ގދ. ތިނަދޫ

ރޮޓަރީ ކްލަބުން ތިނަދުއަށް ޓޯޗާއި މަދިރި ލޯޝަން ފޮނުވައިފި

އިންސާނިއްޔަތަށް ހިދުމަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރޮޓަރީ ކްލަބް އިން ގދ. ތިނަދޫއަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަދިރި ލޯޝަން އަދި ޓޯޗް ތިނަދޫއަށް ފޮނުވުމަށް ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން މަސައްކަތް ފަށައިފި އެވެ.

މިއަދު މެންދުރު ރެޑްކްރެސެންޓް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރޮޓަރީ ކްލަބުންވަނީ ތިނަދޫއަށް ފޮނުވުމަށް ބޭނުންވާ ތަކެތި ރެޑްކްރެސެންޓާއި ހަވާލުކުރައްވާފަ އެވެ. އެޖަމިއްޔާގެ ފަރާތުން ރެޑްކްރެސެންޓާއި އެތަކެތި ހަވާލުކުރެއްވީ ޖަމިއްޔާގެ ކުރީގެ ރައީސް ކެޕްޓަން އަހްމަދު މައުމޫނެވެ. އަދި ރެޑްކްރެސެންޓްގެ ފަރާތުން އެތަކެއްޗާއި ހަވާލުވެލެއްވީ ރެޑްކްރެސެންޓްގެ ރައީސް އަލީ ނާޝިދު އެވެ.

މިރަސްމިއްޔާތުގައު ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ތަކެތި ފޮނުވުމުގައި އެޖަމިއްޔާއިން އަބަދުވެސް ބަލާނީ އެއްޗެހިތަކެއް ގަނެފައި ފޮނުވުމުގެ ބަދަލުގައި އެހާލަތަކަށް އެއްމެ މުހިއްމު އަދި ބޭނުންތެރި އެއްޗެހި ކަމަށެވެ.

"އެއްމެ ފުރަތަމަ އަޅުގަނޑުމެންނަށް ރިކުއެސްޓް އައީ ކުޑަކުދިންނަށް މަދިރީގެ ކަންތައް ބޮޑޫވެ އުނދަގޫވާތީ އެކަމާއި ޓޯޗު ބައްތި. މިއަދު މި ހަދިޔާ ކުރަނީ ހާއްސަކޮށް މަދިރި ލޯޝަނާއި، ޓީޗު ބައްތި އާއި ބެޓެރި.. އޅުގަނޑުމެން އަދިވެސް މިދަނީ ސިޗުއޭޝަން ބަލައި ފޮނުވަންވީ އެއްޗެހި ބަލަމުން" މައުމޫން ވިދާޅުވި އެވެ.

އެޖމިއްޔާއިން މިއަދު ހަދިޔާ ކޮށްފައިވަނީ 50 ކޭސް މަދިރި ލޯޝަނާއި، 84 ޓޯޗު ބައްތި އަދި އޭގެ ބެޓެރި އެވެ.

އެޖަމިއްޔާއިން މިހާރުވަނީ އެރަށަށް ކާބޯތަކެތީގެ އެހީތެރިކަމެއްވެސް ފޯރުކޮށްދީފަ އެވެ. އެގޮތުން އާފަލް، އޮރެންޖް އަދި ފެން ވަނީ ފޯރުކޮށްދީފަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ ރެޑްކްރެސެންޓުން މިހާރު ދަނީ ރޮޓަރީ ކުލަބާއި ގުޅިގެން ލޮޖިސްޓިކަލީ ގެނެވޭނެ ހައްލުތައް ބަލަމުން ކަމަށެވެ.

ރޮޓަރީ ކުލަބުން ހަދިޔާ ކުރި ތަކެތި މިހާރުދަނީ ތިނަދޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރެޑްކްރެސެންޓުގެ އމެޖެންސީ ރެސްޕޯންސް ޓީމެއް މިހާރުދަނީ ތިނަދޫގައި ހަރަކާތްތެރިވަމުންނެވެ.