އެމްޑީޕީގެ އެތައް ބަޔަކު ބޮޑެތި ޖިސްމާނީ އަނިޔާތަކާ ކުރިމަތިލައިގެން ގައުމަށް ގެނައި ހެޔޮ ބަދަލު އެމްޑީޕީގައި ތިބި ވަކި ބަޔަކު މިއަދު ހަނދާން ނެތިފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ މީގެ 15 ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު ގައުމުގައި އޮތީ އަނިޔާވެރިކަމާއި ބޭއިންސާފު ކަމަށެވެ. އެކަން ބަދަލުކޮށް ރާއްޖެއަށް ހެޔޮ ބަދަލެއް ގެނައުމަށް ނިކުތީ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ މެންބަރުން ތަހައްމަލު ކުރި އުދަނގޫ މަރުހަލާ ނިމިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެކަމަކު މިއަދު ހިތާމަ އަކީ އެ ހަނދާން އެމްޑީޕީގެ ތެރެއިން ބަޔަކު ހަނދާން ނެތުން،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ކުރިން އޮތް އަނިޔާވެރިކަމާއި ބޭއިންސާފުގެ ދުވަސްތައް އަލުން އަނބުރާ އައުމަށް އެމްޑީޕީ ދެކެ ލޯބިވާ އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށެވެ. ގައުމަށް ހެޔޮ ބަދަލު ގެނައުމަށް އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތާ ގުޅިގެން އެ މެންބަރުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބި އެފަދަ ކިތަންމެ ބޭފުޅެއްގެ އާއިލާ ރޫޅިގެން ދިޔަކަންވެސް ފައްޔާޒު ފާހަގަކުރެއްވި އެވެ.
ފައްޔާޒު ވިދާޅުވީ ގައުމަށް ހެޔޮ ބަދަލެއް ގެނައި ބައެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ކޮންމެ މެންބަރަކުވެސް އެދޭނީ އެމްޑީޕީ ގެނައި ބަދަލުތަކާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ. އެގޮތުން ވިދާޅުވީ ވެރިކަމުގެ ހަމަތައް ބަދަލުކުރުމަކީ އެމްޑީޕީން ބޭނުންވި ކަމެއް ކަމަށާއި އެކަމުގައި ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށްދާންޖެހޭ ކަމަށެވެ.
"ރައްޔިތުން މިއަދު ބޭނުމީ ބިރުވެރިކަމެއް ނެތި މިނިވަންކަމާއި އެކު ދިރިއުޅުން ބިނާކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީން ގެނައި ބަދަލުތައް 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވި އެމްޑީޕީގެ ސަރުކާރަށް ހަގީގަތަކަށް ހަދައިނުދެވުނީ އޭގެ ކުރިން އަނިޔާވެރިކަމުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީން ބޭނުންވާ ބަދަލުތައް ގައުމަށް ގެނައުމަށްޓަކައި ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފައި އެންމެން ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށްވެސް ފައްޔާޒު ވަނީ އެދިވަޑައިގެންފަ އެވެ.