މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދަމުންދިޔަ އާސިރު ފެނިއްޖެ

Feb 17, 2023
1

މާލެއިން ގެއްލިގެން ހޯދަމުންދިޔަ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް (31އ) ފެނިއްޖެ އެވެ.

މީގެއިރުކޮޅެއް ކުރިން އާސިރު ފެނިފައިވާ ކަމަށް ހާމަކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. ނަމަވެސް އާސިރު ފެނުނު ވަކި ތަނެއް މިނިސްޓަރު ވެސް އަދި ފުލުހުންގެ އިދާރާ އިންވެސް އަދި ހާމައެއް ނުކުރެ އެވެ.

ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭގެ ވަގުތެއްގައި އާސިރު ފެނިފައިވާ ކަމަށެވެ. އަދި އާސިރު ހޯދުމަށް ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ މިނިސްޓަރު ވަނީ ފުލުހުންނަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

ފުލުހުން ހަމައެކަނި ބުނީ އާސިރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އިތުރު މައުލޫމާތެއް ނުދިނެވެ.

ސިކުނޑީގައި އުނިކަމެއް ހުންނަ އާސިރުގެ އާއިލާ އިން ބުނާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ފިހާރައަށް ވަޒީފާއަށް އޭނާ އަބަދުވެސް ދަނީ ސައިކަލްގަ އެވެ. ނަމަވެސް މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ކާރެއްގައި އޭނާ ޑިއުޓީއަށް ދިޔައީ ސައިކަލް ތަޅުދަނޑި ގޭގައި ބާއްވާފައި ކަމަށް އާއިލާ އިން ބުނެ އެވެ. އޭގެފަހުން އޭނާ ހަބަރެއް ނުވެ ގެއްލުނީ އެވެ.

އޭނާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ ފޯނު ނުނަގާތީ އާއި ޖެހިގެން އައި ދުވަހު ވެސް ޚަބަރެއް ނުވުމުންނެވެ. އެހެންކަމުން އާސިރު ފެނިފައި މިވަނީ އޭނާ ގެއްލިގެން ހޯދަމުން ދިޔަތާ 13 ދުވަސް ފަހުންނެވެ.

އާސިރު މިރޭ ފެނިފައި މިވަނީ އޭނާ ހޯދުމަށް އެކި ސަރަހައްދުތަކުގައި ހުރި ސީސީޓީވީ ކެމަރާ ފުޓޭޖުގެ ތެރެއިން 150 ގަޑިއިރުގެ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަމަށް ފުލުހުން މިރޭ ހާމަކޮށްފައި ވަނިކޮށެވެ.