ދުނިޔެ

ރަޝިއާ އާއެކު އޮތީ ގާތް، އެކުވެރި ގުޅުމެއް: ސައޫދީ

ސައޫދީ އަރަބިއްޔާގެ ވިސްނުމަކީ ރަޝިއާ-ޔުކްރޭން ހަނގުރާމާގައި ވަކިކޮޅެއް ނަގައި، ރަޝިއާއަށް ތާއީދުކުރުން ނޫން ކަމަށް ސައޫދި އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ މިއުނިކްގައި މި މަހުގެ 17-19 އަށް އޮންނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރަޝިއާ އާއި ސައޫދީއާ ދެމެދު އޮތީ ހަނގުރާމައަށް ތާއީދުކުރުމަށް އޮތް ގުޅުމެއް ނޫން ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ސައުދީ-ރަޝިއާގެ ގުޅުމުން މުޅި ދުނިޔެއަށް ފައިދާކުރާނެ ކަމަށެވެ.

ސައޫދީ ވަޒީރު ވިދާޅުވި ގޮތުގައި ރަޝިއާ އާއި ޔުކްރޭން، އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރި ނަމަވެސް، ސައޫދީ އާއެކު ގުޅުން ދަމަހައްޓައި މަޝްވަރާކުރުމަށް އެ ދެ ގައުމުވެސް ޝައުގުވެރިވާ ކަމަށެވެ.

ސައޫދީ އާއެކު ގުޅުން ދެމެހެއްޓުމަކި މޮސްކޯއަށް އަދި ކިޔޭވްއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފައިސަލް ބިން ފަރްހާން ވިދާޅުވި އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އަކީ ވަކި ބޭނުންމަކަށް އުފައްދާފައި އޮތް އެއްބާރުލުމެއް ނޫން ކަމަށް ވިދާޅުވެ ފައިސަލް ބިން ފަރްހާން ވިދާޅުވީ ޔުކްރޭން ހަނގުރާމައަށް އޮތީ ކޮން ސުލްހައެއްތޯ ޖީސީސީން ވިސްނާ ކަމަށެވެ.

ޖީސީސީން ބާރު ފޯރުވެން ނޯންނަ ކިތަންމެ ކަމެއް ދުނިޔޭގައި ހިނގާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެއިން ކަމެއްގައި ދުނިޔެއަށް ލާބައެއް އޮތް ނަމަ ސައޫދީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމަކީ ސައޫދީއަށް އޮތް ކަންބޮޑުވުމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަކީ ހަމައެކަނި ސައޫދީއަށް އޮތް ނުތަނަވަސް ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.