ގދ. ތިނަދޫ

ތިނަދޫގެ ހާލަތު އަންނަނީ ރަނގަޅުވަމުން: ޓާސްކް ފޯސް

  • ވަގުތީ ކަރަންޓް ހޮނިހިރު ދުވަހު ދެވޭނެ
  • އަސާސީ ހިދުމަތްތައް ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި
  • ސަރުކާރުގެ ކުންފުނިތަކުން ގިނަ އެހީތަކެއް

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެރޭ ތިނަދޫ އިންޖީނު ގޭގައި ރޯވެ ލިބުނު ގެއްލުންތަކުގައި އެރަށުން ކަރަންޓު ކެނޑި، ރަށަށް މިހާރު ދިމާވެފައިވާ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެ މައްސަލަ ހައްލުކުރުމުގައި ތިނަދޫގައި އުފައްދާފައިވާ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނާއި ފުލުހުންނާއި އެހެން ވެސް ރަށުގެ ކަމާ ގުޅޭ ފަރާތްތަކުން ގުޅުގެން އުފައްދާފައިވާ އެ ސެންޓަރުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ރަށުގެ ފެނަކަ ބްރާންޗްގެ ޓެކްނިކަލް މެނޭޖަރު އަހުމަދު މުސްތަފާ ވިދާޅުވީ، ލ. ގާދޫ އިން ފޯރުކޮށްދިން ޖަނަރޭޓަރުގެ އެހީގައި ފެން ޕްލާންޓަށް ކަރަންޓް ދީ މުޅި ރަށަށް މިހާރު ފެންފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ހަވޮއްޑާ ރިސޯޓް ތަރައްގީ ކުރި، ލަންކާގެ ސިޔަރާއި ކުންފުނިންނާއި، ދިރާގުގެ ގދ. ތިނަދޫ އޮފީހުން ހަދިޔާ ކުރި ދެ ޖަނަރޭޓަރުގެ އެހީގައި ހޮސްޕިޓަލަށް ވެސް ކަރަންޓް ދީ ހިދުމަތްތައް މިހާރު ފަށައިގެންފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

މީގެ އިތުރުން ލިބުނު އެހެން ޖަނަރޭޓަރެއްގެ އެހީގައި ތިނަދޫ ދަނާލަށްވެސް މިހާރު ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ކަމަށް އެ ފޯސް އިން ބުންޏެވެ. މުސްތަފާ ވިދާޅުވީ އުރީދޫންނާއި މާމިގިލިން ލިބިފައިވާ ޖަނަރޭޓަރުވެސް ބޭނުންތެރި ގޮތެއްގައި ބޭނުން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ގިނަ ކުންފުނިތަކުންވެސް އަންނަނީ ތިނަދޫއަށް ތަފާތު ގޮތްގޮތުން އެހީތެރިވަމުން ކަމަށް އެ ފޯހުން ބުނެއެވެ. އެގޮތުން ފެނާއި، އުއްބައްތި މަދިރި ލޯޝަން އަދި ޓޯޗު ބައްތި ފަދަ ތަކެތި ލިބެމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

މިހާދިސާގައި ލިބުނު ގެއްލުން ގާތްގަނޑަކަށް 22 މިލިއަނަށް އަރައެވެ.

ތިނަދޫ ކަރަންޓަށް ވަގުތީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ވަގުތީ ހައްލަކީވެސް ފުރިހަމަ ހައްލަކަށް ވެގެންދާނެ ކަމަށް ފެނަކައިން އިއްޔެވަނީ ބުނެފަ އެވެ. އަދި މިހަފްތާ ބަންދުގައި ރައްޔިތުންނަށް ކަރަންޓު ލިބޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ހޮނިހިރު ދުވަހު ވަގުތީ ގޮތުން ކަރަންޓް ދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.