ޓޫރިސްޓް އެރައިވަލް

މިހާތަނަށް ތިންލައަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ތިންލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 301،658 ފަތުރުވެރިންނެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 27.9 ޕަސަންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 235،850 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކަށް ބަލާނަމަ އެވަރެޖްކޮށް ދުވާލަކު 5،915 ފަތުރުވެރިން މިހާރު ރާއްޖެ އާދެ އެވެ.

މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ރަޝިއާ އެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމު

  • ރަޝިއާ - 38،538
  • އިންޑިއާ - 33،001
  • އިނގިރޭސިވިލާތް - 28،307
  • އިޓަލީ - 27،720
  • ޖަރުމަނު - 19،345
  • ފްރާންސް - 13،896
  • އެމެރިކާ - 12،457
  • ޗައިނާ - 8،756
  • ސްވިޓްޒަލޭންޑް - 7،240
  • ޕޮލޭންޑް - 5،919

ކޮވިޑަށްފަހު ކްރޫޒްލައިނާތައް ވެސް މިހާރު ވަނީ ރާއްޖެ އަންނަން ފަށާފަ އެވެ. އެގޮތުން މިމަހުވެސް ކްރޫޒްލައިނާއެއް ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަމުންދާއިރު މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،217 ތަނެއް ދަނީ ހިންގަމުންނެވެ. އެތަންތަނުގައި ފަތުރުވެރިންނަށް 59،930 އެނދު އެބަހުއްޓެވެ.

މިހާރު އޮޕަރޭޓް ކުރަމުންދަނީ 168 ރިސޯޓާއި 883 ގެސްޓްހައުސް އާއި 153 ސަފާރީ އުޅަނދުގެ އިތުރުން 13 ހޮޓަލެވެ.