މޯލްޑިވްސް ޕޮލިސް ސާވިސް

ސްކޭމް ހިންގައިގެން ދެ ލައްކަ ރުފިޔާގެ ވިޔަފާރިކުރި ދެ މީހުން ހައްޔަރުކޮށްފި

Feb 21, 2023

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް ބޭންކިން އެޕްލިކޭޝަންގައި ހިމެނޭ މީހެއްގެ ކިޔުއާރު ކޯޑް ބޭނުންކޮށްގެން އޭނާއަށް ނޭނގި ދެލައްކަ ރުފިޔާގެ ގަތް މައްސަލައެއްގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މައްސަލައިގެ ތުހުމަތުގައި 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށެވެ. ދެ މީހުންނަކީވެސް ދިވެހިންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 15 ދުވަހުގެ މުއްދަތު ޖަހާފަ އެވެ.

މިމައްސަލަ ތަހުގީގުކުރަމުން ދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންނެވެ.

މިމައްސަލަ ފެންމަތިއިރުބީއެމްއެލް އިން ވަނީ މިއަދުން ފެށިގެން ކިއުއާރު ބޭނުންކޮށްގެން މޯބައިލް ވޮލެޓުން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ 750 ރުފިޔާ ކަމަށް ކަނޑައަޅާފަ އެވެ.

ބީއެމްއެލްގެ އެކައުންޓުގައި ހުންނަ ފައިސާ އެމީހުންނަށް ނޭނގި ގެއްލޭ ކަމަށް ބުނެ އެތައް ބަޔަކު ގެންދަނީ ސޯޝަލްމީޑިއާގައި ބީއެމްއެލް އަށް ފާޑުކިޔަމުންނެވެ. ނަމަވެސް ބީއެމްއެލް އިން ބުނީ އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތު ބޭންކް ތެރެއިން ލީކްވެފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއްފަހަރު ސްކޭމް ހިންގާ މީހުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާފައި ހުންނަ ކަމަށެވެ. އެގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރުވެސް އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރާ ކަންވެސް ބީއެމްއެލް އިން ފާހަގަކޮށްފައިވެ އެވެ.