އެމްޑަބްލިއުއެސްސީ

ތިލަފުށި ފެން ޓޭންކް މައްސަލަ މިއަދު ހައްލުކުރާނަން: އެމްޑަބްލިއުއެސްސީ

Feb 19, 2023

ތިލަފުށީގައި ހުރި އެމްޑަބްލިއުއެސްސީގެ ފެން ޓޭންކަށް ދިމާވި މައްސަލަ މިއަދު ހައްލުކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީ އިން ތިލަފުށްޓަށް ފެނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ފެން ޓޭންކެއް ފަޅައިގެން ދިއުމުން ތިލަފުށްޓަށް ފެން ލިބުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ ތިލަފުށީގައި ހުރި އެ ކުންފުނީގެ ފެން ޓޭންކަކަށް މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝާހް އިތުރަށް ވިދާޅުވީ މައްސަލަ މިއަދުގެ ވަގުތެއްގައި ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

"އަޅުގަނޑުމެން ތިލަފުށްޓަށް ފެން ގެންގޮސްގެން ނަމަވެސް ހިދުމަތް މިއަދު ރަނގަޅުކުރާނަން،" ޝާހް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީ އިން ދަނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ކޮލިޓީ ހިދުމަތެއް ދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން ކަމަށްވެސް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.