އެމްއެންޑީއެފް

ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ގޮސްފި

ލ. މާވަށުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ "ނޫރު-2" ނަމަކަށް ކިޔާ މި ދޯނީގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށެވެ. އަދި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔައިރު ވެސް ދޯނި އަޑިއަށް ގޮސްފައިވާކަމަށެވެ.

އަލިފާން ރޯވި އިރު މި ދޯނި ދަތުރުކުރަމުން ދިޔައީ ރ. އަތޮޅު ރޮބިންސަން އައިލެންޑް ރިސޯޓަށެވެ.

މި ހާދިސާ ހިނގި އިރު އެ ދޯނީގައި ހަތަރު ފަޅުވެރިން ތިއްބެވެ. އެއީ ދިވެއްސަކާއި ތިން ބިދޭސީންނެވެ.

ކޯސްޓްގާޑުން ވަނީ މާވަށުގެ ދެކުނުން ހަ ނޯޓިކަލް މޭލު ބޭރު ކަނޑުމަތިން އެމީހުން ސަލާމަތްކޮށްފައެވެ. އަދި އެމީހުން މިހާރު ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.