ކުޅިވަރު

އޮސަސޫނާ ބަލިކޮށް ރެއާލް އަށް ހަމަޖެހުމެއް

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި އޮސަސޫނާއާ ވާދަކުރި މެޗުން 2-0 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

މޮޅާ އެކު ރެއާލް ވަނީ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ކައިރިކޮށްފަ އެވެ. ބާސެލޯނާ އަށް 21 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ރެއާލަށް 22 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ބާސެލޯނާއާ ފަސް ޕޮއިންޓާ ގާތަށް ރެއާލް ޖެހިލިނަމަވެސް ލީގުގައި މިރޭ ބާސެލޯނާ ކުޅޭ މެޗުން މޮޅުވެގެން ފަރަގު އަނެއްކާވެސް ބޮޑުވާނެ އެވެ.

ލީގުގައި ބާސެލޯނާ ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. އެންމެ ފަހުގެ ފަސް މެޗުގެ ތެރެއިން ރެއާލަށް މޮޅުވެވުނީ ތިން މެޗުންނެވެ. ރޭގެ މޮޅަކީ ލީގުގައި ބާސެލޯނާއާ ވާދަކުރުމަށް އެޓީމަށް ލިބުނު މުހިއްމު މޮޅެކެވެ.

މެޗަށް ރެއާލް ނުކުތީ އަނިޔާގެ ސަބަބުން ކަރީމް ބެންޒެމާ ނުލަ އެވެ. މުހިއްމު ފޯވާޑް ނުލައި ފުރަތަމަ ހާފުގައި ރެއާލަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ރެއާލްގެ ފުރަތަމަ ގޯލު 78 ވަނަ މިނެޓުގައި ޖެހީ ފެޑެރިކޯ ވަލްވާޑޭ އެވެ. މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ލީޑު ފުޅާކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ.

މެޗުގެ ފަހުކޮޅު ރެއާލްގެ ވިނީޝިއަސް ޖޫނިއާ ޖެހި ގޯލެއް ވީއޭއާރުގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ. ރެއާލް އަތުން ބަލިވި އޮސަސޫނާ މިހާރު އޮތީ 30 ޕޮއިންޓާ އެކު 10 ވަނައިގަ އެވެ.

ސްޕެނިޝް ލީގުގެ ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ވަނީ ރޭ އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯއާ 1-1 އިން އެއްވަރުވެފަ އެވެ. އެޓީމަށް 22 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. ރެއާލް ބެޓިސް ވަނީ އަމިއްލަ ދަނޑުގައި 1-2 އިން ރެއާލް ވަލަޑޮލިޑް ބަލިކޮށް ފަސް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ލީގުގައި ބާސެލޯނާ މިރޭ ކާޑިޒްއާ ދެކޮޅަށް ނުކުންނަ މެޗު ފަށާނީ ދަންވަރު އެކެއް ޖަހާއިރު އެވެ.