ޕީޕީއެމް

އިދިކޮޅުގެ"ތިޔަހެން ނުވިއްކޭނެ"ހިނގާލުން އަންނަ ހުކުރު ދުވަހު

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން "ތިޔަހެން ނުވިއްކޭނެ"ގެ ނަމުގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދާ މި ހިނގާލުމަކީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިމުން ސިނާއީ ބޭނުންތަކަށް ބޭރު މީހުންނަށް ބައިވެރިވޭ ގޮތަށް ބިން ގަންނަން އަދި ކުއްޔަށް ނެގުމަށް ހުޅުވާލުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ދިވެހިންގެ ބިން ސިޔާސީ ބޭނުންތަކަށް ވިއްކުމާއި ދިވެހިން ދެކޮޅު ކަމަށެވެ. އަދި ތިލަފުށީގެ ބޮޑި ބައެއް 99 އަހަރަށް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ދިވެހިންގެ މިނިވަންކަމަށް ބުރޫއު އަރައިފާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން ވަކި ގައުމަކަށް ބިން ވިއްކަން އުޅޭ ކަމުގެ ތުހުމަތު ވެސް ޝިޔާމް ކުރެއްވި އެވެ.

"ބިން ވިއްކަން ހަދާފަ ހުރި ޑޮކިއުމަންޓްތަކުން މި އެނގެނީ މިއީ ވަކި ގައުމެއްގެ ވަކި ކުންފުނިތަކަކަށް ބިން ދިނުމަށް ހަދާފައިވާ އެއްޗެހިކަން،" ޝިޔާމް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު ވިއްކާލަން އުޅުމާއި މި ސަރުކާރުން ތިލަފުށިން ބޭރު މީހުންނަށް ބިން ދޫކުރުމުގެ ތަފާތަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޝިޔާމް ވިދާޅުވީ ފ. އަތޮޅުގެ މަޝްރޫއުއަކީ ރާއްޖޭގައި ހިނގާނެ އެންމެ ބޮޑު އިގްތިސާދީ މަޝްރޫއު ކަމަށެވެ. އަދި އެ މަޝްރޫއުއިން ދިވެހި ރައްޔިތުންގެ ދިރިއުޅުންތައް ޔަގީނުން ވެސް އެތައް ގުނައެއް ތަނަވަސް ކޮށްދޭނެކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެމަނިކުފާނު އިގުތިސާދީ ގޮތުން ނަފާހުރިކަމެއް ކުރެއްވީ. އަދި ތަފާތަކީ އެ ޕްރޮޖެކްޓް ހިންގަން ބޭނުންވާ ގާނޫނީ އޮނިގަނޑު ހިއްޕަވައިގެން އެއާ އެކީ ރައީސް ޔާމިނު މަސައްކަތް ކުރެއްވީ. ރައީސް ޔާމީނު ވުޖޫދު ކުރެއްވި ގާނޫނޫ މި ސަރުކާރުން މިހާރު އުވާލައިފި،" ޝިޔާމް ވިދާޅުވިއެވެ.

ތިލަފުށި ދެވަނަ ފިޔަވަހިން 150 ހެކްޓަރުގެ ބިމެއް ހިއްކާ ބޭރު މީހުންނަށްވެސް ބައިވެރިވޭ ގޮތަށް ސިނާއީ ބޭނުމަށް 50 ބިން ވިއްކުމަށް އެޗްޑީސީ އިން ވަނީ ހުޅުވާލަފަ އެވެ. މިކަމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެމުން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 10 އިންސައްތަ ބިމަކީ ބޭރުގެ ވިޔަފާރިތަކަށް ބިޑު ކުރެވޭ ގޯތި ކަމަށެވެ. ނަމަވެސް އެ މީހުންވެސް އަމަލުކުރަން ޖެހޭނީ ރާއްޖޭގައި މިހާރު ހަދާފައިވާ ގަވައިދުތަކަށާއި އިދާރާތަކުން ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އެޗްޑީސީން ދިވެހިންނާއި ބިދޭސީންނަށްވެސް ބައިވެރިވެވޭ ގޮތަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ. ދިވެހިންނަށް ބިން މިލްކުކުރެވޭއިރު ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ލިބެ އެވެ.

ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކުން ހުއްޓާލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅުއްވި އެވެ. ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.