ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމަކީ އިދިކޮޅު ޕީޕީއެމް / ޕިއެންސީ ކޯލިޝަނަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ރިޒާ އަވަހާރަވުމުގެ ހިތާމައިގައި ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެންބަރު ރިޒާ އަވަހާރަވި ހަބަރު އިދިކޮޅު ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށް ފުން ހިތާމައާއި އަސަރާއެކު ކަމަށެވެ.
"މާތްﷲ އެމަނިކުފާނުގެ ފުރާނައަށް ރަހްމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވާށި. އާމީން،" ބަޔާނުގައިވެ އެވެ.
ޕީޕީއެމް އިން ބުނީ ރިޒާ އަކީ ޕީޕީއެމް އުފެދުނީއްސުރެ އެ ޕާޓީއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ. ޑީއާރްޕީ އާއި ޕީޕީއެމް އުފެއްދުމުގައި ގިނަގުނަ މަސައްކަތްތަކެއް ރިޒާ ކުރެއްވި ކަންވެސް ފާހަގަކުރައްވާފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް ދިވެހި ދައުލަތަށް އަގު ނުކުރެވޭ ޚިދުމަތްތަކެއް އިޚްލާސްތެރިކަމާއެކު ރިޒާ ކުރެއްވި ކަންވެސް ފާހަގަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޖުމްލަ ނުވަ މެންބަރުންނެވެ. އެއީ ޕީޕީއެމް އަށް ނިސްބަތްވާ ހަ މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުންނެވެ. ރިޒާ އަވަހާރަވުމާ ގުޅިގެން ޕީޕީއެމްގެ މެންބަރުންގެ އަދަދު ފަހަކަށް މަދުވާނެ އެވެ.
ޕީޕީއެމްގެ ބަޔާނުގައިވަނީ ރިޒާގެ އާއިލާއަށާއި، ގުރައިދޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނަށްވެސް ތައުޒިޔާ ކިޔާފަ އެވެ.