ފިނިޕޭޖް

ޓޭލާ ސްވިފްޓަށް މިދިޔަ އަހަރު 92 މިލިއަން ޑޮލަރު ލިބުނު

ބާރަ ފަހަރު ގްރެމީ އެވޯޑް ލިބިފައިވާ ޕޮޕް ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓަކީ މިދިޔަ އަހަރު އެންމެ ގިނައިން ފައިސާ ލިބުނު އަންހެން އެންޓަޓޭނާ އެވެ.

މިދިޔަ އަހަރު ޓޭލާއަށް 92 މިލިއަން ޑޮލަރު ލިބި، ފޯބްސްގެ "ދުނިޔޭގެ ހަޔަސްޓް ޕެއިޑް އެންޓަޓޭނާސް"ގެ ލިސްޓުގެ ނުވަވަނަ އަށް އަރާފައިވެ އެވެ. އަދި ޓޭލާ އަކީ މި ލިސްޓްގެ ޓޮޕް 10 ގައި ހިމެނުނު ހަމައެކަނި އަންހެނާ އެވެ.

އުމުރުން 33 އަހަރުގެ ޓޭލާއަށް ލިބުނު އާމްދަނީގެ ގޮތުގައި 92 މިލިއަން ޑޮލަރު ލިބިފައިވަނީ އަލްބަމް ސޭލްސް، ލަވަ ސްޓްރީމްސް، ލައިސެންސިން އަދި ސިންކް ޑީލުންނެވެ.

މިދިޔަ އަހަރު ޓޭލާ ވަނީ އޭނާގެ 10 ވަނަ އަލްބަމް "މިޑްނައިޓްސް" ނެރެ، އެތައް ރިކޯޑެއް މުގުރާލާފަ އެވެ. ޓޭލާގެ ކުރިއަށް އޮތް ޓުއާގެ ޓިކެޓް ސޭލްސް ހިމެނެނީ މިއަހަރުގެ ފަހުކޮޅު އެ ޓުއާ ނިމުމުންނެވެ. އަދި އެ ޓުއާގެ ޓިކެޓްތައް ވިކުނުއިރު، އެއް ދުވަހުން އެންމެ ގިނައިން ވިކުނު ޓިކެޓްތަކުގެ ރިކޯޑްވެސް މުގުރާލާފައިވެ އެވެ. އެހެންކަމުން މިއަންނަ އަހަރުގެ ފޯބްސް ލިސްޓަށް ޓޭލާ އެރުމަކީ ވަރަށް އެކަށީގެންވާ ކަމެވެ.

ލަވަކިޔުމުގެ އިތުރުން ޓޭލާ ވަނީ ވީޑިއޯ އަދި ފިލްމު ޑައިރެކްޝަންއާ ދިމާލަށް ކެރިއާ ފުޅާކޮށްފަ އެވެ.

ޓޭލާ ޑައިރެކްޓްކުރި 14-މިނެޓްގެ ކުރު ފިލްމް "އޯލް ޓޫ ވެލް: ދަ ޝޯޓް ފިލްމް" ޓްރައިބެކާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް 2022 ގައި ވަނީ ދައްކާފަ އެވެ. މި ފިލްމާއި ޓޭލާގެ "ދަ މޭން" ލަވައިގެ ވީޑިއޯއަށް ބެސްޓް ޑައިރެކްޝަނަށް ދެ ވީއެމްއޭ އެވޯޑްސް ލިބިފައިވާއިރު، "އޯލް ޓޫ ވެލް: ދަ ޝޯޓް ފިލްމް" އޮސްކާ އެވޯޑްސްއަށް ވެސް ހުށަހެޅި އެވެ.