ޕީޕީއެމް

ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ އަވަހާރަވެއްޖެ

Feb 23, 2023
2

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވެއްޖެ އެވެ.

ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަނިކޮށް ރިޒާ އަވަހާރަވީ މިރޭގެ ވަގުތެއްގަ އެވެ.

ރިޒާ އަވަހާރަވިކަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރިޒާ ނިސްބަތްވާ ޕީޕީއެމް އިން ވަނީ ޔަގީންކޮށްދީފަ އެވެ.

ރިޒާ ގެންދަވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުންނެވެ.

މެންބަރަކަށް ވަޑައިގަތުމުގެ ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވެވި ރިޒާ ވަނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވާފަ އެވެ.

ހިނގަމުން މިދާ 19 ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު ވެސް ވަނީ އަވަހާރަވެފަ އެވެ. އޭނާ އަވަހާރަވީ ޑިސެމްބަރު 14، 2021 ގައެވެ.

ގާނޫނުއަސާސީގެ 79 މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ.