް މަންމައާ." ހިނިތުންވެލައިގެން އިނދެ ޒިންދު ބުންޏެވެ.
"އަހަރެން މީ މަންމައެއްނޫން. ކުއްލިއަކަށް ތިހެން ތިބުނީ ކީއްވެ؟." ލައިލީ ބުންޏެވެ. އޭނާއަށް ލިބިފައިވަނީ މަންމަގެ މޫނުކަން ލައިލީއަށް އެނގެއެވެ.
"އަހަރެންގެ ކުރީގެ ނަފްސު ލޯގަނޑަކުން ފެންނަ ކަހަލަ." ޒިންދު ބުނީ މާނަފުން ބަސްތަކެކެވެ. އޭނާ އެ ވާހަކައެއް ނުދެއްކި ނަމަވެސް ދަރިފުޅަށް ކަމެއްވެފައި އިންކަން ސާފުކޮށް ދެނެގަންނަން އެނގެއެވެ. ލައިލީ އޭނާގެ ލަފާއަކަށް ބޭނުންވާނަމަ އެކަމެއް ޚިއްޞާކުރާނޭކަން ޒިންދުއަށް އެނގެއެވެ. އަމިއްލައަށް ޒިންދު އިސްނަގާ އޮޅުންފިލުވަން ނޫޅުނީ ދަރިފުޅުގެ ގޮތް އެނގޭތީއެވެ.
"ލައިއަށް އެނގޭނެ މިތަންކޮޅުގެ ކުޑަކަން. ދެމީހުން ނިދަން ހުރީ އެ ކޮޓަރި އެކަނި. އެހެންވިޔަސް އާދިއްތަ އަންނަން ދެން މަޑުކުރިޔަސް މަންމައަށް އޯކޭ." ޒިންދު ބުނެލިއެވެ. އޭނާގެ ކައިރީ ދަރިފުޅު ހުރުމަކުން ޒިންދުއަށް އުނދަގުލެއް ނުވާނެއެވެ. އެ ދަރިފުޅު އޭނާގެ އުނގުގައި ބައިންދައިގެން އުޅޭން ޖެހުނަސް ހެވެ. ނަމަވެސް އޭނާގެ ވާހަކައިގައި ހަރުކަށިކަމެއްވީ ލައިލީ އެނބުރި ގެއަށް ފޮނުވާލަން ބޭނުންވާތީއެވެ. ދެމަފިރިންގެ ދެމެދުގައި ކަމެއް ހިނގީއޭ ހީވާތީއެވެ. ލައިލީ އެ އައީ އެކަމުން އެއްފަރާތްވާށޭ ޒިންދުއަށް ހީވަނީއެވެ. އެހެންވެ އޭނާގެ ގަސްދަކީ ލައިލީ ގެއަށް ގޮސް ދަރަކްއާ ދެމީހުން ވާހަކަދައްކައިގެން އެކަން ހައްލުކުރާން ފުރުޞަތު ދިނުމެވެ.
ލަސް ލަހުން ކޮފީ ބޯން އިން ލައިލީގެ ޚިޔާލުގައިވީ އޭނާގެ މައިންބަފައިންނެވެ. ޚާއްޞަކޮށް އޭނާގެ މަންމަ ޒިންދު އެވެ. އެއީ ހަ އަހަރު ކުރިއެވެ.
"މަންމަ ޑިވޯސްވަނީތަ؟." ފޮށްޓަށް އެއްޗެހި އަޅަން ހުރި ޒިންދުގެ ކައިރިއަށް އައިގޮތަށް ލައިލީ ސުވާލުކޮށްލިއެވެ.
"އާން. އޭނާ ކުރި ކަންތަކަށް އަހަންނަށް މަޢާފެއް ނުކުރެވޭނެ." ޒިންދު ބުންޏެވެ.
"އެކަމަކު އޭގެ ފަހުން ފަސް އަހަރު ވެއްޖެ. ބައްޕައާ ގުޅިގެން ރީތިކޮށް މަންމަ އުޅެންވީނު. މިހާ ދުވަހު ވެސް އުޅުނީނު." މަންމަގެ ނިންމުމާމެދު ހިތްހަމަނުޖެހި ހުރެ ލައިލީ ވާހަކަދެއްކިއެވެ.
"ކިތަންމެ އަހަރެއް ފާއިތުވީ ނަމަވެސް އޭނާ ކުރި ކަންތައް އަހަރެން ހަނދާނެއް ނުނެތޭ. އެކަމަށް އޭނާއަށް މަޢާފެއް ނުކުރެވޭނެ." ޒިންދު ބުންޏެވެ.
"އެކަމަކު ކީއްވެ... އެހެންނޫނަސް މާކުރިން ވެފައި އޮތްކަމެއްގެ ވާހަކަ އަލުން ތިފެށީ މަންމަ. މާމަ ބަލަން ބޮޑުވެގެންތަ މަންމަ ތިހެން ތިހަދަނީ." ލައިލީއަށް އެ ދުވަހު މަންމައާ ވާހަކަދެއްކުނީ ދުވަހަކުވެސް ވާހަކަނުދައްކާހާ ބާރަށެވެ. އެހާމެ ހިތްހަމަނުޖެހި ނުރުހުންވެފައި ހުރެއެވެ.
"ލައިއަކަށް ނުވިސްނޭނެ." މަޑުމަޑުން ޒިންދު ބުނެލިއެވެ.
"ކީއްވެތަ މަންމަ ތިއުޅެނީ މި ފެމެލީ ރޫޅާލަން. މިހާރު ތިއުޅޭ ގޮތަށް މަންމައަށް ނޫޅެވޭނެތަ؟. މީ އެއް ޢާއިލާއެއްނު. މަޢާފުކޮށްފައި އެންމެން އެކުގައި ކުރީން އުޅުނުހެން ކީއްވެ ނޫޅެވެންވީ." ލައިލީގެ އާދޭސް އެ ދުވަހު ޒިންދު އަޑެއް ނޭހިއޭ ހީކުރެވުނެވެ.
ޚިޔާލުތަކުގައި އިނދެ ލައިލީއަށް ކޮފީޖޯޑުގައި ދެ އަތުން ހިފަހައްޓާލައި ބާރުކޮށްލެވުނެވެ. އެ ދުވަހު މަންމަގެ ނިންމުމާއި މަންމަ ހުރި ހާލަތު ނުވިސްނުނީ ލައިލީއަށްކަން މިހާރު އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ. ރޫޅު ޢާއިލާގެ ހުރިހާ އިލްޒާމެއް އޭނާ އެޅުވީ މަންމަގެ ބޮލުގައެވެ. އެކަމަކު މިއަދު އޭނާގެ އަމިއްލަ ދިރިއުޅުމާމެދު ވިސްނާލުމުން އެ ދުވަހު މަންމައާ މެދު ދުށް ގޮތް ބަދަލުވެއްޖެއެވެ. މާމައަކީ ލައިލީގެ ބައްޕަގެ މަންމައެވެ. ތިމާއަށް ދޯކާދީ އޮޅުވާލުމުން އެމީހާއާއި އޭނާގެ ޢާއިލާ މީހުންނާއެކީ ކަމެއް ނުވާކަމެއް ހެދިގެން އުޅުމަކީ ކިހާ އުނދަގޫވާނެ ކަމެއްކަން ލައިލީއަށް ވިސްނެންފެށީ އަދިކިރިޔާއެވެ. މަންމަ ކުށްވެރިކުރެވުނީ ބޭއިންސާފުންކަން އިޙްސާސްވުމުން ލައިލީގެ ހިތުގައި ރިއްސާލިއެވެ. އޭނާ އޭރު މަންމައާ ދިމާއަށް އެތައް އެއްޗެއް ގޮވިއިރު ވެސް އެ މަންމަ ރުޅި އައުމުގެ ބަދަލުގައި ފުއްދާލަނީ ލައިލީއަށް ނުވިސްނޭނެއޭ ބުނަމުންނެވެ.
ލައިލީ މަންމަ ކައިރީ މަޑުކުރާކަން ދަރަކްއަށް އަންގާލުމުގެ ގޮތުން މެސެޖު ކުރިއެވެ. އެއާއެކު ދަރަކްގެ ރައްދު އައީ ނިކަން އަވަހަށެވެ. ލައިލީގެ ހާލު އަހާފައި އޮތެވެ. ހަފްތާ ބަންދުގައި އައްޑޫއަށް ފުރަން ހަމަޖެހުނުކަން ބުނެފައި އޮތެވެ. އެހެންވެ ގޭގައި އެކަނި ހުރުމަށްވުރެ ލައިލީގެ މަންމައާއެކު ހުރުން ދަރަކް ހިތްހަމަޖެހޭކަން ބުންޏެވެ.
"ތިބުނީ އަހަރެން ނެތިއްޔާ މާ ރަނގަޅުވާނޭ ދޯ." ދަރަކްގެ މެސެޖުން ލައިލީއަށް ނެގުނީ އެންމެ ނުބައި މާނައެވެ. އެއާއެކު އޭނާ ދެ ލޯ މަރާ ބާރުކޮށްލިއެވެ. މީ ކުރީން އޭނާ އުޅުނު ގޮތެއްނޫންކަން އިޙްސާސް ކުރެވުނެވެ. ދަރަކް އެއްޗެއް ބުނާއިރަށް އޭގެ ދިމާ އިދިކީއްޔަށް ވިސްނުން ހިންގުމަކީ ލައިލީ ކުރިކަމެއް ނޫނެވެ. އެގޮތަށް ވިސްނުން ބަހައްޓާކަށް ވެސް އޭނާ ނޭދެއެވެ. އެހެންވިޔަސް އެކަން އޭނާގެ އިޚްތިޔާރުން ބޭރުވެއްޖެއެވެ. އޯގާތެރިކަމުގެ ބަދަލުގައި އޯގާތެރިކަން ދޭން ބޭނުންވިޔަސް ލައިލީގެ ޢަމަލުތައް ބަދަލުވަނީ ގަސްދަކާނުލައެވެ.
"އަހަރެން ދަރަކްއާ ވަކިވެއްޖެނަމަ ވާނީ ކިހިނެއް؟. އަހަންނަށް ހަމަޖެހިގެން އުފަލުގައި އުޅެވިދާނެތަ؟. އެހެންވިޔަސް މިހާލުގައި މި ހިތްދަތިކަމުގައި އަބަދު އުޅޭން ކެތެއްނުވާނެ." ލައިލީގެ ހިތުގައި ފޮރުވިފައި ވިއެވެ. އެ ހުރިހާއިރު ޒިންދުގެ ނަޒަރު ދޭތެރެއަކުން ލައިލީ ހުއްޓޭކަމެއް އޭނާ ނުދެނަހުއްޓެވެ.
ހަފްތާ ބަންދު ނިމިގެން ދިޔައީ ލައިލީ ހީނުކުރާހާ އަވަހަށެވެ. އާދިއްތަ ދުވަސް އައިސް ޖެހުނުއިރު އޭނާ އެނބުރިދާން އަދި ތައްޔާރެއް ނޫނެވެ. މަންމަ ކައިރީ އެކި ބަހަނާ ދައްކައިގެން އިތުރު ދެ ދުވަސް އެ ގޭގައި ލައި މަޑުކުރިއެވެ. ދަރަކް ވެސް މައްސަލައެއް ނުޖައްސައެވެ. އޭނާގެ ޢާއިލާ ކައިރިޔަށް ދާ ވަރަށް ވެސް ލައިލީ އަމިއްލަ މަންމަ ކައިރިޔަށް ނުދާކަން ދަރަކްއަށް އެނގެއެވެ. އެހެންވެ މަންމަ ގާތުގައި ލައިލީ މަޑުކޮށްލަން ބޭނުންވީމާ ދަރަކްއަށް ދެކޮޅު ހަދަން ނުކެރުނީއެވެ.
"މަންމައަށް ވުރެ ލައި މޮޅުވެއްޖެ ކައްކަން. މަންމައަށް ވެސް ނޭނގޭ އެއްޗެހި ތި ހަދާލަނީ." ކާމޭޒުދޮށުގައި އިން ޒިންދު ތައުރީފުކޮށްލިއެވެ. ލައިލީ ހުރީ ރޭގަނޑުގެ ކެއުމަށްފަހު ތަށިތައް ދޮންނަން ސިންކު ކައިރީއެވެ.
"އަމިއްލައަށް ކަންކަން ކުރަންފެށީމަ ދަސްވީ." ލައިލީ ބުންޏެވެ. އޭނާގެ ފޯނަށް މެސެޖެއް އައީ އެވަގުތެވެ. ތަށިތައް ހަރުގައި ބަހައްޓާފައި ދެއަތް ފުހެލާފައި ޖިންސުގެ ފަހަތު ޖީބަށް ކޮށްޕާލައިފައި އޮތް ފޯނު ނަގާއި ބަލާލިއެވެ. މެސެޖުކޮށްފައި އޮތީ އަކިޔަލްއެވެ. އޭނާއަށް ހެކި ލިބިދާނޭކަން ބުނެފައި އޮތެވެ.
"އެބަ އަންނަން މަންމާ. ކޯލެއް ކޮށްލާފައި." ލައިލީ ހިނގައިގަތީ އެޕާޓްމެންޓުން ބޭރަށެވެ. އެކުޑަ ތަންކޮޅުގައި މަންމައަށް އަޑު ނީވޭނޭހެން ފޯނުން ވާހަކަނުދެއްކޭނޭކަން ލައިލީއަށް އެނގޭތީއެވެ.
"ދަރަކްތަ؟." ޒިންދު އަހާލިއެވެ. ނަމަވެސް ލައިލީ ވަކި ޖަވާބެއް ނުދީ ހަލުކޮށް ނުކުތީއެވެ. އޭނާ އައިސް އެޕާޓްމެންޓާ ދުރުގައި ސިޑި ކައިރީ މަޑުކޮށްލުމާއެކު އަވަހަށް އަކިޔަލްއަށް ގުޅިއެވެ.
"ލައި. މިވީ ދެތިން ދުވަސްތެރޭ އަހަރެން ސަމައިރާއާ ބެހޭ މަޢުލޫމާތު ހޯދަމުން ދިޔައީ. އޭނާގެ ފޮޓޯ އަހަރެންގެ ކްލޯޒް ކޮންޓެކްޓްސްއާ ޚިއްޞާކުރިން. ޑޯންޓް ވޮރީ އެއީ އަހަންނަށް ޓްރަސްޓް ކުރެވޭ މީހުން. އެމީހުންނަށް ވެސް ފުލް ސްޓޯރީއެއް ނޭނގޭނެ. އެމީހުންގެ ތެރެއިން ސަމައިރާ ދަންނަ މީހަކު އެބަހުރި. އޭނާ އަހަންނަށް ގުޅީ. އަހަރެން ސަމައިރާއަށް ފާރަލީން. އޭނާ ގެސްޓްހައުސްއަށް ވަނީ ފިރިހެނަކާއެކީ." އަކިޔަލް ކިޔާދިނެވެ.
"ރިއަލީ... މިވަގުތު ތިހުރީ އެތާތަ؟." ލައިލީއަށް އަހާލެވުނެވެ.
"އާން. އަހަރެން މިހުރީ ސަމައިރާއަށް ފާރަލައިގެން. އެ އޮފީހުގެ ބިއްދޮށަށް އޮންނަ ގޯޅިގަނޑުގައި ހުރި ގެސްޓްހައުސްއަކަށް ވަނީ. ލައި ބޭނުންތަ އެ މަންޒަރުތައް ދުށުމަށް. މިފަހަރު ޔަގީންވާނެ." އަކިޔަލް ބުންޏެވެ.
ނިކަން އަވަހަށް ތައްޔާރުވެލައިގެން އަކިޔަލް ކިޔާދިން ހިސާބަށް އަންނަން ލައިލީ ދަތުރު ފެށިއެވެ. އަޅާ ކޮންމެ ފިޔަވަޅާއެކީ އޭނާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅިގަނެއެވެ. އެހެންވިޔަސް ހަޤީޤަތް އެނގެން ލައިލީ ބޭނުމެވެ. ޖެހިލުންވެ ބިރުގެންފައި ވިޔަސް މިހިސާބަށް އައިސްފައި އެނބުރި ދިއުމުގެ ޚިޔާލު ލައިލީ ދޫކޮށްލިއެވެ.
"ލައި." އަކިޔަލް ގޮވާލި އަޑު އިވުނެވެ. އަދިރިކޮށް ހުރި ދިމާއިން ނުކުމެގެން އަކިޔަލް އައިއިރު ހީވީ ބޮޑު ހަރު ފިރިހެނެއް ހެންނެވެ. ދުވާލު ގަޑީ ޑިއުޓީއިން ބައްދަލުވާ އަކިޔަލްއާ ތަފާތުކަން ލައިލީއަށް ސިފަކުރެވުނެވެ.
"ކޮބާ އެމީހުން." އަކިޔަލް އައިސް ކައިރީ ހުއްޓިލުމާއެކު ލައިލީ އަހާލިއެވެ.
"އެތާ ކައިރީ އަހަރެންގެ ފްރެންޑް ހުންނާނެ. ހިނގާ." އަކިޔަލް މިހެން ބުނެ ލައިލީއާއެކު ހިނގައިގަތެވެ.
(ނުނިމޭ)