ޓޫރިޒަމް

މިދިޔަ އަހަރަށްވުރެ 61،000 ފަތުރުވެރިން އިތުރު

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް 267،507 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ،

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 206،181 ފަތުރުވެރިންނަށްވުރެ 61،326 ފަތުރުވެރިން އިތުރުވުމެކެވެ. އެއީ 29.7 ޕަސަންޓްގެ އިތުރުވުމެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. ރަޝިއާއިން 34،128 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އިންޑިއާއިން އައީ 29،513 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 25،396 ފަތުރުވެރިން އައިއިރު އިޓަލީން 24،199 ފަތުރުވެރިން އައިސްފައިވެ އެވެ.

ޖަރުމަނުން 17،215 ފަތުރުވެރިން ރާއްޖެ އައިއިރު ފްރާންސުން 11،905 ފަތުރުވެރިން އަދި އެމެރިކާއިން 10،978 ފަތުރުވެރިން އަ އެވެ.

ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޗައިނާއިން މިއަހަރު 8،015 ފަތުރުވެރިން އައިއިރު ސްވިޓްޒަލޭންޑުން 6،166 ފަތުރުވެރިން އަދި ޕޮލެންޑުން 5،329 ފަތުރުވެރިން މި މުއްދަތުގައި ރާއްޖެ އައެވެ.

ފަތުރުވެރިކަމަށް މިހާރު 168 ރިސޯޓް ހިންގަމުންދާއިރު އެ ތަންތަނުގައި ފަތުރުވެރިކަމަށް 41،049 އެނދު އެބަހުއްޓެވެ. 883 ގެސްޓްހައުސްގައި 14،282 އެނދު ހުރިއިރު 152 ސަފާރީގައި 2،953 އެނދު އަދި 13 ހޮޓެލްގައި 1،640 އެނދު އެބަހުއްޓެވެ.