އިޒްރޭލުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ބޮޑުވެ ދާހިލީ ހަނގުރާމެއް ފެށިދާނެ ކަމަށް ސިޔާސީ ބައެއް ލީޑަރުން ބުނަމުންދާ ބުނުމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރައްދު ދެއްވައިފި އެވެ.
ނަތަންޔާހޫ މި މޭރުމުން ވާހަކަދެއްކެވީ ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲއަށް ވެސް ދެއްވި ރައްދެއް ގޮތުގަ އެވެ.
ހަސަން ނަސްރުﷲ މިދާހަކަށް ދުވަހު ވިދާޅުވީ އިޒްރޭލުގައި ހިނގަމުންދާ ހަމަނުޖެހުންތައް ދޭހަކޮށްދެނީ އެ ގައުމުގެ ސަރުކާރާ މެދު އާންމު ރައްޔިތުން ނުރުހުންވެފައި އޮތް މިންވަރު ކަމަށެވެ. އަދި އެއީ މުޖުތަމައުގައި ހުޅުހިފައި ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ނިޝާނެއް ކަމަށެވެ.
ނަސްރުﷲގެ މި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމަށް ނަސްރުﷲ ކިތަންމެ އުންމީދެއްކުރެއްވި ނަމަވެސް އެކަމެއް ނުވާނެ ކަމަށެވެ.
އިޒްރޭލުގައި ދާހިލީ ހަނގުރާމައެއް ނުފެށޭނެކަން ނަސްރުﷲއަށް އެނގިވަޑައި ނުގަތުމަކީ، ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އޭނާގެ ބުއްދި ކޮށިކަމެވެ.
ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުގެ ރައްޔިތުންނަކީ އަޚުންނާއި އުޚުތުން ކަމަށެވެ.
އިޒްރޭލުގައި ދާހިލީ ހަނގުރާމައެއް ނުފެށޭނީ އަމިއްލަ ނަފުސު ހަލާކުވެގެން ދިއުމަށް ލޯބިކުރާ ރައްޔިތަކު އެ ގައުމުގައި ނެތުންމުން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ނަަތަންޔާހޫގެ ސަރުކާރުން އިޒްރޭލުގެ ޖުޑިޝަރީއަށް ގެންނަން ރާވާފައި ހުރި ބަދަލުތަކާ މެދު ހިތްހަމަނުޖެހިފައި ތިބި އެތައް ހާސް ބަޔަކު، މަގުތަކަށް ނުކުމެ ރޭދުވާ ނުބަލައި ދަނީ އެ ބަދަލުތައް އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ.
ޖުޑިޝަރީ ބަދަލުކުރުމަކީ ސްޕްރީމް ކޯޓުގެ ބާރުކެނޑި އަދި ކޯޓުތަކަށް އާންމުން ކުރާ އިތުބާރު ގެންލިގެންދާނެ ކަމެއް ކަމަށް ވެސް މުޒާހަރާކުރާ މީހުން ބުނެ އެވެ.
އެހެން ނަމަވެސް، ނަތަންޔާހޫ ހުންނެވީ މި ބަދަލުތައް އަނބުރާ ގެންދަވާ ގޮތަކަށް ނޫނެވެ. އޭނާ ވިދާޅުވީ އާންމުންގެ މޫނަށް ބެއްލެވުމެއް ނެތި ބަދަލުތަކާއިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް މާހައުލެއްގައި، އާންމުން ދެކޭ ގޮތް ފާޅުކުރާނެ އެވެ. އަދި އެ މީހުންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނުކުންނާނެ އެވެ. ބަދަލުތަކަށް ސަރުކާރުތަކުން ލޯހުޅުވޭ ހިސާބަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.