އުރީދޫ

އުރީދޫގެ އަހަރީ ޖަލްސާ އަންނަ މަހު 8ގައި

Feb 22, 2023

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

މިޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މާޗް އަށްވަނަ ދުވަހުގެ ރޭ 8:30 ގައި ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.

އުރީދޫގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަވާ ފަރާތްތަކަށް އޮންލައިންކޮށްވެސް އަދި ޖަލްސާ ބާއްވާ ތަނަށް ގޮސްގެން ވެސް ބައިވެރިވެވޭނެ އެވެ.

އުރީދޫ އިން ބުނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 120 ހިއްސާދާރުންނަށް ކަމަށެވެ. މީގެ އިތުރުން އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކުން އެ މައުލޫމާތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން އެންގުމަށް ދިރާގުން އެދިފައިވެ އެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އުރީދޫގެ ހިއްސާދާރަކަށް ވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަ މަހުގެ ހަވަނަ ދުވަހުގެ ރޭ 8:30ގެ ކުރިން ރަޖިސްޓާ ކުރާ ފަރާތްތަކަށް އެކަންޏެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހަޅަންޖެހެ އެވެ. އަދި ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހަޅަންޖެހެ އެވެ. ރަޖިސްޓާ ކުރުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް (އިންފިނިޓީ)[https://infinity.mv] މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ވެސް ރަޖިސްޓާ ކުރެވޭނެ އެވެ. ފޯމުތައް ފުރުމަށްފަހު އަންނަ މަހުގެ ހަވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން އީމެއިލް ކުރަން ނުވަތަ އުރީދޫ އޮފީހަށް ހުށަހަޅަންޖެހެ އެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި މައިގަނޑު ކަމަކަށް އޮތީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި، މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުމާއި އަދި މިދިޔަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުންވެސް ހިމެނެ އެވެ.