އިލެކްޝަންސް ކޮމިޝަން

ރިޔާސީ ކެންޑިޑޭޓުންނަށް އިތުރު ފުރުސަތެއް

ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ހުޅުވާލާ ފުރުސަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ހުޅުވާލާ ފުރުސަތު އިތުރު ކުރުމަށްޓަކައި ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ގާނޫނަށް އަޅުގަނޑުމެން އިސްލާހެއް ހުށަހަޅާފަ އޮންނާނެ. މުއްދަތު 14 ދުވަހަށް އިތުރު ކޮށްދެއްވާތޯ،" އިސްމާއިލް ހަބީބު ވިދާޅުވި އެވެ.

އިސްމާއިލް ހަބީބު ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު ލިބޭނީ ޖުލައި 23 އިން ފެށިގެން އޮގަސްޓް ތިންވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިހާރު ގާނޫނުގައި އެހެން އޮތް ނަމަވެސް ގާނޫނު ބަދަލު ކުރަން ހުށަހަޅާފައިވާ ކަމަށާއި އަންނަ އޭޕްރީލް މަހުގެ ކުރިން ގާނޫނަށް ބަދަލު އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިސްމާއިލް ހަބީބު ވިދާޅުވި އެވެ. އެއާއެކު ރިޔާސީ އިންތިހާބުގެ ތާރީހުތަކަށް ބަދަލު އަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އުއްމީދު ކުރަނީ އޭޕްރީލް މަސް ނިމުމުގެ ކުރިން އެ ބަދަލު އަންނާނެކަމަށް އެހެންކަމުން މެއި ދެއެއްގައި އިންތިހާބުގެ ރަޖިސްޓްރޭޝަންގެ މަސައްކަތް ފެށުމުގެ ކުރިން އެންމެ ލަސްވެގެން އޭޕްރީލް މަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ގަވާއިދު ގެޒެޓު ކުރަން ޖެހޭނެ،" އިސްމާއިލް ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް އީސީން ދީފައިވާ ތާރީހަކީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ. އަދި އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.