ބޭންކް އޮފް މޯލްޑިވްސް

ކަސްޓަމަރެއްގެ އެއްވެސް މައުލޫމާތެއް ބެންކުން އާންމެއް ނުވާނެ: ބީއެމްއެލް

Feb 20, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތެރެއިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް ވެސް އާންމުވެފައި ނުވާނެ ކަމަށް ބުނެފި އެވެ.

ބީއެމްއެލް އިން މިހެން ބުނެފައި މިވަނީ ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއަގައި ބައެއް އާންމު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ބީއެމްއެލް އިން ބުނީ ބައެއްފަހަރު ސްކޭމް ހިންގާ މީހުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާފައި ހުންނަ ކަމަށެވެ. އެގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރުވެސް އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރާ ކަންވެސް ބީއެމްއެލް އިން ފާހަގަކޮށްފައިވެ އެވެ.

ކަސްޓަމަރުން ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި ބީއެމްއެލް އިން ބުނެ އެވެ. ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެ ފަދަ އަމަލެއް ހިނގަމުންދޭތޯ ބީއެމްއެލް އިން އަބަދުވެސް މޮނިޓާކުރަމުންދާ ކަމަށްވެސް ބުންޏެވެ.

"މިގޮތުން ކާޑުތަކުގެ މައުލޫމާތު ހާމަވެ، ކާޑުތަކުން މުއާމަލާތްތަކެއް ހިނގާފައިވާ ގޮތަށް ބަލާއިރު ބައެއް ކަސްޓަމަރުންގެ ކާޑުތަކުން ވަނީ މުއާމަލާތްތަކެއް ހިންގާފަ އެވެ. ބޭންކުން މިވަނީ މި ކާޑުތައް ބްލޮކްކޮށްފަ އެވެ. އަދި ކާޑު ހެއްދުމަށް އެއްވެސް ފީއަކާ ނުލާ، އައު ކާޑު ހެދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުންނެވެ.،" ބީއެމްއެލް އިން ބުނެ އެވެ.

ގައުމީ ބޭންކް -- ބީއެމްއެލް އިން އިތުރަށް ބުނީ މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ދޭނެ ކަމުގެ ޔަގީންކަންވެސް ބީއެމްއެލް އިން ދީފައިވެ އެވެ.