ބޮލީވުޑް

މުމްބައިގައި އޮތް ކޮންސަޓެއްގައި ސޯނޫ ނިގަމް އަށް ހަމަލާ ދީފި

އިންޑިޔާގެ މުމްބައިގައި ރޭ ބޭއްވި ކޮންސަޓެއްގައި ލަވަ ކިޔާފައި ސްޓޭޖުން ފައިބަނިކޮށް މީހަކު އައިސް ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އަށް ހަމަލަ ދީފި އެވެ. އަދި މި ކަން ހުއްޓުވަން އުޅުމުގެ ތެރޭގައި އިތުރު އެތައް ބަޔަކަށް ވެސް އަނިޔާވެ މިތަނުގައި ވަރަށް ބޮޑު ހައިޖާނުގަނޑެއް ހިނގަން މެދުވެރިވި އެވެ.

ޗެމްބޫރުގައި އޮތް މި މިއުޒިކަލް އިވެންޓްގައި ހަމަނުޖެހުން ހިނގާ މަންޒަރުގެ ވީޑީއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ. މި ވީޑީއޯތަކުން ފެންނަ ގޮތުގައި ސޯނޫ އާއި އޭނާގެ ބޮޑީ ގާޑުންނަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައި ވެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނި ގޮތުގައި މި ހަމަނުޖެހުންތައް ފެށުނީ އެ ގައުމުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޝިވް ސޭނާގެ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ޕްރަކާޝް ޕަޓަޕޭކަރްގެ ފިރިހެން ދަރިއަކާއި އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ސޯނޫ އާއެކު ސެލްފީ ނަގަންވެގެން ސްޓޭޖްމައްޗަށް ކުއްލިއަކަށް އެރުމުންނެވެ. އެމީހުން އައިސް ގަދަކަމުން ސޯނޫއާއެކު ސެލްފީ ނަގަން އުޅެން ފެށުމުން ސޯނޫގެ ބޮޑީގާޑުން އެމީހުން ދުރުކުރަން މަސައްކަތް ކުރި އެވެ. އެހިސާބުން އެއްބަޔަކު އަނެއްބަޔެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގަން ފަށައި މުޅި ތަނުގައި ހަމަނުޖެހުން އުފެދުނީ އެވެ.

ސޯނޫ ސްޓޭޖުން ފައިބަން ދަނިކޮށް އޭނާ ކޮއްޕާލުމުން އެއް ފަރާތަކަށް އަރި އަޅާލާ ވެއްޓެން ދާ މަންޒަރުވެސް ވީޑިއޯތަކުން ފެނެ އެވެ.

ސޯނޫ ކޮއްޕާލުމުން އޭނާގެ ބޮޑީގާޑު ކުރިމައްޗަށް އަރައި ހުރަސް އަޅަން މަސައްކަތް ކުރުމުން އެމީހާ ވަނީ ބޮޑިގާޑު ވެސް ކޮއްޕާ ވައްޓާލައި އަނެއްކާވެސް ސޯނޫގެ ގައިގައި ހިފަން މަސައްކަތް ކޮށްފަ އެވެ. ބޮޑީގާޑު ކައިރީގައި އެ ވަގުތު ސޯނީގެ އެކުވެރިޔާ އަދި ލަވަކިޔުންތެރިޔާ ރައްބާނީ ޚާން ވެސް ހުއްޓެވެ. ބޮޑީގާޑަށް ދިން ހަމަލަ ހުއްޓުވަން އުޅެނިކޮށް ރައްބާނީ ކޮއްޕާލުމުން އޭނާ ވަނީ ސްޓޭޖަށް އަރަން ހުރި ހަތް ވަރަކަށް ހަރުފަތް ހުރި ސިޑިއަކުން ތިރިއަށް ވެއްޓިފަ އެވެ.

މިކަން ހިނގައި ދިޔަ ގޮތް ބަލައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.