ދުނިޔެ ތަރައްގީވަމުން މިދާ ބާރުމިނުގެ އަސަރު މި ދިވެހި ރާއްޖެއަށްވެސް ކުރަން ފަށައިފި އެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލުތަކަކާއި ސަގާފަތަށްވެސް ބަދަލެއް އައިސްފި އެވެ.
ލާ އަންނައުނުން ފެށިގެން ދަރިފުޅު ބަލާ މީހާ މިވަނީ ބަދަލުވެފަ އެވެ. މިހާރު ދަރިފުޅު ބެލުމަކީ ގޭގައި ގެންގުޅޭ ބިދޭސީ މީހާގެ ވަޒީފާ އަކަށް ވެއްޖެ އެވެ. ދަރިފުޅަށް ބޭނުންވާ އެއްޗެހި ހޯދައި ދެވުނީމަ އެނިމުނީ އެވެ. މަންމަގެ ވަޒީފާ އަކީވެސް އެއަށްވެ ދިވެހިންގެ ގޮތްތައް މުޅިން ބަދަލުވެ ހިނގައްޖެ އެވެ.
އެހެން ނަމަވެސް ގޭގައި ދަރިފުޅު ބަލަން ތިބެން ބޭނުންވާ މަންމަމެންވެސް އެބަތިއްބެވެ. އެމީހުންގެ އަޑެއް ނީވެ އެވެ. ދަރިން ބަލަން ގޭގައި ތިބެ ތިބެ އެމީހުންގެ ވާހަކަަތއްވެސް ބަންދުވެ ފޮށިފޮއްޓަށް އެޅުނީ އެވެ.
ގޭގައި ދަރިފުޅު ބަލަން ހުންނަ މަންމަ އެއްގެ ވާހަކަ ކިޔައިދޭނަމެވެ. ވަޒީފާއިން ވަކިވެ ގޭގައި ކުދިން ބަލަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަން ޔަގީންވާނެ އެވެ.
1. ދަރިފުޅު ފުރަތަމަ ފަހަރަށް ކޮންމެ ކަމެއްވެސް ކުރާ މަންޒަރު އެންމެ ކައިރިން ފެނި ތަޖުރިބާ ކުރެވުން
ކުޑަ ދަރިފުޅަކު ލިބުމުން ދުނިޔޭގެ ހުރިހާ ކަމަކަށްވުރެ ދަރިފުޅު ހާއްސަވީ އެވެ. އެދަރިފުޅު އެންމެ ފުރަތަމަ ހީލާފަހަރު ފުރަތަމަ ބަސް ކިޔާ ވަގުތު އަދި ފުރަތަމަ ފަހަރަށް ކޮއްޅަށް އެކަނި ހުރެ ހިނގައި ގަންނަ ވަގުތުތަކަކީ ކޮންމެ މަންމަ އަކު އަދި ބައްޕައަކު ބަލަން އިންތިޒާރުކުރާނެ ވަގުތުތަކެކެވެ. ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކޮށް ދަރިފުޅު ބަލަން ހުންނަނަމަ ހަމަ ގައިމުވެސް މިހުރިހާ ވަގުތެއް ފެންނާނެ އެވެ.
އަދި ދަރިފުޅު ކަމަކަށް ބޭނުންވާ ކޮންމެ ފަހަރަކުވެސް އެއްމެ ކައިރީގައި ހުރެ އެކަމެއް ފުރިހަމަކޮށްދެވޭނެ އެވެ. ދަރިފުޅު ބޭނުންވާ ކަންތައްތައް އެއްމެ ފުރަތަމަ ކޮށްދެވުމުގެ ހިތްހަމަޖެހުން ލިބޭނެ އެވެ.
2. ރަނގަޅު އާދަތައް ދަސްކޮށްދެވޭ
ގިނަ ކަންތައްތައް އެއްމެ ފުރިހަމައަށް ކޮށްދެވެނީ އަމިއްލަ އަށް ކުރުމުންނެވެ. އެހެން މީހަކަށް "ޑިޕެންޑް" ނުވެ އަމިއްލަ އަށް ކުރުމުން ލިބޭ ހިންހަމަ ޖެހުން ބޮޑެވެ. ދަރިފުޅުވެސް އަމިއްލަ އަށް ބަލާނަމަ ބޭނުންވާ ގޮތަށް ތަރުބިއްޔަތު ކުރަން ފަސޭހަވެ އެވެ. ދަރިފުޅަށް ދަސްކޮށްދޭން ބޭނުންވާ އާދަތަކާއި އުސޫލުތައް ދަސްކޮށްދެވެ އެވެ. ބޭނުންވާ ނަމޫނާ ދެއްކެ އެވެ. އެހެން މީހަކު ކިތަންމެ ރަނގަޅަށް ދަރިފުޅު ބެލިއަސް އަމިއްލަ އަށް ބެލޭނެހާ ފުރިހަމަކޮށް ނުބެލޭނެ އެވެ.
3. ހަރަދު ކުޑަވޭ
ދިރިއުޅުމުގެ އަގުތައް މިއަދުވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ގޭގެ ކުލި ވަނީ އަތްނުފޯރާ ފަށުގަ އެވެ. މިހެން ވުމުން ގިނަ މީހުންނަށް ވަޒީފާއަށް ދާން މަޖުބޫރުވެ އެވެ. ދަރިފުޅު ބަލަން ގެއަށް ބިދޭސީއެއް ގެނެސްފަ އެވެ. ވިސްނާލާށެވެ. އެކަމުން ހަރަދު ކުޑަވަނީއެއް ނޫނެވެ. ހަރަދު އިތުރަށް ބޮޑުވެ އެވެ. ގޭތެރޭގެ ހަރަދުތައްވެސް ކުޑަވެގެން ދާނީ ގޭގައި ހުރެގެންނެވެ. އަދި އިގްތިޞާދު ކުރެވޭނެ އެވެ.
4. ދަރިފުޅުގެ ދުވަސް ދާ ގޮތް އެނގޭނެ
މުޅި ދުވަސް ދަރިފުޅާއެކު ހޭދަކުރުމުން ކުރާނެ އިތުރު ސުވާލެއް ނޯންނާނެ އެވެ. ދަރިފުޅު ކެއީ ކޯއްޗެއް ކަމާއި ކުރީ ކީއްކަން އެނގޭނެ އެވެ. ދަރިފުޅު ސިއްހަތަށް ފައިދާ ނުކުރާ ކަހަލަ ކާނާ ކެއުމުން ދުރުކޮށް ރަނގަޅު ސިއްހަތެއްގައި ދަރިފުޅު ހުރުމަށް އެހީވާނެ އެވެ. އެކުގައި ގިނަ ކަންތައްތަކެއް ކޮށް އެކުގައި އާ ކަންތައްތަކެއް ތަޖުރިބާ ކުރެވޭނެ އެވެ.