ފިނިޕޭޖް

ލުއީ ވިތޯންގެ މެންސް ކްރިއޭޓިވް ޑައިރެކްޓަރަށް ފެރެލް

ލަވަކިޔުންތެރިޔާ ފެރެލް ވިލިއަމްސް ފެޝަން އިންޑަސްޓްރީގައި އާ ރޯލެއް އަދާކުރަން ތައްޔާރުވެއްޖެ އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުގައި އަންނަ ޖޫން މަހު ޕެރިހުގައި އޮންނަ މެންސް ފެޝަން ވީކްއިން ފެށިގެން އުމުރުން 49 އަހަރުގެ ފެރަލް ވިލިއަމްސް، ލުއީ ވިތޯންގެ މެންސް ކްރިއޭޓިވް ޑައިރެކްޓަރުގެ މަގާމާ ހަވާލުވާނެ އެވެ.

މި ހަބަރު ވަނީ ލުއީ ވިތޯން އިން އިންސްތަގްރާމްގައި ކުރި ޕޯސްޓެއްގައި ކަށަވަރުވެެސް ކޮށްދީފަ އެވެ. މި މަގާމުގައި މީގެކުރިން ހުރި ވާޖިލް އަބްލޯ ވަނީ ކެންސަރު ބަލީގައި 2021 ގައި މަރުވެފަ އެވެ.

ލުއީ ވިތޯންގެ ސީއީއޯ އަދި ޗެއާމަން ޕިތްރޯ ބެކާރި، ފެރެލް އަށް މަރުހަބާ ކިޔެވެ. އަދި ބުނީ 2004 ގައި އާއި 2008 ގައި ކޮލޭބޮރޭޓްކުރުމަށްފަހު، ފެޝަންއަށް ވުރެ ކުރިއަރާފަދަ ކްރިއޭޓިވް ވިޝަންއަކާއެކު، މެންސް ކްރިއޭޓިވް ޑައިރެކްޓަރުގެ ގޮތުގައި ފެރެލް އެ ކުންފުންޏާ ގުޅުމަކީ، ޝައްކެއް ނެތް ގޮތުގައި ލުއީ ވިތޯންގެ މިސްރާބް އާ އެކްސައިޓިން ޗެޕްޓާއަކަށް ގެންދާނެ ކަމެއް ކަމަށެވެ.

މި ހަބަރާ ގުޅިގެން އިންސްތަގްރާމް ބޭނުންކުރާ ބައެއް ފަރާތްތަކުން ފެރެލްއަށް މަރުހަބާ ކިޔާފައިވާއިރު، ގިނަ މީހުން ވަނީ އެކަމާ ނުރުހުންވެ، ފާޑުވެސް ކިޔާފަ އެވެ.

ބައެއް މީހުން ފާޑުކިޔަމުން ބުނީ ޑިޒައިން ސްކޫލުން ބުރަ މަސައްކަތްކޮށްގެން ކިޔަވާ އަދި އެ މަގާމަށް ހައްގުވާ ޑިޒައިނަރުންނަށް ފުރުސަތެއް ނުދީ، ފެޝަން ޑިޒައިނިން ނުކިޔަވާ ހުރި ސެލެބްރިޓީއަކާ އެ މަގާމު ހަވާލުކުރީތީ ހިތާމަކުރާ ކަމަށެވެ. އެއީ ސެލެބަރިޓީއެއްގެ ނަމާއި މަޝްހޫރުކަން ބޭނުން ކުރަންވެގެން ކުރި ކަމެއް ކަމަށާއި ހުރިހާ މަސައްކަތެއް ދަށުގައި ތިބޭ ޑިޒައިނަރުން ކުރުމުން ކެރެޑިޓް ނަގާނެ ސެލެބްރިޓީއެއް އެ މަގާމަށް ގެނައީ ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.

ލުއީ ވިތޯންގެ އިތުރުން ފެރެލް ވަނީ މޮންކްލާ، އަޑިޑާސް، ޔުނިގްލޯ، ޝެނެލް ފަދަ ބްރޭންޑްތަކާ އެކު މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ލަވަތަކާއި ބައެއް ފިލްމުތައް ޕްރޮޑިއުސްކޮށްފައިވެސް ވެއެވެ.