ޖުމްހޫރީ ޕާޓީ

ވޯޓަކާ ނުލައި ޖޭޕީގެ ލީޑަރަކަށް ގާސިމް ހޮވިއްޖެ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ކަމަށް އިތުރު ދައުރަކަށް ގާސިމް އިބްރާހިމް ވޯޓަކާ ނުލައި އިންތިހާބުވެއްޖެ އެވެ.

ޖޭޕީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިއްޔެ 12:00 އަށް ހަމަވީއިރު، ލީޑަރު ކަމަށް ގާސިމު ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ. އެހެންވެ ގާސިމަށް ވަނީ ލީޑަރުކަން ލިބިވަޑައިގެންފަ އެވެ.

ޖޭޕީ އުފެދުނީއްސުރެ އެޕާޓީގެ ލީޑަރަކީ ގާސިމް އިބްރާހީމެވެ. އެމަނިކުފާނު އެ ޕާޓީގެ ލީޑަރުކަމަށް އިންތިހާބުވެވަޑައިގަތީ ހަތަރުވަނަ ދައުރަކަށެވެ.

ޖޭޕީގެ މަގާމުތަކަށް ހުޅުވާލުމުން ނައިބް ލީޑަރު ކަމަށް 12 ބޭފުޅުން ވަނީ ކުރިމަތިލައްވާފަ އެވެ. މީގެ ތެރޭގައި ގާސިމުގެ އަނބިކަނބަލުން އަދި މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއާއި މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވެސް ހިމެނެ އެވެ.

ޖޭޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އިން 25 އަށް މާލޭ ދަރުބާރުގޭގަ އެވެ.

ޖޭޕީގެ އަސާސީ ގަވައިދު މިހާރު އޮތް ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރެވެ.