ދުނިޔެ

ރަޝިއާއަށް ހަމަލާދޭން ހުޅަނގަކުން ނުރާވާ: ބައިޑަން

ރަޝިއާ ބަލިކޮށް އެ ގައުމުގެ މައްޗަށް ވެރިވެގަތުމަކީ އެމެރިކާގެ ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެެވެ.

އޭނާ އަދި ވިދާޅުވީ ރަޝިއާއަށް ހަމަލާދިނުމަކީ ޔޫރަޕިއަން ޔޫނިއަންގެ ވިސްނުމުގައިވެސް އޮތް ކަމެއް ނޫން ކަމަށެވެ.

ޕޮލޭންޑްގެ ވެރިރަށް ވާސޯގައި އާންމުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ޔުކްރޭންގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ އަކީ ހިތާމަވެރި ހާދިސާއެކެވެ.

ޔުކްރޭން ހަނގުރާމައަށް އޮތް ހައްލަކީ، ޔުކްރޭންގެ އަވަށްތައް ހިސޯރުކުރުން ރަޝިއާއިން ހުއްޓާލުން ކަމަށް ބައިޑަން ވިދާޅުވި އެވެ. ޔުކްރޭންގެ ދިފާއުގައި ކުރެވެމުންދާ މަސައްކަތްތައް ހުއްޓާލައިފި ނަމަ -- ދެން ދުވަހަކު ވެސް ޔުކްރޭން ފެންނަ ނޯންނާނެ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ދިފާއުކުރައްވައި ބައިޑަން ވިދާޅުވީ އެމެރިކާއިން މަސައްކަތްކުރަނީ މިނިވަން ދައުލަތެއް ވުޖޫދުގައި ބޭއްވުމަށް ކަމަށެވެ.

ޔުކްރޭން އަކީ އަދިވެސް މިނިވަން ގައުމެއް ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔުކްރޭނުން ޑިމޮކްރަސީ ފޮހެވިގެން ނުދާ ކަމަށެވެ. ޑިމޮކްރެޓިކް ރައީސް ޒެލެންސްކީ ވެރިކަމުގައި ހުންނެވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބައިޑަން މިހެން ވިދާޅުވިއިރު ހުޅަނގުން ރަޝިއާއަށް ދޭ ހަމަލާތަކާ ބެހޭ ގޮތުން އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް ވަނީ ބަސްވިދާޅުވެފަ އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ހުޅަނގުން ކިތަންމެ ޖެއްސުމެއް ކުރި ނަމަވެސް ރަޝިއާ ބަލިނުކުރެވޭނެ އެވެ.

ރަޝިއާ އަކީ ނިއުކްލިއާ ގައުމެއް ކަމަށްވެސް ޕޫޓިން ހަނދާންކޮށްދެއްވި އެވެ.