ޖުމްހޫރީ މައިދާނުގައި ހުރި ރުއްތައް ނެގީ އާންމުންނަށް ނުރައްކާވާ ގޮތަށް ހުރުމުން ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
އަވަސްއަށް މައުލޫމާތު ދެމުން މާލެ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ވިދާޅުވީ ރައްޔިތުންނަށާއި އިމާރާތްތަކަށް ނުރައްކާވާ ގޮތަށް ހުންނަ ގަސްތައް ނެގޭނެކަން ކުރިންވެސް އަންގާފައިވާނެ ކަމަށެވެ.
ޖުމްހޫރީ މައިދާނުން ރުއްތައް ނެގީ ދުވަސްވެ ވެއްޓެއް ކައިރިވެފައި ހުރުމުން ކަމަށް ޝިއުނާ ވިދާޅުވި އެވެ. ބައެއް ރުއްތައް ހުރީ ބިންދައިގެންދާން ކައިރިވެފަ ކަމަށްވެސް ވިދާޅުވި އެވެ.
ރުއްތައް ނެގުމުން އާންމުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
މާލޭ ސިޓީ ކައުންސިލުން ދަނީ ރުއް ގަސް ސާފުކުރުމުގެ މަސައްކަތް ދޭތެރެއަކުން ކުރަމުންނެވެ.
ޖުމްހޫރީ މައިދާނުން ނެގި ރުއްތަކުގެ ބަދަލުގައި ސިޓީ ކައުންސިލުން އަންނަނީ އެހެން ރުއްތަކެއް އިންދުމުގެ މަސައްކަތް ކުރަމުންނެވެ.