ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 20 ފެބްރުއަރީ 2023 އާ ގުޅޭ )

ދަރަކްއާ ކުރިމަތިލުމުގެ ކުރީން އޭނާ ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް އަދި އެބައޮތްކަން ހަނދާންވިއެވެ. އެހެންވެ ފުރަތަމަ އެކަމަށް ސަމާލުކަންދޭން ލައިލީ ނިންމިއެވެ. އެކަން ކާމިޔާބު ކުރުމަށް އޭނާ ވަރަށް ކުޅަދާނަވާންޖެހޭނެކަން ލައިލީއަށް އެނގެއެވެ.

ރޭގަނޑު ނުވަގަޑި ބައިވިއިރު ލައިލީއާއި އޭނާގެ ހުރިހާ ރަޙުމަތްތެރީން ތިބީ ރެސްޓޯރެންޓުގައެވެ. ކޮފީއަށް ދިއުމޭ ކިޔަސް މޭޒުމަތީގައި ވަނީ އެކިއެކި ބާވަތްތަކުގެ ކާއެއްޗެހި ހުރި ތަށިތަކެވެ. އެވަގުތު ކޮފީ ބޯން ބޭނުންވާ އެކަކު ވެސް އެމީހުންގެތެރެއަކު ނެތެވެ. ހުރިހާ އެކުވެރީން ބައްދަލުވީ ދުވަސްތަކަކަށް ފަހުގައި ކަމަށް ވިޔަސް އެންމެންގެ ދިރިއުޅުމުގައި ހިނގާ ކަންކަން ކޮންމެވެސް ވަރަކަށް އެންމެންނަށް ވެސް އޮތީ އެނގިފައެވެ.

"ޔޫން. ކޮންގްރާ ލަވް. ފައިނަލީ ޔޫ ގޮއިން ޓު ބީ އަ މާމް." ކިރަންގެ އަޑު ގަދައެވެ. ލިބުނު ފުރުޞަތުގައި އެންމެ ކުރީން ޔޫންއަށް ތަހުނިޔާ ކިޔާލީއެވެ. އެ ތަހުނިޔާ ކިޔުމުގައި ދެންތިބި އެންމެން ބައިވެރިވިއެވެ.

"ސޮރީ ގާއިޒް... މިވީ ދުވަސްތަކުގައި އަހަރެންނާ ހެދި އެންމެން ތިބީ ހާސްވެފައިކަން އެނގޭ. އެކަކު ކައިރީ ވެސް އޭރު އެ ވާހަކަ ނުދެއްކުނީ. އަސްލު ވަރަށް އެކަނިވެފައި ހުރީ. އެހެންވިޔަސް މިހާރު ވިސްނިއްޖެ. އޭރު ވެސް އަހަންނާއެކީ އަހަރެންގެ އެކުވެރީން ތިބި. ކުރީގެ ޔޫން ބަދަލުވާން ފަށައިފި... ހެ ހެ ހެ... މިހާރު އިދޫއާ ކުރިމަތިލާން ކެރޭ. އިދޫ ބޭނުން އެއްޗެއް ކިޔަންދެން މަޑަކުން ނުހުންނަން." ޔޫންގެ މޫނުން ފެންނަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެވެ. އެކުވެރިޔާއަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެކަން ބުނާން އެންމެންނަށް ވެސް އެނގެހާވެއެވެ.

"އަވަރ ނިއު މާމް އިޒް ސްޓްރޯންގް." ހެވިފައި އިނދެ ތަސްލީމާ ބުންޏެވެ. އެންމެން އާނއެކޭ ބުނެ އެއްބަސް ކިޔާލިއެވެ.

"ގުޑް ލަކް ޔޫން މާމް." ނޫރީ ބުނެލިއެވެ. އެކުވެރީންގެ އެއްބާރުލުމާއި ލޯބި ފެނި ޔޫންގެ ހިނިތުންވުން ފުންވެލިއެވެ.

"އޭތް! ތިކަން އެކަންޏެއް ނޫނޭ އަދި އެބައޮތް ގުޑްނިއުސްއެއް." ސިޔާ އެންމެންގެ ސަމާލުކަން ހޯދިއެވެ. އެންމެންގެ ނަޒަރު ސިޔާއަށް ހުއްޓިފައިވީއިރު ކިރަން ތުންފިއްތާލިއެވެ.

"ކިރަންއާ ޖުނޭ އަލުން ގުޅިއްޖެ." ޖެހިގެން އިން ކިރަންގެ ކޮނޑުގައި އެލިގަންނަމުން ސިޔާ ބުނެލިއެވެ. ކިރަން އެކަމާ އެއްޗެކޭ ނުބުނުމުން އެކުވެރިޔާއަށް ސިޔާ ދިމާކޮށްލިއެވެ.

"ނުބުންޏަސް އެނގޭ ކިރަން އުފަލުން ފޮޅިފައި ހުންނަނީ އެހެންވެކަން. މީނަ އަދި ނިކަން ނޫންކަމަށް ހެދޭނެ." ސިޔާ ހިނިގަނޑެއް ޖަހާލިއެވެ.

"އަނެއްކާ ދެމީހުން އެކީގައި އުޅޭންފެށީތަ؟." ތަސްލީމާގެ އަޑުގައިވީ ކަންބޮޑުވުމެވެ.

"އޭނާ ދާނެތަނެއް ނެތް." ކިރަން މަޑުމަޑުން ބުނެލިއެވެ. އޭނާއާއި ޖުނައިދުގެ ދިރިއުޅުމަށް އެކުވެރީން ފާޑުކިޔަން ކިރަން ބޭނުންނުވާ ކަހަލައެވެ.

"އޭނާ ކިރަންގެ ކުރިމަތީ ދޯ އެހެން އަންހެނެއް ދިފާއުކޮށް ވާހަކަދެއްކީ. އެވަރުގެ މީހަކަށް ކީއްވެ މަޢާފުކުރަންވީ. ކިރަންގެ މޮޔަކަން." ނޫރީ ބުންޏެވެ.

"އަހަރެން ވެސް ވިސްނީމޭ. އެއީ އެހާ ފަސޭހައިން ނިންމި ނިންމުމެއްނޫން." އަމިއްލަ ދިފާއުގައި ކިރަން ބުންޏެވެ.

"އަނެއްކާ އޭރު ރައްޓެހިވި އަންހެން މީހާއާ ރުޅިވެފަތަ ކިރަންއާ ގުޅުނީ. އެވަރު ބެލިންތަ؟." ޔޫންއަށް ބުނެވުނެވެ.

"ޖުނޭ މަސައްކަތެއް ނުކުރޭ. އޭނާ އަބަދުވެސް ކަންކަން ކުރާން ނިކަން ރާވާނެ. އެކަމަކު އެކަމެއް ކުރާތަނެއް ނާންނާނެ. އެހެންވެ އެ ދެމީހުންގެ މެދުގައި މައްސަލަ ޖެހުނީ. ޖުނޭ އޭނާއެކީ އުޅުނުއިރު އަބަދު ދެމީހުން ކަމަކީ ޒުވާބުކުރުމޯ ބުނި. އެހެންވެއޯ ރުޅިވީ." ކިރަންގެ ވާހަކަ ނޫރީ މެދުކަނޑާލިއެވެ.

"އޭނާ ބޭނުންވަނީ ކިރަން ފެލައިގެން އުޅޭން. އަތުންފައިން މަސައްކަތެއްނުކޮށް އޭނާއަށް ޚަރަދު ކުރާނެ މީހަކު ހުރިއްޔާ ކޮންކަމަކާ ވިސްނަންވީ." ނޫރީ އިނީ ރުޅި އައިސްފައެވެ. އެކުވެރިޔާގެ ނިންމުން ގޯސްވެގެންނެވެ. ކިރަން އެހާ މޮޔަވެދާނޭ ނޫރީ ހިޔެއް ނުކުރެއެވެ.

"ފުރަތަމަ އަހަރެން ނޫނޭ ބުނިން. ޝުގަރ މާމްއަކަށް ވާން އަހަރެން ވެސް ބޭނުމެއްނޫން. އެވިސްނުމުގައި ނޫނެކޭ ބުނީ ވެސް. އެކަމަކު އޭނާ ދުރަކަށް ނުދިޔަ. ގޭ ދޮރުމަތީގައި އިންނަނީ. ހާލިން ބޭރުކޮށްލާފައި އިން ފިޔޮކެކޭ އޭނާ އެއްވަރު. ރޮއެ އާދޭސް ކުރަނީ. ގިސްލަގިސްލާފާ ރޯއިރު ހީވަނީ އޭނާ މަރުވެދާނެހެން. އެއްފަހަރެއް ކަމަށް މަޢާފުކޮށްދޭން ބުނެ އާދޭސްކުރީ. އޭނާ ދާނޭތަނެއް އެހީއަކަށް އެދޭނޭ ރަޙުމަތްތެރިއަކު ވެސް ނެތޭ ބުނީ. އަހަންނަށް އަޅާނުލާ ނުކެރުނީ. ހިތަށް އެރީ އަދި އެއް ފުރުޞަތު ދޭން." ކިރަން ކިޔާދިނެވެ. އޭނާގެ ހިތުގައި އަދިވެސް ޖުނެއިދުއަށް އިޙްސާސްތަކެއް ވެއެވެ.

"ކިރަންގެ ދިރިއުޅުން ގެންދާނޭ ގޮތެއް އެނގޭނީ ކިރަންއަށް. އަހަރެމެން އެކަމަށް ފާޑުކިޔައިގެން ނުވާނެ. އެހެންވިޔަސް އަހަރެން ބުނާނީ ޖޫނޭއަށް ފުރުޞަތެއްދޭން ކިރަން ނިންމީމަ. މިފަހަރު ނުވާނޭ އޭނާ ބޭނުންހާ ގޮތަކަށް ކަންކަން ދާން ދޫކޮށްލައިގެން." ތަސްލީމާގެ ޚިޔާލު އިއްވާލިއެވެ.

"މިފަހަރު ކިރަން އޮތީ ޝަރުތު ކަނޑައަޅާފައި. އެޕްރީލްގެ ނިޔަލަށް ޖުނޭ ޖެހޭނޭ ވަޒީފާއެއް ހޯދަން. ކިރިޔާ ޗީޓުކުރިކަން އެނގުނަސް ވަގުތުން ކިރަންގެ ކައިރިން ޖުނޭ ދާންޖެހޭނެކަން. އަދި ދެން ދުވަހަކުވެސް ޖުނޭއަށް އިތުރު ފުރުޞަތެއް ނުދޭނެކަން. ކިރަންގެ ހުރިހާ ޝަރުތެއް ޖުނޭ ޤަބޫލުކުރި." މަޖާވެފައި އިނދެ ސިޔާ ކިޔާދިނެވެ.

"ރަނގަޅު. އެހެންނޫނީ އެކަހަލަ ފިރިހެނުން އުޅޭނީ ލިބޭ ފައިދާއަށް. ފަސޭހަ އަރާމު ދިރިއުޅުމެއްގެ ބޭނުމުގައި." ނޫރީ ބުންޏެވެ.

"އަހަންނަށް ތިވަރު އަދިވެސް ކުޑަ. ތިއަށްވުރެ ހަރުކަށިވާން ޖެހޭނެ އޭނާއާ މެދު." ތަސްލީމާ ބުންޏެވެ.

"އުލުބައިންދާން ދޯ ތި މީހުންގެ ވިސްނުމުގައި ހުރީ." ސިޔާ މިހެންބުނެ ހޭންފެށިއެވެ. އޭނާ ދެން ބަލާލީ އެ ހުރިހާއިރު އެއްޗެކޭ ނުބުނެ އިން ލައިލީއަށެވެ.

"އެހެންބުނީމަ މިހަނދާންވީ. ދަރަކްގެ އެފެއާ ކަންތައް ކިހިނެއްވީ؟. ފަހުން ލައިގެ ޚަބަރެއް ވެސް ނުވި." ސިޔާ ބުންޏެވެ.

"އިޓްސް އޯކޭ. މިހާރު ހުރިހާކަމެއް އޯކޭ. ދަރަކް އެހާ ބިޒީއެއް ވެސް ނޫން. މިހަފްތާ ނިމުނީމަ ދެން އެހާގިނަވަގުތު އޮފީހުގައި އުޅޭކަށް ނުޖެހޭނޭ ބުނީ. އަހަރެމެން މިވިސްނަނީ ޗުއްޓީއެއް ނަގަން. ދަރަކް ވެސް ބޭނުންވެފައި ހުރީ ދެމީހުން އެކުގައި ވަގުތު ހޭދަކޮށްލަން. އެހެންވެ ތަނަކަށް ދިއުމުގެ ވިސްނުން އޭނާގެ ވެސް ހުރީ. އެކަމަކު ރާއްޖޭން ބޭރަށްކަމެއް ނޫނީ އަތޮޅުތެރެއަށްކަމެއް ދާނީ އަދި ނުނިންމިގެން މިއުޅެނީ." ލައިލީ ބަދަލުކޮށްލި ހިނިތުންވުމާއެކު ވާހަކަދެއްކިއެވެ. ސިޔާ އިތުރަށް ވާހަކަދައްކަން ބޭނުންނުވެ ހިމޭންވެލީއެވެ.

"ލައި ހަނީމޫނަށް ދިޔައީ ބާލީއަށް ދޯ." ޔޫން އިނދެފައި ބުނެލިއެވެ.

"އާން. ތީނައާއި ނޫރީ ތީ ޔޫރަޕް ބަލަން ދިޔަ މީހުންނެއްނު." ލައިލީ ބުންޏެވެ.

"އަހަރެން މިފަހަރު ޢީދަށް އަލިފްއަލިފަށް ދެވޭތޯ މިހާރުއްސުރެ ހިތުލައިގެން މިހުރީ. ލައި މިކޮޅުން ތަނަކަށް ދަންޏާ ރިސޯޓަކަށްވުރެ ރަށަކަށް ދިޔައީވިއްޔާ މާސަޅިވާނެ." ނޫރީ ބުންޏެވެ.

"ބޭބީއެއް ހޯދަން އުޅޭއިރު ހިތަށް އަރަނީ ރަށުން ބޭރަށް ދިއުމަށްވުރެ ރާއްޖެތެރެއަށޭ ޗުއްޓީއަކަށް ދާނީ." ލައިލީ ވާހަކަދެއްކީ ނިކަން ހަމަޖެހިފައި އިނދެއެވެ. އޭނާގެ ވާހަކަތަކުގައިވަނީ ކިހާވަރެއްގެ ތެދެއްކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެކުވެރިޔާއާ މެދު ޝައްކުކުރާނީ ކާކުހެއްޔެވެ.

"އަޅެ އަވަހަށް ލައި ޕްރެގްވާނަމަ. އޭރުން އަހަރެން ވިހާތާ ގިނަދުވަހެއް ނުވަނީސް ލައިއަށް ބޭބީ ލިބޭނެ. އަހަރެމެންގެ ކުދީން އޭރުން ބޮޑުވާނީ އެކީގައި. ސްކޫލަށް ވެސް ދާނީ އެކުއެކީގައި. ނޫންތަ؟." ބަނޑުގައި ފިރުމާލަމުން ޔޫން ބުނެލިއެވެ. އެފަދައިން ކަންތައްވާން އޭނާ ހިތުގެ އަޑިން ބޭނުންވެފައި އިނދެއެވެ.

"އަހަރެން އެބަ އަންނަން." ލައިލީ މޭޒުދޮށުން ތެދުވިއެވެ.

"ކޮންތާކަށް ދާން. ބަލާބަލަ... ތީނަ ގެނައި ތަށިން އަދި އެންމެ އެތިކޮޅެއް ވެސް ނުކައި." ނޫރީއަށް ފާހަގަވެގެން ބުނެލިއެވެ.

"މިރޭ އެހާ ކާހިތްވާ މޫޑެއްނެތް. އަންނާނަން ޓޮއިލެޓަށް ވަދެލާފައި." ލައިލީ މިހެންބުނެ ފާޚާނާ ހުރި ދިމާއަށް ހިނގައިގަތެވެ.

ފާޚާނާ ދޮރު ތަޅުލުމާއެކު ދޮރުފަތުގައި ލައިލީ ލެނގިލުމާއެކު ދެ ލޯ މަރާލިއެވެ. ދެބުމަގޮށްޖަހާލެވުނީ ނިތުގައި އުފެދިފައިވާ ގަދަ ރިހުމެއްގެ ސަބަބުންނެވެ. ލައިލީ އެންމެންނާ ބައްދަލުކުރާން އައީ އަންނަ ހިތަކުން ނޫނެވެ. އެހެންވިޔަސް އޭނާ އަމިއްލަ ނަފްސަށް މަޖުބޫރުކުރީއެވެ. ސަބަބެއްނެތިއެއްނޫނެވެ.

"ކަމެއްވެއްޖެކަން އެކަކަށްވެސް އެނގޭކަށް ބޭނުމެއްނޫން. އަދި ކުޑައިރުކޮޅަކަށް ކެތްކޮށްލާ. ބީ ކާމް އެންޑް ކީޕް ސްމައިލިން." އަތްދޮންނަ ތަށީގެ މަތިން ފާރުގައި ހުރި ލޯގަނޑުން ފެންނަމުން ދިޔަ ލައިލީގެ ސޫރައާ އޭނާ ހިތާހިތުން ވާހަކަދެއްކިއެވެ. ނަފްސު ހަމައަކަށް އަޅުވަން ހަށިފުރާ ފުންނޭވާއެއް ލައިލީ ދޫކޮށްލިއެވެ. އަދި އައިސް ދެއަތްތިލަ ދޮވެލާފައި މޫނުގައި ޖައްސާ މަޑުމަޑުން އޮބާލިއެވެ. އަތުގައިވާ ފެންތިކިތަކުން ލިބުނު ފިނިކަން ލައިލީގެ ސިކުނޑި މިވަގުތަށް ފިނިކުރުވިއެވެ. ޓީޝޫއިން މޫނު ފުހެލާފައި ޑަސްބިނަށް އެ ވައްޓާލިއެވެ. ލައިލީ އެނބުރި ފާޚާނާގެ ދޮރު ހުޅުވާލިއެވެ. ނަމަވެސް ހިނގައިގަތުމުގެ ކުރީން ލޯ މަރާލައިގެން އޭނާއަށް މަޑުކޮށްލެވުނެވެ. ބޮލުގެ ތެރޭ ހިތާއި ސިކުނޑީގެ އަޑު އިންތިހާއަށް ގަދަވެފައިވެއެވެ.

"ލައި... އޯކޭތަ؟" ދޮރުމަތިން އިވުނީ ކިރަންގެ އަޑެވެ.

"ކުޑަކޮށް ބޯއަނބުރާ ގޮތްވީ." ކުއްލިއަކަށް ލޯ ހުޅުވާލުމާއެކު ކިރަންއާ ހިނިތުންވުމެއް ބަދަލުކޮށްލައި ލައިލީ ބުނެލިއެވެ. އަދި ދާން އޭނާ ހިނގައިގަތް ވަގުތު ކިރަން ގޮވާލައިފިއެވެ.

"ލައި. އަހަރެން... ދުވަސްކޮޅެއްވެއްޖެ އަހަރެން މިކަމާ ވަރަށް ވިސްނާތާ. ލައި ކައިރީ މިވާހަކަދައްކާނޭ ގޮތެއް ނުވިސްނިފައި. މަޑުކޮށްލެވިދާނެތަ." ކިރަން ވާހަކަދެއްކިއިރު އެ އަޑުގައި ޖެހިލުންވިއެވެ. އަދި އޭނާ ނުތަނަވަސްވެފައި ހުރިވަރު އެ މޫނުން ސާފުކޮށް ފާޅުވެއެވެ.

ގެއަށްދާން އެންމެން ވިސްނިއިރު އެގާރަ ޖަހައި ހިނގައްޖެއެވެ. ލައިލީގެ ހާލު ރަނގަޅުނޫންކަން އެންމެންނަށް ވެސް ފާހަގަވީ ދެނެއެވެ. އޭނާ ފާޚާނާއިން އެނބުރި އައިފަހުން މޭޒުގައި ބޯއަޅާލައިގެން އޮތީ ބޯއަނބުރާތީއެވެ.

"އަހަރެން މިރޭ ކާރުގައެއްނޫން މިއުޅެނީ. ދަރަކްއަށް ގުޅަން ހިނގާ. ލައި ހިނގާފަ ދާނެކަމެއްނެތް." ނޫރީ ބުންޏެވެ. އޭރު އެންމެން ތިބީ ރެސްޓޯރެންޓުން ނުކުމެ މަގުމަތީގައެވެ.

"ޓެކްސީއެއްގައި ދާނީ." ލައިލީ ބުންޏެވެ.

"ތިހާލުގައި އެކަނި ޓެކްސީއަށް އަރާކަށް ނުފެނޭ." ޔޫން ކަންބޮޑުވެފައި ހުރެ ބުންޏެވެ.

"އަހަރެން ލައިއާއެކީ ހިނގައިދާނަން." ލައިލީގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ސިޔާ ބުންޏެވެ. އެހިނދު ކިރަން އޭނާއަށް ބަލާލީ ހައިރާންކަމާއެކުއެވެ. ދެން އޭނާގެ ނަޒަރު ލައިލީއަށް ހުއްޓުނެވެ.

"އެކަމަކު ސިޔާ ހުޅުމާލެއަކަށްނު ދާންޖެހޭނީ. އަހަރެން ކިހިނެއް ހަދަންވީ." ކިރަން ވާހަކަދެއްކިއެވެ.

"ކިރަން ދޭ. އަހަރެން ލައި ގެއަށްލާފައި ޓެކްސީގައި އެކޮޅަށް ދާނީ." ސިޔާ ބުންޏެވެ.

"އިދާނަށް ގުޅައިފިންތަ؟." ތަސްލީމާ އަހާލީ ޔޫންގެ ގާތުންނެވެ.

"އާން. މިހާރު އަންނާނެ." ޔޫން ބުންޏެވެ.

"އިދާން އައީމަ. އަހަރެމެން ވެސް ނައްޓާލާނީ ދޯ." ތަސްލީމާ މިފަހަރު ދޯ ދިނީ ނޫރީއަށެވެ. އާނއެކޭ ބުނަން ނޫރީ ބޯޖަހާލީއެވެ.

ޔޫން ބަލާ އިދާން އައުމުގެ ކުރީން ޓެކްސީ އަތުވެއްޖެއެވެ. ފަހަތު ސީޓަށް ލައިލީއާއެކީ ސިޔާ އެރިއެވެ. ލައިލީއަށް ބަލަން ސިޔާ ކައިރީ ތަސްލީމާ ބުނެލިއެވެ. ފުރަތަމަ އެތަނުން ނައްޓާލި ބަޔަކަށްވީ ލައިލީއާއި ސިޔާއެވެ. ޓެކްސީ ޑްރައިވަރު އެޑްރެސް ޔަގީންކޮށްލުމަށް އަހާލިއެވެ. އެއާއެކު ޑްރައިވަރަށް ޖަވާބު ދިނީ ސިޔާއެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަން އިންހެން ލައިލީ އިނީ ހިމޭންވެފައެވެ. ގެއާ ހަމައަށް ދެވެންދެން އޭނާ ދެ ލޯ މަރާލިއެވެ.

"ލައި. މިއޮއް އާދެވުނީ." ޓެކްސީ މަޑުކޮށްލަންވާއިރަށް ލައިލީއަށް ސިޔާ ގޮވާލިއެވެ.

ކާރުން ފައިބާ ލައިލީގެ ގައިގާ ސިޔާ ހިފަހައްޓާލިއެވެ. ކުރިޔަށް ދެތިން ފިޔަވަޅު އަޅާލުމާއެކު ލައިލީ އަރިއަޅާލިއެވެ. ނުވެއްޓުނީ ސިޔާ ހިފަހައްޓައިގެން ހުރީމައެވެ. އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް ސިޔާއާއެކު ލައިލީ ސިޑިން އެރިއެވެ. އެޕާޓްމެންޓް ހުރި ފަންގިފިލާއަށް އާދެވުމާއެކު ލައިލީގެ އަތްދަބަސް ސިޔާ ހުޅުވާލީ ތަޅުދަނޑި ނަގަންތޯ އަހާފައެވެ. އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި ލައިލީ ގޮވައިގެން ސިޔާ ގޭތެރެއަށް ވަނެވެ. އެމީހުން ވަން އަޑަށް އެތެރެއިން ދަރަކް ވާހަކަދެއްކި އަޑު އިވުނެވެ.

"ލައި ތިއައީތަ؟. ގެއަށް އަންނަންވީމަ ގުޅައްޗޭ ބުނީމެންނު." ދަރަކް ބުންޏެވެ. އޭނާ ކޮޓަރިން ނުކުމެގެން އައެވެ.

"ސިޔާ." ދަރަކްއަށް ލިބުނު ސިހުމުގައި ފިޔަވަޅު މަޑުޖެހުނެވެ. ހަމައޭގެ އަނެއް ސުކުންތުގައި އޭނާއަށް ސިޔާ އަތުލަފިކޮށްލައިގެން ހުރި ލައިލީ ފާހަގަވިއެވެ.

"ހާއި ދަރަކް. ލައިލީ ބަލީހެން ހީވަނީ. އޭނާ ބޯއަނބުރާތީ އުޅެނީ. ކިރިޔާ މަގުމައްޗަށް ނުވެއްޓުނީ..." ސިޔާއަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް ލައިލީ ޚަބަރު ހުސްވެގެން ހުރި ދިމާއަށް ތިރިވާންފެށިއެވެ.

"އަދިވެސް ބަލަން ހުންނަނީތަ؟. އަހަރެން ކިހިނެއް ލައިލީ އުފުލާނީ." ސިޔާ ނިކަން އަވަހަށް ބުނެލިއެވެ.

"ސޮރީ..." ޖެހިލުންވެފައި ހުރި ދަރަކް ނިކަން އަވަހަށް މިހެން ބުނެލުމާއެކު އައިސް ލައިލީގެ ގައިގާ ހިފަހައްޓާލިއެވެ.

"ލައި. ކިހިނެއްވީ." ލައިލީގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ދަރަކް އަހާލިއެވެ. ނަމަވެސް ލައިލީ ޖަވާބެއް ނުދިނެވެ. ދެ ލޯ ވަނީ މެރިފައެވެ. އަތްދަނޑި މައްޗަށް ލައިލީ އުފުލާލައިގެން ދަރަކް ތެދުވިއެވެ.

"ތި މީހުންގެ ރޫމް ދޯ." ސިޔާ ނިދާކޮޓަރިއަށް ވަންނަން އައެވެ. ދަރަކް ގޮވަގޮވާ އޮއްވާ ވެސް އޭނާ ގޮސް އެ ކޮޓަރިއަށް ވަދެއްޖެއެވެ. ލައިލީ ގޮވައިގެން ދަރަކް ހަލުވިކޮށް އައިސް ކޮޓަރިއަށް ވަނެވެ.

"ދިސް އިޒް ސޯ ޔޫ ދަރަކް. ނިދާކޮޓަރި ވެސް ލައިބްރެރީއެކޭ އެއްވަރު." ކޮޓަރިތެރެ ބަލަމުން ސިޔާ ހީނލާފައި ބުނެލިއެވެ. ނަމަވެސް ދަރަކްގެ މޫނުން ފެންނަނީ ސިޔާގެ ޢަމަލުތައް ހުރި ގޮތުން އެކަމާ ގަޔާނުވެފައި ހުރިކަމުގެ އަސަރެވެ.

އެނދުމަތީ ލައިލީ ބާއްވާލުމާއެކު އެނދުއަރިމަތީ ހުރި ކަބަޑުގެ މަތީ ބަހައްޓާފައި ހުރި ފެންފުޅިން ފެންފޮދެއް އަތަށް އަޅާލުމާއެކު ލައިލީގެ މޫނުގައި ދަރަކް އުނގުޅާލިއެވެ. އަދި ލައިލީގެ ނިތްކުރިން ފެށިގެން ބޮލުގައި ފިރުމާލައި އަނބިމީހާގެ ނަމުން ދެތިން ފަހަރު ގޮވާލިއެވެ. ލައިލީގެ ނޭފަތާ ދަރަކް އިނގިލި ކައިރިކޮށްލިއެވެ. އެވަގުތު ސިޔާ ހީނގެންފިއެވެ.

"ސާބަސް. އޭނާ އަދި މަރެއްނުވޭ. އިރުކޮޅަކުން ހޭއަރާފާނެ." ސިޔާ ބުންޏެވެ.

"މިތަނުން ނުކުމެފާނަންތަ؟." ލައިލީގެ ގާތުގައި އެނދުކައިރީ ކުޑަކަކޫ ޖަހާލައިގެން އިން ދަރަކް ބުންޏެވެ.

"އޯ... އަހަންނަށް ހީވަނީ އަހަރެން ވެސް އަނބުރައިގަންނަން އުޅެނީހެން. މިއެނދުގައި އަހަރެން ވެސް ބާއްވަންވީނު." ލާނެތްކަމާއެކު ސިޔާ ތުއިވެލާފައި ވާހަކަދެއްކީ ނިކަން ހެވިފައި ހުރެއެވެ. އަދި އޭނާ އައި ލައިލީގެ އަނެއްފަރާތުން އެނދުގައި އޮށޯވެލިއެވެ.

"ހަމަމިހާރު ގެއަށް ދޭ." ދަރަކްގެ ދެބުމަކައިރިވެލިއިރު އޭނާގެ މޫނުން ނުރުހުންތެރިކަން ފާޅުވެއެވެ.

"ހިނގާ އަހަރެން ގެންގޮސްދޭން." އެނދުން ތެދުވަމުން ސިޔާ ބުންޏެވެ.

"އަހަރެން ޓެކްސީއަކަށް މިގުޅަނީ." އެނދުން ކައިރިން ދަރަކް ވެސް ތެދުވިއެވެ.

"އަޑުއެހިން ދަރިއަކު ހޯދަން ޓްރައިކުރާ ވާހަކަ. އެއީ ތެދެއްތަ؟." ސިޔާ އަހާލިއެވެ.

"އަހަންނާއި ލައި ނިދާކޮޓަރިއަށް އެއްވެސް މީހަކު ވަންނާކަށް އަހަރެން ބޭނުމެއްނޫން. މިކޮޓަރިތެރޭ ހުރެ އަހަރެން ސިޔާއާ ދައްކާނޭ ވާހަކައެއްނެތް." ނުރުހިފައި ހުރެ ވެސް ދަރަކް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

"އޯކޭ ފައިން... އަހަރެން ނުކުމެދާނަމޭ." ސިޔާ މިހެން ކޮޓަރިން ނުކުންނަން އައެވެ. ނަމަވެސް ކޮޓަރީގެ ދޮރުގައި ހިފަހައްޓާލަމުން ސިޔާ ހުއްޓިފައި ދަރަކްއަށް ބަލާލިއެވެ.

"މިރޭ އަހަރެން ހިނގައިދާނަން. އެކަމަކު މާދަމާ އަހަންނަށް ވަގުތު ދޭންވާނެ." ސިޔާ ބުނެކީ ނިކަން ސީރިއަސްކަމާއެކުއެވެ.

"އައި ނޯ. ޖަސްޓް ލީވް." ދަރަކް ބުންޏެވެ.

"ހޫމް... ކޮބާ ގުޅަން ބުނި ޓެކްސީ." ކޮޓަރިން ނުކުންނަމުން ސިޔާ ބުންޏެވެ. އޭނާގެ ފަހަތުން ދަރަކް ވެސް ކޮޓަރިން ނުކުމެގެން އައެވެ.

ކޮޓަރިތެރެއަށް ހިމޭންކަން ވެރިވުމާއެކު ލައިލީ މަޑުމަޑުން ދެ ލޯ ހުޅުވާލިއެވެ. އޭނާގެ ޖީންސުގެ ޖީބުގެ ތެރެއިން ނެގީ އަޑު ރިކޯޑުކުރާ ޑިވައިސްއެކެވެ. އެއަށް ބަލަން އޭނާ އޮތްއިރު ލޮލުގެ ހިމަކޮޅުން ކަރުނައިގެ ރޮނގު ދެމިގެން އައިސް ބާލީހަށް އޮބެންފެށިއެވެ. ލައިލީގެ ޚިޔާލުތައް ދަތުރުކުރީ އަކިޔަލްއާއެކު ގެސްޓްހައުސްއަށް ވަން މީހަކު ބަލަން ދިޔަ ރެޔެވެ. އެރޭ ސަމައިރާއާއެކު ގެސްޓުހައުސްއިން ނުކުތީ ކޮން ފިރިހެނެއްކަން ބަލަން ލައިލީ ފަސްޖެހުނީ އަފްރާހު ދައްކާފައިވާ ވާހަކަތަކުންނެވެ. ސަމައިރާއާއި ދަރަކް އުޅެނީ ސިއްރުން ރައްޓެހިވެގެންކަން އަފްރާހުއަށް ބުނަން އެނގޭނީ އޭނާއަށް ކޮންމެވެސް އެއްޗެއް އެނގިފައި އޮތީމާކަން ލައިލީއަށް ޤަބޫލުކުރެވެއެވެ. ފިރިމީހާއާ ވަކިވާންޖެހިދާނޭތީ ލައިލީ ބިރުގަނެއެވެ. ހަޤީޤަތް ހޯދަން ލައިލީގެ ހިތާއި ޟަމީރު ބުނާއިރު ހަމަ އެ ހަޤީޤަތް ހޯދުމުގެ ބަދަލުގައި އަޅާނުލައި ދިރިއުޅުމައިގެން ކުރިޔަށްދާން ލައިލީގެ ސިކުނޑި ޚިޔާލުދެއެވެ. ނަމަވެސް ލައިލީއަށް އެރޭ ގޮތް ނިންމައިދިނީ އަކިޔަލްއެވެ. އޭނާގެ އަވަސް ހަރަކާތެވެ. ލައިލީގެ ފޯނުން ކުރި ވީޑިއޯއެވެ.

"އަފްރާހު..." އަކިޔަލް އެ ވީޑިއޯ ދެއްކި ހިނދު ލައިލީއަށް ބުނެވުނެވެ. އަދި އެ ވީޑިއޯއިން އަކިޔަލް ހިފަން ގަސްދުކުރަނީ ކޮންބޭނުމެއްތޯ ލައިލީއަށް އަހާލެވުނެވެ.

"އޭނާއަށް އިންޒާރުދޭން. އަހަރެން އޭނާގެ މަޢުލޫމާތު ހޯދިން. އޭނާ އުޅެނީ މީހަކާ އިނދެގެން. ތިން ކުދީން ވެސް ތިބޭ. ފަސް އަހަރު ދެ އަންހެންކުދީންނާއި ތިން އަހަރުގެ ފިރިހެންކުއްޖެއް." އަކިޔަލް ހާމަކުރިއެވެ.

"ފަސް އަހަރުއޭ..." ލައިލީއަށް ކިޔާލެވުނެވެ. އޭނާ ހަނދާންވީ އަފްރާހާއި ދަރަކްއާއެކު ބައިވެރިވި ގުރޫޕު ކެއުމެވެ. އަފްރާހުގެ ޢަމަލުތަކާއި ވާހަކަތައް ހުރިގޮތުން އޭނާއަކީ މީހެއްގެ ފިރިއެކޭ އެކަކުވެސް ހިތަކަށް ނާރާނެއެވެ. އެ ދުވަހު ލައިލީ ވެސް ހީކުރީ އޭނާއަކީ ދަރަކްމެން ފަދައިން ހުސްކޮށް ހުރި ޒުވާނެއްކަމަށެވެ. އެދުވަހު ރެސްޓޯރެންޓުގައި ތިބެ އަފްރާހު ވަނީ އޭނާ ނިކަން ލޯބި ކުއްޖަކާ ރައްޓެހިވާން ބޭނުންވާކަން ވެސް ބުނެފައެވެ. އެހެންވެ ހުސްކޮށް ތިބި އަންހެންކުދީންނަށް އެ ފުރުޞަތު އޭނާވަނީ ހުޅުވާލާފައިކަމަށް ބުންޏެވެ. ލައިލީއަށް އަފްރާހުގެ ހަޤީޤަތް އެނގުނީ އަދިކިރިޔާއެވެ. އެންމެ ފުރަތަމަ ފެނުނުއިރު ވެސް އަފްރާހަކީ މީހެއްގެ ފިރިއެއްކަން މިއެނގުނީ އަދިކިރިޔާއެވެ.

"ލައި. ސަމައިރާ ރައްޓެހިވެގެން އުޅެނީ ދަރަކްއަކާއެއްނޫން. އެ ދެމީހުންގެ ގުޅުމެއްނެތްކަން ޔަގީންވެއްޖެއެއްނު. އޭނާއަށް ފާރަލަމުން ދިޔަ އަހަރެންގެ ފްރެންޑް ވެސް ބުނީ ސަމައިރާއާއެކު ފެންނަ މީހަކީ މީކަމުގައި." ފޯނުން މީހަކާ މެސެޖުކުރަން ހުރެފައި އަކިޔަލް ވާހަކަދެއްކިއެވެ. އޭނާ އިޝާރާތްކުރީ ވީޑިއޯގައި ސަމައިރާއާއެކު ހުރި އަފްރާހަށެވެ.

"އެކަމަކު... ވެލެންޓައިންސް ޑޭގައި ދަރަކްއަށް އެމީހަކު ހަދިޔާދިން. ވިތް ލަވް އެސް ޖަހާފައި އޮތީ. ދެން އަނެއްކާ އެނިވަރސަރީގައި ދަރަކް އަހަންނަށް ދިން ގަޑި. ހަމަ އެ ގަޑި ސަމައިރާގެ އަތުގައި އެބައޮތް. އޭނާގެ އިންސްޓަގްރާމުން އަހަރެން ދުށީން. އަފްރާހުއާއި ސަމައިރާ ރައްޓެހިވެގެން އުޅެންޏާ ކީއްވެ އެތަކެތި ދަރަކްގެ އަތުން ފެންނަންވީ. ސޭމް ގަޑި އަހަންނަށް ދަރަކް ދޭންވީ. ދަރަކްއާ ކޮންމެވެސް ގޮތަކުން ގުޅުމެއްނުވާކަން ކިހިނެއް އެނގެނީ." ލައިލީގެ ހާސްކަން ބޮޑުވިއެވެ. އެހިނދު އަކިޔަލް ލައިލީގެ ކޮނޑުގައި ހިފަހައްޓާލުމާއެކު ހަމަޖެހެން ބުންޏެވެ.

"އޭނާއެއްނު ބުނީ ލައި ކައިރީގައި ދަރަކްއާއި ސަމައިރާ އުޅެނީ ރައްޓެހިވެގެންނޭ. އާދޭ އަހަންނާއެކީ. އޭނާއާ ސުވާލުކުރާނީ. އޭނާއަށް އެނގޭނެ." އަކިޔަލް ބުންޏެވެ.

ސަމައިރާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން އަފްރާހު ކުރިޔަށް ދިޔައެވެ. އެމީހުންގެ ފަހަތުން އަކިޔަލްއާއި ލައިލީ އައިސް ކައިރިވެލިއެވެ.

"އަފްރާހު." އަކިޔަލް ގޮވާލިއެވެ. އަދި އޭނާ ފޯނު ހުރީ ވިޑިއޯއަށް ޖައްސައިގެން އަފްރާހުއާ އަމާޒުކޮށްލައިގެންނެވެ.

ފަސްއެނބުރި ބަލާލި އަފްރާހު ދިޔައީ ސިއްސައިގެންނެވެ. ކަލޭހޭ އަކިޔަލްއާ ދިމާއަށް ބުނީ ނުރުހުމާއެކުއެވެ. ނަމަވެސް އޭނާއަށް އަކިޔަލްގެ ފަހަތުން ކަހަލަ ގޮތަކަށް ނުކުތް ލައިލީ ފެނުމާއެކު ހީވީ ބިރެއް ފެނުނުހެންނެވެ. މީހާ ހާސްވެއްޖެކަން އަފްރާހުގެ މޫނުން ފާޅުވާންފެށިއެވެ.

"ލައިލީ... މިތާ... މިގަޑީގަ..." އަފްރާހު ގަދަކަމުން ހަމަޖެހޭކަން ދައްކަން މަސައްކަތް ކުރިއެވެ.

"އަފޫ ދަންނަ ބައެއްތަ؟." ވާނުވާ ނޭނގިފައި ހުރި ސަމައިރާ އަހާލީ އަފްރާހުގެ ގާތުންނެވެ.

"ތީ ސަމައިރާ ދޯ. އަފްރާހުއާ އޮންނަނީ ކޮންކަހަލަ ގުޅުމެއް؟." އަކިޔަލް ސުވާލުކޮށްލިއެވެ.

"އޭ... ވީޑިއޯ ކުރަނީތަ؟... ކީއްކުރަން ތިއުޅެނީ." ހާސްވެގެން އަފްރާހު ތެޅިގަތެވެ. އަކިޔަލް އަތުން ފޯނު އަތުލަން އަތްހޫރާލިއެވެ. ނަމަވެސް އަކިޔަލް ވަރަށް ހުސިޔާރެވެ.

"ފޯޓޯއެއް ނެގީމަ ބުނާނެ އެއީ ފޭކޭ. އެޑިޓްކޮށްފައޭ. އެކަމަކު ވީޑިއޯއެއް އެޑިޓްކުރަން ފަސޭހައެއްނުވާނެ ދޯ." އަކިޔަލް ހެވިފައި ބުނެލިއެވެ.

"މަޑުކޮށްބަލަ... ވީޑިއޯ ނިއްވާލަބަލަ... އަހަންނަކަށް ނުވިސްނޭ ކަލޭ ތިކިޔާ އެއްޗެއް." އަފްރާހު ބުންޏެވެ.

"އެހެންތަ. ކަލެއަށް ނޭނގެންޏާ އަހަރެން ސަމައިރާ ކައިރީ އަހާފާނަމޭ." އަކިޔަލް މިހެންބުނެ ސަމައިރާއާ ދިމާއަށް އެނބުރުނެވެ. ފޯނު ސަމައިރާއަށް އަމާޒުކޮށްލުމާއެކު އަފްރާހާ އޮންނަނީ ކޮންގުޅުމެއްތޯ އަނެއްކާ ވެސް އަކިޔަލް އަހައިފިއެވެ. އެހިނދު އަކިޔަލްއާއި ސަމައިރާއާ ދެމެދަށް އަފްރާހު ވަންގޮތަށް އަކިޔަލްގެ ގައިގާ އަޅައި ކޮށްޕާލައިފިއެވެ.

"އަފޫ... ކީއްތިކުރީ." އަކިޔަލް ވެއްޓެން އުޅުނުތަން ފެނުމުން ސަމައިރާ ކަންބޮޑުވިއެވެ. އޭނާ އައިސް އަފްރާހުގެ އަތުގައި ހިފާލުމާއެކު ކަރަންޓު ޝޮކެއްގައި ވިއްސައިގެންދާ މީހަކު ފަދައިން އަފްރާހު ދުރަށް ހިނގައްޖެއެވެ. ސަމައިރާގެ ހައިރާންކަންވީ އިތުރެވެ.

"އިހަށް އަހަންނާ ދުރުގައި ހުރޭ. ޕްލީޒް." ސަމައިރާ އަންނަން ފެށުމުން އަފްރާހު ބުނެލިއެވެ. ސަމައިރާ ހިތްހަމަނުޖެހުނީ އެހިސާބުންނެވެ. އޭނާ އަފްރާހުއަށް އެއްޗެހި ކިޔަންފެށިއެވެ. ފޯނު އަމާޒުކޮށްލައިގެން ދުރުގައި ކުޅިބަލަން ތިބި ބަޔަކުހެން އަކިޔަލްއާއި ލައިލީ ތިއްބެވެ.

"އަފޫ ފޫހިވިދޯ އަހަރެންމަތިން. މިކަހަލަ ޗީޕް ގެސްޓްހައުސްތަކަށް އަންނަން އަހަރެން ބޭނުންނުވާކަން އެނގެއެއްނު. އެކަން ނިމުނީމަ އަވަހަށް ނުދެވިގެން މިހާރު އުޅެނީ." ސަމައިރާގެ ވާހަކަތަކުން އަޑުއަހަން ހުންނަ މީހަކަށް ލައްކަ މަޢުލޫމާތު ލިބޭނެކަން ޔަގީނެވެ.

"ޕްލީޒް ސަމާ. އަޑުމަޑުކޮށްބަލަ. މިވަގުތު އެއްވެސް އެއްޗެއް ނުކިޔަފާނަންތަ. ހެޔޮނުވާނެ." އަފްރާހު އާދޭސްކުރިއެވެ.

"ދެޓްސް އިނަފް. ކަލޭމެން ލަވްބާޑްސްގެ ކޯޅުން ބަލަން ހުންނާނެ ވަގުތެއްނެތް. ބުނެބަލަ. ކީއްވެ ލައިލީއާ ކުރީން ދުވަހު ދިމާކުރީ. ކީއްވެ އޭނާ ކައިރީ ބުނީ ދަރަކްއާއި ސަމައިރާ އުޅެނީ ރައްޓެހިވެގެންނޭ." އަކިޔަލް ކުރިޔަށް ޖެހިލައި ވާހަކަދެއްކިއެވެ.

"ނޭނގެ މަށަކަށް ތިދައްކާ ވާހަކައެއް. އާން. މިހާރު ގެޓުވެއްޖެ. ކަލޭމެން ދެމީހުން ވެސް ގެސްޓްހައުސްއަށް އައިސް އުޅެނިކޮށް ބަސްޓުވެދާނެތީ ދޯ ތިއުޅެނީ. ކަންބޮޑުނުވޭ. އަހަރެން ނުބުނާނަން." މަތިއޮމާން ކުރާން އުޅޭ ފަދައަކުން އަފްރާހު ހީނލިއެވެ.

"ކަލޭގެ ތި ބޭކާރު ވާހަކަތައް ހުއްޓާލާފައި އަހަރެންގެ ސުވާލަށް ޖަވާބު ނުދެންޏާ މި ވީޑިއޯ ރޫހީގެ މެސެންޖާއަށް ފޮނުވާލަ ދެންތަ؟." އަކިޔަލް ފޯނަށް ބަލަންހުރެ ބުންޏެވެ. ރޫހީއަކީ އަފްރާހުގެ އަންހެނުންނެވެ. ފޯނުން ރޫހީގެ ފޭސްބުކް އެކައުންޓު އަކިޔަލް ހުޅުވާލުމާއެކު އަފްރާހަށް ދައްކާލިއެވެ.

"ކިހާބޮޑު ބަލާއެއް." އަފްރާހު ހަޅޭލަވައިގަތެވެ. އަކިޔަލްގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"މި ވިޑިއޯމެދު ރޫހީ ބުނާނީ ކީކޭބާ. މިރޭ ގެއަށް ގޮސް އަނބިމީހާގެ ސުވާލުތަކަށް ޖަވާބުދެވޭނެތަ. އަހަރެން މީތި ސެންޑު ނުކުރަނީސް އަހަރެން ކުރި ސުވާލަށް އަވަހަށް ޖަވާބުދީ." ހެވިފައި ހުރެ އަކިޔަލް ބުންޏެވެ.

"އޯކޭ. އޯކޭ... އެކަމަކު ވީޑިއޯ ސެންޑްކޮށްގެން ނުވާނެ." އަފްރާހު ނިކަން އަވަހަށް ވާހަކަދެއްކިއެވެ.

"އަހަރެންގެ ހުރިހާ ސުވާލަކަށް ޖަވާބުދީފިއްޔާ." އަކިޔަލް ބުންޏެވެ.

"އަހަރެން ކައިރީ އެހެން ކަންތައްކުރާން ބުނީ ސިޔާ." އަފްރާހު އަވަސްއަވަހަށް ބުންޏެވެ.

"ސިޔާއޭ." ލައިލީއަށް ކިޔާލެވުނެވެ. ޤަބޫލުނުކުރެވިގެންނެވެ.

"އާން. ލައިލީގެ ފްރެންޑް ސިޔާ. އޭނާ ބުނީ ލައިލީ ކައިރީ ބުނަން ދަރަކްއާއި ސަމައިރާ ރައްޓެހިވެގެން އުޅޭކަން. އޭނާ ބޭނުންވަނީ ލައިލީއާ ދަރަކް ދުރުކުރަން. އަސްލު ދަރަކާއި ސިޔާ އެފެއާއެއް ހިންގަނީ. އެމީހުންގެ ކަންތައް އަހަންނަށް އެނގުނީމަ ސިޔާ ބުނީ ލައިލީ ސެޓުވޭތޯ ބަލާށޭ. އެހެންވެ އެ ދުވަހު ލައިލީގެ ފަހަތުން ދިޔައީ." ލައިލީއަށް ބަލަން ހުރެ އަފްރާހު ވާހަކަދެއްކިއެވެ.

(ނުނިމޭ)