ނެޕޮޓިޒަމްގެ ނިމުމެއް ނެތް ބަހުސް އަދިވެސް ކުރިއަށްދެ އެވެ. ފިލްމީ ތަރިއެއްގެ ދަރިއަކު ނުވަތަ ތިމާގެ މީހަކު ހިންދީ ފިލްމު ކުޅޭ ވާހަކަ އިވޭއިރަށް ގިނަ ބަޔަކު މި ވާހަކަތައް ފަށާނެ އެވެ. އެމީހަކަށް ފިލްމުކުޅުމުގެ ފުރުސަތު ލިބެނީ އޭނާގެ އެވެނި މިވެނި މީހަކު ފިލްމު އިންޑަސްޓްރީގެ ނުފޫޒު ގަދަ މީހަކަށް ވާތީ ކަމަށް ބުނާނެ އެވެ.
ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން 'ނެޕޮޓިޒަމް' މި ލަފުޒު ފުރަތަމަ ބޭނުންކުރީ ބަތަލާ ކަންގަނާ ރަނާވަތު އެވެ. ބޮލީވުޑް އެކްޓަރުންގެ ދަރިންނަށް ނުވަތަ އާއިލާގެ މީހުންނަށް އިންޑަސްޓްރީއަށް ވަނުމުގެ ފުރުސަތު ލިބޭތީ އާއި އެނޫން މީހުންނަށް އެ ފުރުސަތު ނުލިބޭތީ އެކަމާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކެއްގެ ތެރޭގަ އެވެ. އަދި މިފަދަ މީހުންގެ އާއިލާތަކުގެ މީހުންނަށް ނޫނީ ބޮލީވުޑުން ޖާގަ ހޯދަން އުނދަގޫކަމަށް ކަންގަނާ ބުނެފައި ވެއެވެ.
ނެޓްފްލިކްސް އިން ފެބްރުއަރީ 14ގައި ރިލީޒްކުރި "ދަ ރޮމެންޓިކްސް"ގައި ވާހަކަ ދައްކަމުން ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ ހެޑް އަދި މަޝްހޫރު ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާ ވަނީ މި ބަހުސަށް ނިމުމެއް ގެނެއްސަ އެވެ.
ނެޕޮޓިޒަމްގެ ބަހުސަކީ ކުރެވެން ޖެހޭނެ ބަހުސެއް ނޫންކަމަށް އަދިތުޔާ ބުންޏެވެ. މީގެ އެންމެ ރަނގަޅު މިސާލެއްގެ ގޮތުގައި އޭނާ ދެއްކީ އޭނާގެ ކޮއްކޮ އުދޭ ޗޯޕްރާ އެވެ.
އުދޭގެ ބައްޕައަކީ ބޮލީވުޑްގައި އެފަދަ ދެވަނަ އެއް ނެތް ވަރުގެ ކުޅަދާނަ ޑައިރެކްޓަރެކެވެ. އަދި އުދޭގެ ބޭބެ އަދިތުޔާ އަކީ ވެސް ޑައިރެކްޓަރެކެވެ. ވައިއާރްއެފް އަކީ އެމީހުންގެ އަމިއްލަ ފިލްމު ކުންފުންޏެކެވެ. ބޭނުން އިރަކު ބޭނުން ވަރެއްގެ ބަޖެޓެއްގެ ފިލްމެއް އުފެއްދުމުގެ ގާބިލުކަން އެ ކުންފުނީގައި ހުރެ އެވެ. އެތައް ބައިވަރު ޑައިރެކްޓަރުންނަކާއި ޓެކްނީޝަނުންނަށް އެ ކުންފުނީގައި މަސައްކަތް ކުރެ އެވެ. ނަމަވެސް އުދޭ އަލިގަދަ ތަރިއަކަށ ހެދުމަށް އެމީހުންނަށް ވެސް ނުކުޅެދިފައިވާކަން އަދިތުޔާ ފާހަގަ ކުރި އެވެ.
އުދޭގެ ކެރިއަރުގައި އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން "ދޫމް" އާއި "މެރި ޔާރް ކި ޝާދީ ހޭ" އަދި "މުހައްބައްތޭން" ފިޔަވައި އެހެން އެއްވެސް ފިލްމެއް ކާމިޔާބެއް ނުވެ އެވެ. އަދި ފިލްމުތައް ފުލުފުލުގައި ފްލޮޕްވާން ފެށުމުން އުދޭ މިހާރު ހުރީ ފިލްމީ މަސައްކަތާ ދުރުވެގެންނެވެ.
އަދިތުޔާ ބުނި ގޮތުގައި ނެޕޮޓިޒަމްގެ ބަހުސަށް ތާއީދުކުރާ މީހުންނަށް ނުވިސްނޭ އެއް ކަމަކީ ޚާއްސަ އިނާޔަތްތަކަކާ އެކު އަންނަ ކޮންމެ މީހަކީ ކާމިޔާބު މީހަކަށް ނުވާ ކަމެވެ. ފިލްމު އުފައްދާ އާއިލާއަކަށް ނިސްބަތްވާތީ ނުވަތަ ފިލްމީ ތަރިއެއްގެ ދަރިއަކަށް ނުވަތަ އާއިލާގެ މީހަކަށް ވާތީ އޭނާއަށް ބޮލީވުޑަށް ތައާރަފްވުމުގެ ފުރުސަތު ވަރަށް ފަސޭހައިން ލިބޭނެކަމަށް އަދިތުޔާ ވެސް އެއްބަސްވި އެވެ. ނަމަވެސް ތައާރަފްވުމަށްފަހު އޭނާ އަކީ ސްޓާރަކަށް ހަދަނީ ބެލުންތެރިން ކަމަށާއި ބެލުންތެރިންނަށް އެމީހަކު ކަމުނުގޮސްފިނަމަ ކިތަންމެ އާއިލީ ނުފޫޒު ބޮޑަށް އެމީހަކަށް ކާމިޔާބު ހޯދައިދިނުން އެއީ ވާނެ ކަމެއް ނޫންކަމަށް އަދިތުޔާ ބުންޏެވެ.
"އަހަރެމެންނަށް ކުރެވޭނެ ކަމަކީ އެ މީހަކު ބެލުންތެރިންނަށް ތައާރަފް ކޮށްދިނިން. ބެލުންތެރިން ނިންމާނީ އަހަރެންނަށް މި މީހާ ކަމުދެޔޭ ނުވަތަ ކަމަކު ނުދެޔޭ. އެހިސާބުން އޭނާގެ ކެރިއަރު ފެށޭނީ ނުވަތަ ވަޅު ޖަހާނީ،" އަދިތުޔާ ބުންޏެވެ.
މި ޑޮކިއުމެންޓްރީގައި އުދޭ ވެސް ވާހަކަ ދައްކާފައި ވެއެވެ. އޭނާ "މުހައްބަތޭން" އާއި އެނޫން ފިލްމުތަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވި ކަމަށާއި ނަމަވެސް ފިލްމީ ކެރިއަރުގައި އެކަށީގެންވާ ކާމިޔާބެއް ހޯދުމުގައި ނާކާމިޔާބުވެފައިވާ ކަމަށް އުދޭ އެއްބަސްވި އެވެ.
"ފިލްމީ އާއިލާއަކަށް އުފަންވެފައިވާނަމަ ޝައްކެއް ވެސްނެތް އޮޑިޝަންތަކާއި ފިލްމު ކުޅުމުގެ ފުރުސަތުތައް ލިބޭލެއް މާ ފަސޭހަވާނެ. ނަމަވެސް އެހިސާބުން އެކަން އެ ނިމުނީ. އެހިސާބުން އޯޑިއަންސް ނިންމާނީ އެމީހާގެ ކުރިމަގު،" އުދޭ ބުންޏެވެ.
އުދޭ އަކީ ވިސްނުންތޫނު، މޮޅު އެކްޓަރެއް ކަމަށް އަދިތުޔާ ބުންޏެވެ. ނަމަވެސް ބެލުންތެރިންގެ ހިތްތައް ފަތަހަ ކުރުމުގައި އޭނާއަށް ކާމިޔާބު ނުހޯދުނީ އެވެ.
"ބެލުންތެރިން ބޭނުންވަނީ އުދޭ ކޮމެޑީ ބައި ކުޅެން. އެކަމަކު އުދޭ ބޭނުމެއް ނުވޭ ކޮމެޑީ ރޯލުތައް ކުޅޭކަށް. އެހެންވެ އުދޭ އަށް އިންޑަސްޓްރީގައި ކުރިއެރުން ނުލިބުނީ،" އަދިތުޔާ ބުންޏެވެ.
އުދޭ ބުނި ގޮތުގައި ފިލްމު ކުޅުމަކީ މިހާރު އޭނާ ކެރިއަރެއްގެ ގޮތުގައި ކުރާ ކަމެއް ނޫނެވެ. އެކަން މިހާރު އޭނާ ވަނީ ދޫކޮށްލާފަ އެވެ.