ބޮލީވުޑް

"އަނޫޕަމާ"ގެ ރުޕާލީއަށް ޝަރަފުވެރި އެވޯޑެއް

ސްޓާ ޕްލަސްގެ ކާމިޔާބު ސީރީޒް "އަނޫޕަމާ"ގެ ބަތަލާ ރުޕާލީ ގަންގޫލީ އަށް ވަރަށް ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.

“ދާދާސާހެބް ޕާލްކޭ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އެވޯޑްސް" (ޑީޕީއައިއެފްއެފް)ގައި ރުޕާލީއަށް ލިބިފައިވަނީ "މޯސްޓް ވާސަޓައިލް އެކްޓްރެސް އިން އަ ޓެލެވިޒަން ސީރީޒް" (ޓީވީ ސިލްސިލާއެއްގައި މަސައްކަތްކުރާ އެންމެ ހުނަރުވެރި ބަތަލާ)ގެ އެވޯޑެވެ.

ރުޕާލީ މި އެވޯޑާ ހަވާލުވާން ދިޔައީ ދަރިފުޅު ރުދްރާންޝް ގޮވައިގެންނެވެ.

މި އެވޯޑާ ހަވާލުވުމަށްފަހު އިންސްޓަގްރާމްގައި ރުޕާލީ ޝެއާ ކުރި ޕޯސްޓެއްގައި "އަނޫޕަމާ"ގެ ޕްރޮޑިއުސަރު ރާޖަން ޝާހީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ވެއެވެ.

"ތިބާގެ އަނޫޕަމާއަށް އަހަރެން ހެދިކަމަށްޓަކައި މުޅި އުމުރަށްވެސް އޭގެ އަގު އަދާ ނުކުރެވޭނެ،" ރުޕާލީގެ މެސެޖުގައި ވެއެވެ.

މި މެސެޖުގައި ރުޕާލީ ވަނީ އޭނާގެ ފިރިމީހާ އަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށް ޝުކުރު އަދާކޮށްފަ އެވެ.

ރުޕާލީގެ މި ޕޯސްޓަށް ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ އޭނާގެ އެކުވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އިޖާބަދީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. އަދި ރުޕާލީގެ ފޭނުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އޭނާއަށް މަރުހަބާ ކިޔައި ކޮމެންޓުތައް ކޮށްފައި ވެއެވެ.