ބޮލީވުޑް

ބާންސާލީގެ "ހީރާމަންޑީ" ނެޓްފްލިކްސް އަށް

ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އޯޓީޓީ ޕްލެޓްފޯމަށް ތައްޔާރުކުރާ ފުރަތަމަ ސިލްސިލާ "ހީރާމަންޑީ"ގައި ބައިވެރިވާ ބަތަލާއިން ދައްކާލައިފި އެވެ.

ނެޓްފްލިކްސް އަށް ބާންސާލީ ތައްޔާރުކުރާ މި ސިލްސިލާގައި މަނީޝާ ކޮއިރާލާ، ސޮނާކްޝީ ސިންހާ، އަދިތީ ރާއޯ ހައިދަރީ، ރިޗާ ޗައްޑާ، ޝަރްމީން ސޭގަލް އަދި ސަންޖީދާ ޝޭޚް ބައިވެރިވެ އެވެ.

މި ސިލްސިލާގެ ފުރަތަމަ ޓީޒާ އިންޓަނެޓުގައި ޕޯސްޓްކުރުމާއެކު ބެލުންތެރިންގެ ހިތް ވަނީ މި ސީރީޒް އަށް ދީފަ އެވެ. އަދި މިހާރުއްސުރެ ސީރީޒް ރިލީޒްކުރާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ވެސް ބެލުންތެރިން ބުނެފައި ވެއެވެ.

ސީރީޒްގައި ބައިވެރިވާ ހުރިހާ ބަތަލާއިން ވެސް އަޅާފައި ތިބީ ވަރަށް ސަގާފީ އަދި އެހާމެ ފަރި ހެދުން ތަކެކެވެ. ފޭނުން ބުނެފައިވަނީ ބާންސާލީގެ ފިލްމުތަކުގައި ހުންނަ ޝާހީ، ފަރި ގޮތްގަނޑު މި ސީރީޒްގެ ބަތަލާއިންގެ ވެސް އެބަ ހުރި ކަމަށެވެ.

ޓީޒާ ވީޑިއޯ ފެށޭއިރު ސީރީޒްގައި މުހިއްމު ރޯލުތައް ކުޅޭ ކޮންމެ ބަތަލާއެއް ވަކިވަކިން ދައްކާލަ އެވެ. މަސްޓަޑް ކުލައިގެ ސަގާފީ ހެދުމުގައި ތިބި މީގެން ކޮންމެ ބަތަލާއެއް ވެސް ވަރަށް ރީތިވެފައި ފުރިހަމަ އެވެ.

"މުޅިން އެހެން ޒަމާނެއް. އެހެން ދުވަސްވަރެއް. އަނެއްކާވެސް ސަންޖޭ ލީލާ ބާންސާލީ އުފައްދާފައިވާ ޖާދޫގެ ދުނިޔެއެއް ބަލާލުމަށް އަހަރެމެން މިވަނީ ކެތްމަދުވެފައި. މިއީ އެ ރީތި ދުނިޔޭގެ ކުޑަކުޑަ ފެނިލުމެއް،" މި ޓީޒާ ޝެއާ ކުރަމުން ނެޓްފްލިކްސް އިންޑިއާގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ލިޔެފައި ވެއެވެ.

އޭގެ ފަހުން ބާންސާލީ ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. އޭނާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި "ހީރާމަންޑީ" އަކީ ފިލްމު އުފައްދާ މީހެއްގެ ހައިސިއްޔަތުން އޭނާ ކުރާ ދަތުރުގައި ވަރަށް ތާރީޚީ ޝޯ އެކެވެ. މިއީ ވަރަށް ތާރީޚީ، އަދި މިފަދަ ފުރަތަމަ ސީރީޒްކަން އޭނާ ފާހަގަ ކޮށްފައި ވެއެވެ. ބާންސާލީ ލިޔެފައިވާ ގޮތުގައި މި ސީރީޒް ބިނާކޮށްފައިވަނީ ލާހޯރުގައި މުއްސަނދިންނަށް ހަށިވިއްކުމުގައި އުޅުނު އަންހެނުން ތަކެއްގެ ހަޔާތުގެ މައްޗަށެވެ.
"މި ސިލްސިލާ ދައްކަން ތައްޔާރުވަމުންދާއިރު އަހަރެން މިހިރީ ވަރަށް ހިތް ނުތަނަވަސްކަމެއްގައި އަދި ވަރަށް އުފަލުން. ނެޓްފްލިކްސް އާއެކު އަހަރެން ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ބެލުންތެރިންނަށް "ހީރާމާންޑީ" ދައްކާލެވޭނެ ދުވަހަކަށް އިންތިޒާރުކުރަން،" ބާންސާލީގެ ބަޔާނުގައި ވެއެވެ.

"ހީރާމަންޑީ"ގައި ދައްކަނީ ޕާކިސްތާނުގެ ލާހޯރުގައި ވަރަށް ކުރީ ޒަމާނެއްގައި ހިނގި ހާދިސާ ތަކެކެވެ. ހީރާ މަންޑީ އޭރިއާގައި ދިރިއުޅުނު ހަށިވިއްކާ އަންހެނުންތަކެއްގެ ތިން ޖެނެރޭޝަނެއްގެ ވާހަކަ މި ސީރީޒްގައި ދައްކަން ވަނީ ހަމަޖެހިފަ އެވެ. މިއީ 1940ގެ އަހަރުތަކުގައި އިންޑިޔާ މިނިވަންވާން މަސައްކަތްކުރި ދުވަސް ވަރަކަށް ބިނާކޮށްފައިވާ ވާހަކައެއްކަމުން އެކަމާ ގުޅޭ ބައެއް ހާދިސާތައް ވެސް ސީރީޒްގައި ދައްކާނެ އެވެ.

ބާންސާލީގެ ފިލްމުތަކަށް އޭނާ ޚިޔާލީ ބޮޑެތި ސެޓުތައް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައި ހުންނަ ގޮތަށް "ހީރާމަންޑީ" އަށް ވެސް ބޮޑު ސިޓީއެއް އޭނާ ވަނީ މުމްބައިގެ ފިލްމު ސިޓީގައި ތައްޔާރުކޮށްފަ އެވެ. މިއީ ބާންސާލީގެ އެންމެ ފަހު ފިލްމު "ގަންގޫބާއީ ކަތިއާވަޅީ" ޝޫޓްކުރި ތަން ވެސް މެއެވެ.

މި ސީރީޒްގައި ކުރީ ޒަމާނުގެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝަބާނާ އަޒްމީ އާއި މުމްތާޒު ވެސް ބައިވެރިވާ ގޮތަށް ކުރިން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އެމީހުންގެ ރޯލުތައް ނުހިމަނާ ގޮތަށް މިހާރު ވަނީ ނިންމާފަ އެވެ.