ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 16 ފެބްރުއަރީ 2023 އާ ގުޅޭ )

"ކޮބާ އެމީހުން." އަކިޔަލް އައިސް ކައިރީ ހުއްޓިލުމާއެކު ލައިލީ އަހާލިއެވެ.

"އެތާ ކައިރީ އަހަރެންގެ ފްރެންޑް ހުންނާނެ. ހިނގާ." އަކިޔަލް މިހެން ބުނެ ލައިލީއާއެކު ހިނގައިގަތެވެ.

"އާކި ދުށީންތަ؟" އަކިޔަލްއާއެކީ ހިނގައިގަންނަމުން ލައިލީ އަހާލިއެވެ.

"އަހަންނެއްނޫން ފޮލޯކުރީ. އަހަރެންގެ ފްރެންޑް ފޮނުވީ. އަހަރެން ފެނިއްޖެއްޔާ އެމީހުންނަށް އެނގިދާނެތީވެ. މިހާރު އެމީހުންވީ އެ ގެސްޓްހައުސް ތެރޭގައި. ސަމައިރާގެ ފޮޓޯ އެކަނި ދެއްކީ. އެހެންވެ އަހަރެންގެ ފްރެންޑަށް އެނގޭނީ ސަމައިރާއެކަނި. އޭނާއާއެކީ އެތެރެއަށްވަނީ ކޮންފިރިހެނެއްކަމެއް އޭނާއަކަށް ނޭނގޭނެ. އަހަރެމެން މިއައީ އެކަން ޔަގީންކުރަން. މިފަހަރު ލައިއަށް ފެންނާނެ ހަޤީޤަތް." އަކިޔަލް އޮޅުންފިލުވާދިނެވެ.

އަކިޔަލް ބުނިހެން ގެސްޓްހައުސް ފެންނާނޭހެން ކަންމަތީގައި މަޑުކޮށްލައިގެން އޭނާގެ ރަޙުމަތްތެރިޔާ ހުއްޓެވެ. އޭގެ ދެމީހުން އެކަކުއަނެކަކާ ވާހަކަދެއްކިއިރު ލައިލީ ހުރީ އަކިޔަލްގެ ފަހަތުގައި މަޑުކޮށްލައިގެންނެވެ. އަކިޔަލްގެ އެކުވެރިޔާ ހުރިގޮތުން ލައިލީ ހިސާބަކަށް ޖެހިލުންވިއެވެ. ކަންފަތު މުދިލާފައި ހުރިއިރު ތިރީތުންފަތުގެ އެއްކޮޅުން ވެސް ހުރީ ތޮރުފައި ބޮޅެއް ލައްވައިފައެވެ. އަކިޔަލްއަށް ކުރާ އިތުބާރެއްގެ ސަބަބުން ލައިލީ ބެލީ އެ ޒުވާނާއާ މެދު ގޯސް ހީކުރުންތަކެއް ހިތުގައި ނުލުމަށެވެ.

"މިތާ އަހަރުމެން ތިބޭނީ. އެތަނުން މީހަކު ނުކުންނަންޏާ ފެންނާނެ." އެކުވެރިޔާ ދިއުމުން އަކިޔަލް އެއްފަރާތުން ފާރުކައިރިއަށް ޖެހިލައި ނިވާވެލިއެވެ.

ދެ ޒުވާނުން ތިބީ ސިއްރުން ބަލާށެވެ. ލައިލީގެ ހިތާއި ސިކުނޑީގެ އަޑުވަނީ ގަދަވެފައެވެ. ހިތާއި ސިކުނޑި އެކަތިއަނެކައްޗާ ސުވާލު ކުރަމުން ދިޔައީ ސަމައިރާއާއެކު ދަރަކް ނުކުމެއްޖެނަމަ ލައިލީއަށް ވާނެ ގޮތަކާމެދުއެވެ. ޚުދު ލައިލީއަށް ވެސް އެ ސުވާލުގެ ޖަވާބެއް ނޭނގެއެވެ. އެހެންވިޔަސް މިފަހަރު ލައިލީއަށް ހެކި ލިބޭނެއެވެ. ގަޑިއެއްގެއިރު އަކިޔަލްއާއި ލައިލީ ތިބިފަހުން ގެސްޓްހައުސްއިން އަންހެން ކުއްޖަކު ނުކުންނަން އައެވެ. އެއާއެކު ސަމައިރާކަން ނިކަން އަވަހަށް އަކިޔަލް އަންގާލައިފިއެވެ. ލައިލީ ކުރިޔަށް ޖެހިލީ އަމިއްލަ ލޮލުން ދުށުމަށެވެ. ގެސްޓްހައުސް ދޮރުކައިރީ ފޯނު އަތަށް ލައިގެން ހުރީ ސަމައިރާކަން ލައިލީއަށް ވެސް ޔަގީންވިއެވެ. އަކިޔަލް ކުއްލިއަކަށް ލައިލީގެ އަތުގައި ހިފައި ދަމައިގަތެވެ. ސަމައިރާ އެދިމާއަށް ބަލާލީއެވެ.

"ފެނުނުތަ؟." ހާސްވެފައި ލައިލީއަށް އަހާލެވުނެވެ.

"ހިޔެއްނުވޭ... ލައި. އިތުރު މީހަކު އެބަނުކުމޭ." އަކިޔަލް ބުންޏެވެ. އޭނާ ލައިލީއަށް ފުރުޞަތު ދީ ފަހަތަށް ޖެހިލިއެވެ. ލައިލީ ބޯއަރިކޮށް ބަލާލިއެވެ. އޭރު ގެސްޓްހައުސް އިން ނުކުތް ފިރިހެނަކާއެކު ސަމައިރާ ހިނގައިގަނެއްޖެއެވެ. ލައިލީއަށް ވީގޮތެއް ނޭނގެއެވެ. އޭނާގެ ބޮލަށް އެނބުރުން އެރިކަހަލައެވެ. ދެފައިން ވާގިދޫވެ އަރިއަޅާލި ހިނދު ހުސިޔާރުކަމާއެކު އޭނާ ހިފެހެއްޓީ އަކިޔަލްއެވެ.

"ކިހިނެއްވީ؟." އަކިޔަލް އަހާލިއެވެ. ނަމަވެސް ލައިލީއަށް ޖަވާބެއް ނުދެވުނެވެ. އަކިޔަލް އަވަހަށް ބަލާލީ ސަމައިރާ ކޮބާތޯއެވެ.

"ލައި... ފޯނު..." އަކިޔަލް ބުނެލިއެވެ. ލައިލީގެ އަތުގެ ތެރޭ އޮތް ފޯނު އަކިޔަލް ނެގިއެވެ. އޭނާ އަވަހަށް ސަމައިރާއާއި ފިރިހެންމީހާ އަރާނޭހެން ފޯނުން ވީޑިއޯކުރަން ފެށިއެވެ. އެ ވީޑިއޯ ރަނގަޅު ހެއްކަކަށް ފުދޭނޭކަން އަކިޔަލްއަށް ވިސްނޭތީއެވެ.

ލައިލީއަށް ހީވީ ދުނިޔޭގެ ހިނގުން މަޑުޖެހިފައިވަނީ ހެންނެވެ. މަންޒަރުތަކުގައި ހިސާބެއްގެ ފުސްކަމެއްވިއެވެ. ހަޤީޤަތް އެނގުމުން އެކަން ބަލައިގަތުން ފަސޭހަވާނެ ހެއްޔެވެ. އެހާ ކެތްތެރިކަން ކޮންމެ މީހަކަށް ލިބިފައިވޭ ހެއްޔެވެ.

* * * * *

"ކިހާ ދުވަހަކު ލައި މިކޮޅުގައި މަޑުކުރަން ގަސްދުކޮށްގެން ތިހުރީ. ގެއަށްދާކަށް އަދިވެސް ނުވޭތަ؟." ކާމޭޒުދޮށުގައި ކަޕްނޫޑުލިސްއެއް ކާން އިން ލައިލީއާ ޒިންދު ސުވާލުކުރިއެވެ. ދަރިފުޅު އޭނާގެ ގާތަށް އައީ ވަގުތީ ގޮތުން މަންމަ ކައިރީ ހަފްތާބަންދުގައި މަޑުކޮށްލާށެވެ. ނަމަވެސް ލައިލީގެ ހުރުން ދިގުލައިގެން ހިނގައްޖެއެވެ.

"ގެއަށް ދަމެންނު." ފަރުވާކުޑަ ރާގެއްގައި ލައިލީ ބުނެލިއެވެ.

"ދަރަކް އޮފީހުގައިވާ ގަޑީގައި ގެއަށް ގޮސް ހެދުންކޮޅަކާއި ބޭނުންވާ އެހެން ސަމާނު ހިފައިގެން އައުން އެއީ ގެއަށް ދިއުންތަ؟." ސޯފާގައި އިން ޒިންދު ބުންޏެވެ. އޭނާގެ ވާހަކައަށް ލައިލީ އެއްޗެއް ނުބުނުމުން އަނެއްކާވެސް ޒިންދު ވާހަކަދެއްކިއެވެ.

"ދަރަކް ކައިރީ އަހަރެން ބަލިވެގެންނޭ ކިޔައިގެން ދޯ ތިއުޅެނީ." ޒިންދުއަށް އެނގިފައި އޮތްކަމެއް ހާމަކޮށްލިއެވެ. ކޮންމެވެސް އިރަކުން މަންމައަށް އެނގޭނޭކަން ލައިލީ ވެސް ދެނަހުއްޓެވެ.

"ކީކޭ މަންމަ ތިކިޔަނީ." ލައިލީ ބުންޏެވެ.

"މަންމައަށް ދަރަކް ގުޅި. ހާލު ބަލަންވެގެން. މިހާރު ކިހިނެއްތޯ އެހި." ޒިންދު ބުންޏެވެ. އެއާއެކު ލައިލީގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ.

"ދެން ކީކޭ މަންމަ ބުނީ." މަންމައާ ނަޒަރު ސީދާކޮށްލަން ނުކެރި އިސްޖަހާލައިގެން އިނދެ ލައިލީ އަހާލިއެވެ.

"މިހާރު ރަނގަޅޭ." ޒިންދު ދިން ޖަވާބު އިއްވާލިއެވެ. ލައިލީ މަޑުމަޑުން ހޫން ލައްވާލިއެވެ.

"މިގެއަށް އައިސް އިނުމަކީ ހައްލެއްނޫން. މަންމައަކަށް ނޭނގޭ ތި ދެ ކުދީންގެ ދެމެދުގައި ހިނގީ ކޮންކަމެއްކަން. ލައި ކިޔާ ނުދެންޏާ މަންމައަށް ލަފައެއް ދޭކަށް ވެސް ނޭނގޭނެ. އެހެންވިޔަސް ބުނަން... މައްސަލައެއް ހައްލުވާނީ އެކަމާ ކުރިމަތިލައިގެން. ދެ މީހުން އެކީގައި ތިބެ ވާހަކަދައްކައިގެން." ޒިންދު ބުންޏެވެ.

"އައި ނޯ މަންމާ. މިއަދު ގެއަށް ދާނަން." އިތުރުގޮތެއް ނެތް ފަދައަކުން ލައިލީ ބުންޏެވެ.

ކޮންމެ ކަމެއްގެ އެންމެ އަޑިއަށް ފީނުމުގައި ބަދަލުގައި އެކަން ދޫކޮށްލުމުގެ އިޚްތިޔާރު ތިމާއަށް ލިބިފައި ވެއެވެ. ނަމަވެސް ލައިލީ ގޮތްދޫކުރާން ބޭނުންނުވީއެވެ. ހަޤީޤަތް ހާމަވެއްޖެއެވެ. އޭނާއަށް އެކަން އެނގުމުން އެ ހަޤީޤަތް ހަޖަމްކުރުން އެއްގޮތަކަށް ވެސް ފަސޭހައެއް ނުވިއެވެ.

"އައި އޭމް އެން އިޑިއަޓް." ލައިލީ އަމިއްލަ ނަފްސަށް ބުންޏެވެ. މި ހާލަތުގައި އޭނާ ހަނދާންކުރަމުން ދިޔައީ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސްތަކެވެ. މާޒީއިން ނުކުމެ މިހާރުގެ ހަޤީޤަތާއި ކުރިމަތިލާންވެއްޖެނަމަ ލައިލީއަށް ކަރުނައެއް ނުހިފެއްޓޭނެއެވެ. އަދުގެ ހަޤީޤަތާއި މާޒީގެ އެދުވަސްތަކާއި ހުރި ފަރަގު ބަލައިގަންނަން އޭނާވަނީ ނުކުޅެދެވިފައެވެ.

އެއީ 5 އަހަރު ކުރިއެވެ.
ފުރަތަމަ ފެނިލުމުން ރަޙުމަތްތެރިކަން އުފެއްދުމަކީ ލައިލީގެ މިޒާޖެއްނޫނެވެ. ނުދަންނަ މީހަކާ މާގިނަ ވާހަކަތަކެއް ދައްކާކަށް ވެސް ލައިލީ ބޭނުމެއްނުވެއެވެ. އެހެންވިޔަސް އޭނާ އައީ ސިޔާގެ އާދޭހުގެ ސަބަބުންނެވެ. ރެސްޓޯރެންޓުގެ ތެރޭ ތިބި ބޮޑު ގުރޫޕުގައި ދެ ޖިންސުގެ ޒުވާނުން ހަމަހަމައަށް ތިބިއިރު އެ އެންމެންނަކީ ސިޔާގެ ރައްޓެހިންނެވެ. ވަކި ހިސާބަކުން ސިޔާ ވީނުވީއެއް ނޭނގި ގެއްލުނީއެވެ. އެއާއެކު ލައިލީ އެ އެންމެންގެ ތެރޭ އެކަނިވީއެވެ. އެންމެންނަށްވުރެ ކުރީން ގެއަށްދާން ލައިލީ ނުކުތީ އެހެންވެއެވެ. ޓެކްސީއަކަށް ގުޅަން ލައިލީ ފޯނު ނެގިވަގުތު ރެސްޓޯރެންޓުން ނުކުތްތަން ފެނުނީ ދަރަކްއެވެ. ލައިލީއާއި ދަރަކް އެކަކުއަނެކަކާ ފުރަތަމަ ފަހަރަށް ބައްދަލުވީ އެރެއެވެ. ރެސްޓޯރެންޓުގެ މޭޒުދޮށުގައި ތިބި ފިރިހެނުންގެ ތެރޭގައި ދަރަކްއާއި އަފްރާހު ހިމެނެއެވެ. އެ ދެމީހުންނާ ވެސް އެރޭ ލައިލީއާ ބައްދަލުވީ މުޅީން އަލަށެވެ. ހުރިހާ އަންހެން ކުދީންގެ ސަމާލުކަން އަތުލި ބަޔަކަށް ވެސް ވީ ހަމަ އޭގެ ދެމީހުންނެވެ.

"ޓެކްސީއެއް ހޯދަނީތަ؟. މިގޯޅިއަކަށް ޓެކްސީއެއް ނުވަންނާނެ. މަގަށް މަޑުކުރާނީ." ލައިލީ ފެނުމުން ހިނިތުންވެލާފައި ދަރަކް ވާހަކަދެއްކިއެވެ.

"އެހެން ދޯ. ތޭންކްސް." ލައިލީ މިހެންބުނެ ހިނގައިގަންނަން އުޅުމުން ދަރަކް ވާހަކަދެއްކިއެވެ.

"ވާހަކަދައްކާލާ ހިތުން ހުރީ. އެކަމަކު މާގިނަ ވާހަކައެއް ދައްކާނޭ ފުރުޞަތެއް ނުލިބުން. އަދި ފެންނާނެތަ؟. ވަރަށް ބޭނުން ބައްދަލުކޮށްލަން." ދަރަކްގެ ވާހަކައިން ލައިލީއަށް ހުރެވުނީ އަޖައިބުވެފައެވެ.

އޭގެ ފަހުން ލައިލީއާއި ދަރަކް ބައްދަލުވީ އެރޭ ރެސްޓޯރެންޓުން ބައްދަލުވި އެންމެންގެ މެދުގައި ބޭއްވުނު ބާބެކިޔުއިންނެވެ. ސަކަރާތުގައި ޖޯޑުޖޯޑަށް އެންމެން އުޅޭތަން ފެނެއެވެ. ދަރަކް ހުރީ މޭޒުދޮށުގައި ގްރިލްއަށް ލާން ކާއެއްޗެހި ތައްޔާރުކުރާށެވެ. އޭނާއަށް އެހީވުމުގައި ކައިރީގަ ލައިލީ ހުއްޓެވެ. ދަރަކްއަށް ކައްކަން އެނގޭކަން ލައިލީއަށް އެނގުނީ އެދުވަހުއެވެ.

"ވާއު. ދަރަކްއެކޭ ޝެފެކޭ ތަފާތެއްނެތް. ދަރަކްގެ އަނތްބަކަށްވާ އަންހެންކުއްޖަކު ހާދަ ނަސީބު ރަނގަޅުވާނޭ. ކައްކަން އެނގޭ ފިރިއަކު ހުރީމަ ކިހާ ފަސޭހަވާނެ." ލައިލީ ނިކަން ހިނިއައިސްފައި ބުންޏެވެ.

"އެހެންވީރު ލައި އަހަންނާ އިނދެފާނަންތަ؟." ދަރަކް ބުންޏެވެ. އެވަގުތު ލައިލީ އެއްވެސް އެއްޗެއް ނުބުނީ އެއީ ދަރަކް ކޮށްލި ސަމާސާއެކޭ ހީވެގެންނެވެ.

އެ ދުވަހު ބާބެކިޔު ނިމުމުން ލައިލީ ގެއަށް ގެނެސްދިނީ ދަރަކްއެވެ. ޝުކުރު އަދާކޮށްފައި ދަރަކްގެ ސައިކަލުން ފައިބައިގެން ލައިލީ ހިނގައިގަންނަން އުޅުނު ހިނދު އޭނާގެ އަތުގައި ދަރަކް ހިފެހެއްޓިއެވެ. ހިސާބެއްގެ ހާސްކަމާއި ޖެހިލުންވުން ދަރަކްގެ މޫނުން ފާޅުވޭވޭ ހުއްޓެވެ. ލައިލީގެ ގާތުން ރައްޓެހިވާން ދަރަކް އެހީއެވެ. ލައިލީގެ ހިތުގައި ވެސް ދަރަކްއަށް ޓަކައި ޚާއްޞަ ޖަޒުބާތެއްވަނީ އުފެދިފައެވެ. ދަރަކްގެ ސައިކަލު ފަހަތަށް އޭނާ އެރީ ވެސް އެހެންވެއެވެ. ޖަވާބެއްދޭން ދަތިވީ ނަމަވެސް ލައިލީ އާނއެކޭ ބުނުމަށް ބޯޖަހާލީއެވެ. އެހިނދު ދަރަކް ދޫކޮށްލީ ފުންނޭވާއެކެވެ. އެ ހުރިހާއިރު އޭނާ ނޭވާނުލާ އިން ކަހަލައެވެ. އެއީ ލައިލީއާއި ދަރަކްގެ ލޯބީގެ ދާސްތާން ފެށުނު ހިސާބެވެ.

"އަހަރެން ހީކުރީ ދަރަކްއާއެކީ އުފަލުގައި މުޅި އުމުރު އުޅެވޭނެކަމަށް. އެހެންވެ ރައްޓެހިވިތާ ދެ އަހަރު ފަހުން ދަރަކް ކައިވެންޏަށް އެހީމަ ވަގުތުން އެއްބަސްވީ." ފަސް އަހަރު ކުރީގެ ޚިޔާލުތަކުން ނުކުތް ލައިލީ އަމިއްލަ ނަފްސަށް ބުންޏެވެ. ދަރަކްއާއެކު މުސްތަޤްބަލެއް އޮތްކަމަށް ލައިލީއަށް މިހާރު ޤަބޫލެއް ނުކުރެވެއެވެ. ކާން އިން ކަޕްނޫޑްސްތަށި ހޭވުން ހުއްޓާލާފައި ލައިލީ ބަލާލީ ސޯފާގައި އިން ޒިންދުއަށެވެ.

"މަންމާ. އަހަރެން މަންމަ ކައިރިއަށް ދިރިއުޅެން އަތުވެއްޖެނަމަ އުނދަގޫވާނެތަ؟." ލައިލީ އަހާލިއެވެ. ފަރުވާތެރިކަމާއެކު ދަރިފުޅަށް ބަލަން އިނދެފައި ޒިންދު ދޫކޮށްލީ ފުންނޭވާއެކެވެ.

"އުނދަގޫ ދޯ... މިތަންކޮޅު ވަރަށް ކުޑަ. މަންމައާއި ލައި އެކީގައި އުޅޭން ފަސޭހައެއްނުވާނެ." ޒިންދު ވާހަކަ ދިގުކުރާ ފަދަ ރާގެއްގައި ބުންޏެވެ. ލައިލީ އިސްޖަހާލިތަން އެވަގުތު ޒިންދު ދުށްޓެވެ.

"އާން. ފަސޭހައެއްނުވާނެ." ލައިލީ ބުނެލިއެވެ. ޒިންދުގެ ތުންފަތް ކުޑަކޮށް ދެމިލިއެވެ.

"އުނދަގުލަސް ލައި ނާންނާށޭ މަންމަ ނުބުނާނަން. ލައި ހުރީމަ މަންމައަށް ވެސް ލުއި. ތިގޮތަށް މަންމަ ބަލަން ކައިރީގައި ހުއްޓާ ފޮނުވާލާކަށް ބޭނުމެއްނޫން." ޒިންދު ބުންޏެވެ.

"ތޭންކްސް މަންމާ." ލައިލީ ހިނިތުންވެލިއެވެ. ޒިންދުގެ ވާހަކައިން ލައިލީ އަންނަން ބޭނުން ކޮންމެ އިރަކު އަންނަންވީކަން ދޭހަވިއެވެ. ކޮންމެ ހާލެއްގައި ވެސް ޒިންދު އޭނާ ބަލައިގަންނާނޭކަމުގެ ޔަގީންކަން ލައިލީއަށް ލިބުނެވެ.

* * * * *

އެޕާޓްމެންޓުގެ ދޮރު ހުޅުވާލައި ލައިލީ ވަނެވެ. ގޭތެރޭގައިވަނީ އަނދިރިކަމާއި ފުން ހިމޭންކަމެވެ. ލައިޓުތައް ޖައްސާލުމާއެކު ލައިލީ އެތެރެއަށް ވަދެގެން އައެވެ. ސޯފާގެ ދިގަށް ލައިލީ އޮށޯވެލިއެވެ. ދެ ލޯ ފޮރުވޭނޭހެން އޭނާ ނިތުގައި ކަނާއަތް ބާއްވާލިއެވެ. އަކިޔަލް ފޮނުވާ މެސެޖުތަކުގައި ބުނެފައި ހުންނަނީ އަފްރާހުއާއެކީ ނޫންނަމަ ދަރަކް އަބަދުވެސް ފެންނަނީ އެކަނި އުޅޭތަން ކަމެވެ. މިވީ ދުވަސްތަކުގައި ލައިލީ ގޭގައި ނޫޅޭކަން އެނގޭއިރު ވެސް ގެއަށް އިތުރު މީހަކު ދަރަކް ގެނެސްފައި ހުރިކަމުގެ ކުޑަ ވެސް ލިސާނެއް ނެތެވެ. އެކަމާ ވެސް ލައިލީ ސުވާލު އުފެދެއެވެ. ދަރަކް ބޭނުންނަމަ އެ އަންހެނާ ގެއަށް ގެނެވޭނޭ ލައިލީގެ ހިތުގައި ވެއެވެ. ސަމައިރާ ޑޭޓަކަށްދާން ހަމަޖެހިފައި އޮތްކަން ލައިލީ ހަނދާންވީ ދެނެވެ. އޭނާގެ ސޯޝަލްމީޑިއާގައި އެ ޚަބަރު އޮތީ ޖަހާފައެވެ. ދެ މީހުން އަބަދުވެސް ބައްދަލުވާން ބޭނުންވަނީ ބޭރުންނޭ ލައިލީ ހިތަށް އެރިއެވެ. ޚިޔާލުތަކުގައި އޮއްވާ ވަރުބަލިކަން ލައިލީގެ ދެ ލޯ ބަރުކުރަން ފެށިއެވެ. މަންމައާއެކު އެ ގޭގައި ނިދަން ލައިލީއަށް ފަސޭހައެއް ނޫނެވެ. ހުރިހާ ހިތްނުތަނަވަސްކަމަކާއެކު ވެސް އަދިވެސް ލައިލީއަށް އެ އެޕާޓްމެންޓުގައި އަމިއްލަވަންތަކަމާއި ރައްކާތެރިކަން އިޙްސާސް ކުރެވެއެވެ. އޭނާއަށް ނިދެން ގިނައިރެއް ނުނެގީ އެހެންވެއެވެ.

ނިދިފައި ލައިލީއަށް ހޭލެވުނީ ކިހާއިރަކު ކަމެއް ލައިލީ ނުދެނަހުއްޓެވެ. ސޯފާއިން ތެދުވި ވަގުތު އޭނާއަށް އިވުނީ ދަރަކްގެ އަޑެވެ. ކުޑަކޮށް ހުޅުވާފައި ހުރި ބެލްކަނީގެ ދޮރުން ވަން ލުއިލުއި ވައިރޯޅީގެ ބީހުން ލައިލީއަށް އިޙްސާސް ކުރެވުނެވެ.

"މަންމަ ރަނގަޅުކަން އެނގުނީމަ އަހަރެން ހުރީ މިއަދު އޮފީހުން އައިސް ލައިއަށް ގުޅަންވެގެން." ކާމޭޒު މަތީ ތަށިތައް އަތުރަމުން ދަރަކް ބުންޏެވެ. އަދި އޭނާ އައިސް ލައިލީ ކުރިމަތީ ކުޑަކަކޫ ޖަހާލިއެވެ.

"ލައި ރަނގަޅުތަ؟. ހީވަނީ ވަރަށް ވަރުބަލިވެފައި ހުރިހެން. ލައި ބަލިނުވައްޗޭ." ލައިލީގެ ކޯތާފަތުގައި ހިފާލަމުން ދަރަކް ބުންޏެވެ. ލައިލީއަށް އެއްޗެއް ނުބުނެފައި އިންދާ އަނެއްކާ ވެސް ދަރަކް ވާހަކަދެއްކިއެވެ.

"ލައި އަންނާނެކަން ކުރީން އެނގުނުނަމަ އަހަރެން މީރު އެއްޗެއް ހަދާފައި ބަހައްޓާނީ. އެކަމަކު ސްޕެގެޓީ ވެސް ނުބައެއްނުވާނެ. ހިނގާ ކާން." ދަރަކް ހިނިތުންވެލިއެވެ.

"މިވަގުތު ކާހިތެއްނެތް." ލައިލީ ބުންޏެވެ. އެހެންބުނެފައި ސުކުންތެއް ވެސް ނުވެއެވެ. ބަނޑުގެ ތެރެއިން ކުކުރާލި އަޑު އިވިގެންދިޔައެވެ. ދަރަކް ހޭންފެށިއެވެ. އޭނާ ތެދުވެ ލައިލީއަށް ކަނާއަތް ދިއްކޮށްލިއެވެ.

"އާދޭ." ހިނިއައިސްފައި ހުރެ ދަރަކް ބުންޏެވެ.

ދަރަކްގެ އަތުގައި ލައިލީ ނުހިފިއެވެ. އޭނާ ތެދުވި ގޮތަށް ކާމޭޒު ކައިރިއަށް އައިސް އިށީނީއެވެ. އޭނާގެ ފަހަތުން ދަރަކް އައިސް އިށީނެވެ. ލައިލީ ކާން ތައްޔާރުވެލި ހިނދު ހޫނުވާނޭކަން ދަރަކް ހަނދާންކޮށްލަ ދިނެވެ. އެވަރު ލައިލީއަށް ވެސް އެނގެއެވެ. ތަށިން އަރާ ހޫނު އާވީގެ އިޙްސާސް އޭނާއަށް ކުރުވޭތީއެވެ.

"އަހަރެން ހިތަށް އެރީ... މާދަން. ލައިގެ އެއްވެސް ޕްލޭނެއް އެބައޮތްތަ މާދަމައަށް." ކާން އިނދެ ދަރަކް ވާހަކައެއް ފެށިއެވެ.

"އާން. މާދަމާ ރޭ އެންމެން ކޮފީއަށްދާން ރާވާފައި އޮތީ. ޔޫން ވެސް އޭރުގެ ކަންތަކަށްފަހު ހަމައަކަށް އެޅުނީ އަދިކިރިޔާ." ލައިލީ ބުންޏެވެ.

"އޭނާގެ ފިރިމީހާ ޤަބޫލުވިތަ." ދަރަކްއަށް އަހާލެވުނެވެ.

"ބަދަލުވާން ބޭނުންނުވާ މީހަކު ބަދަލުކުރަން މަސައްކަތް ކުރުން ފަސޭހަކަމަކަށް ނުވާނޭ ޔޫން ބުނި." ލައިލީ ބުންޏެވެ.

"އިންސާނުންނަކީ އެމީހުން އާދަވެފައި ހުންނަ ގޮތް ބަދަލުކުރާން ފަސޭހަ ބައެއްނޫން. ކުއްލިއަކަށް އެކަމެއް ނުވާނެ. ޖެހޭނީ މަޑުމަޑުން ކަންކަން ބަދަލުކޮށް އެކަމަށް ހޭނެން." ދަރަކް ބުންޏެވެ.

"ކޮންމެކަމަކާ ވެސް ކުރިމަތިލެވޭވަރުގެ ހިތްވަރުގަދަ މީހަކަށް ވާން ޔޫން އަމިއްލަ ނަފްސަށް ވަޢުދުވި. ބަދަލުވާން ޖެހިއްޖެނަމަ އެ ހާލަތަކާއި އެއްގޮތަށް އަންހެނުން ބަދަލުވޭ." ލައިލީ ހިތާހިތާ ކިޔާލިއެވެ.

"ލައި. މާދަމާ ރޭ ކޮފީއަށް ނުގޮސް ގޭގައި މަޑުކޮށްލަންވީނު." ދަރަކް ބުނެލިއެވެ.

"ކީއްވެ؟." ލައިލީ ވަގުތުން އަހާލިއެވެ.

"ޔޫ ޑޯންޓް ލުކް ވެލް. މަންމަ ކައިރިން އަދިކިރިޔާ އާދެވުނީ. އަހަންނަށް ފެންނަނީ ލައި ކުޑަކޮށް ރެސްޓްކޮށްލަން." ދަރަކް ބުންޏެވެ.

"އަހަރެން އޯކޭ." ލައިލީ ބުނެލިއެވެ.

"އެކަމަކު މޫނުމަތިން ނުޖަހާ ރަނގަޅުވައްތަރެއް." ދަރަކްގެ އަޑުގައިވީ ކަންބޮޑުވުމެވެ. ލައިލީގެ މޫނުން ފާޅުވަނީ ވަރުބަލިކަމެވެ. ރަނގަޅަށް ނުނިދާ އުޅެފައި ހުރި ކަހަލައެވެ. ހަމައެއާއެކު ލައިލީގެ ދެ ލޮލުގައިވާ ހުސްކަން ދަރަކްގެ ހިތް އަވަސްކުރުވަނީއެވެ. އަނބިމީހާއަށް ކަމެއްވެފައޭ ދަރަކްގެ ޟަމީރު ބުނެއެވެ.

"ނޭނގޭތަ..." މޭޒުމަތީ ދެއަތުން ޖެހި ގޮތަށް ލައިލީ ފުންމައިގެން ތެދުވިއެވެ. ހަޅޭލަވައިގަނެވެން އުޅެފައި އޭނާ އަމިއްލަ ނަފްސު ނިކަން އަވަހަށް ހިފެހެއްޓިއެވެ. ހައިރާންވެ ސުވާލު އުފެދިފައި ދަރަކް ބަލަން އިނެވެ.

"ކިހިނެއްވީ ލައި." ދަރަކް އަހާލިއެވެ.

ކަމެއްނުވެޔޭ ބުނެ ލައިލީ އަލުން އިށީނީއެވެ. ދަރަކްއާ ދިމާއަށް ލައިލީއަށް އުޅެވުނީ ހަޅޭލަވައިގަނެވޭށެވެ. ލައިލީއަށް ބަދަލުތަކެއް އައީ ކީއްވެކަން ހަމަ ދަރަކްއަށް ނޭނގޭތޯ އަހާށެވެ. ހުރިހާކަމެއް ކުރީ ދަރަކްއޭ ގޮވާލާށެވެ. ދަރަކްއަކީ ކުށްވެރިއެކޭ ބުނާށެވެ. ނަމަވެސް އަދިއެއްނޫނެވެ. ހުރިހާ އެއްޗެއް ގޮވާލައި ލައިލީގެ އިޙްސާސްތައް ބޭރުކޮށްލަން އަދިވެސް އަވަހެވެ.

"މަންމަ ކައިރީ ހުރިއިރު ރަނގަޅަށް ނުނިދޭ. ތަންކޮޅެއް އަވަހަށް މާދަމާ ރޭ އާދެވޭތޯ ބަލާނަން." ލައިލީ މަޑުމައިތިރިކަމާއެކު ބުންޏެވެ.

"އޯކޭ. މި ވީކަންޑުގައި އަނެއްކާވެސް އަހަރެން ބިޒީވާނެ. ރޭގަނޑުވާ ފަހުން އާދެވޭނީ." ދަރަކް ބުންޏެވެ. ލައިލީ ހަމައެކަނި ލައްވާލީ ހޫންއެކެވެ.

"އަންނަ ހަފްތާއިން ފެށިގެން ކަންކަން ހަމައަކަށް އެޅޭނެ. އޭރުން މިހާރު ހާ ބިޒީއެއްނުވާނެ. ދަތުރެއް ރާވަމާ. ބުރާސްފަތި ދުވަހު އަހަރެން އޮފީހުގައި ބުނެގެން އޮފެއް ނަގާނަން. އޭރުން ބުރާސްފަތި، ހުކުރު، ހޮނިހިރު ލިބޭނެ. އަތޮޅުތެރެއަށް ދާހިތްވެއެއްނު ލައި. އޭރުން ތަންކޮޅެއް ދުރު ދަތުރެއް ވެސް އަޅާލެވިދާނެ." ދަރަކްގެ ޚިޔާލު އަނބިމީހާއާ ޚިއްޞާކުރިއެވެ.

"އައި އޭމް ސޮރީ." ލައިލީ ބުނެލިއެވެ. އަދި ކާންއިން ތަށި ހިފައިގެން ލައިލީ މޭޒުދޮށުން ތެދުވިއެވެ. އެހިނދު ލައިލީގެ ނަމުން ދަރަކް ގޮވާލިއެވެ.

"ފަހުން އެކަމާ ވާހަކަދައްކާނީ ދޯ. މިހާރު ތިހުރީ މާބޮޑަށް ވަރުބަލިވެފައި. ސިންކަށް ތަށިލާފައި ލައި ދޭ އޮށޯވެލަން." ދަރަކް ބުންޏެވެ. ލައިލީ ކަންތައް ކުރީ އެފަދައިންނެވެ.

ކައިވެނީގެ ގޮށް މުހެވިގެންދާވަރުގެ ބާގަނޑެއް ދިރިއުޅުމުގައި ހެދިފައިވާއިރު އެ ބާގަނޑު ބެއްދޭނޭ ގޮތެއް ލައިލީއަށް އެނގެނީއެއްނޫނެވެ. އެގޮތް އޭނާ ބޭނުންވާކަމެއް ވެސް ޔަގީނެއްނޫނެވެ. މިފަދަ ދަނޑިވަޅެއްގައި ދެމަފިރިން އެކުގައި ދަތުރުތަކުގައި ގޮސް މަޖާކުރުމުން ހުރިހާކަމެއް ހައްލުވޭބާއޭ ލައިލީ ހިތަށް އެރިއެވެ. ދަރަކް އެފަދަ ޚިޔާލެއް ފާޅުކުރީތީ ވެސް ލައިލީއަށް އެކަންވީ ބޮޑު ޖޯކަކަށެވެ. ދަރަކްއާއެކީ އެއްފުރާޅެއްގެ ދަށުގައި އުޅޭން އުނދަގޫވެފައި ހުރިއިރު އޭނާ ދަތުރުދާން ވިސްނާނީ ކިހިނެއް ހެއްޔެވެ.

ޖެހިގެން އައި ދުވަހެވެ. ލައިލީއަށް ހޭލެވުނުއިރު ދަރަކް އޮފީހަށް ހިނގައްޖެއެވެ. އޭނާ ލައިލީއަކަށް ނުގޮވައެވެ. އެހެންނަމަވެސް ކާމޭޒުމަތީ ލައިލީއަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް މަތިޖަހާފައި ތަށިތައް ހުއްޓެވެ. ރޭގައި ރަނގަޅަށް ނިދާލުމުން ލައިލީ ހުރީ ވަރަށް ބޮޑުތަން ހަމަޖެހިފައެވެ. އޭނާ ކުރިޔަށް ވިސްނިއެވެ. ދެން ކަންތައްކުރާނޭ ގޮތަކާމެދުއެވެ. ދަރަކްއާ ކުރިމަތިލުމުގެ ކުރީން އޭނާ ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް އަދި އެބައޮތްކަން ހަނދާންވިއެވެ. އެހެންވެ ފުރަތަމަ އެކަމަށް ސަމާލުކަންދޭން ލައިލީ ނިންމިއެވެ. އެކަން ކާމިޔާބު ކުރުމަށް އޭނާ ވަރަށް ކުޅަދާނަވާންޖެހޭނެކަން ލައިލީއަށް އެނގެއެވެ.

(ނުނިމޭ)