ހުޅުމާލޭގެ ދެވަނަ ފިޔަވހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި ގަވައިދާއި ހިލާފަށް އަމަލުކުރަމުންދާ އެޕާޓްމަންޓް ޔުނިޓްތައް ޖޫރިމަނާކޮށް، ފިޔަވަޅު އަޅަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ކޯޕަރޭޝަނުން އުސޫލުތަކަކާއި ގަވައިދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
މިގޮތުން ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކަކާއި، އިމާރާތުގެ ސްޓަރަކްޗަރަށް ގެއްލުންވާ ފަދަ ވަސީލަތްތައް ބޭނުންކުރުން ނުވަތަ އެކަހަލަ މަސައްކަތް ކުރުން އެޗްޑީސީން ވަނީ މަނާ ކޮށްފަ އެވެ. އަދި އިމާރާތް ބޭނުން ކުރުމުގައިވެސް އެހެން ފަރާތްތަކަށް އުނދަގޫ ނުވާނޭ ގޮތަށް އިމާރާތް ބޭނުން ކުރުމުގެ އުސޫލުގެ ތެރެއިން ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް ފްލޯ އެ ކޯޕަރޭޝަނުން ވަނީ ކަނޑައަޅާފަ އެވެ.
އެޗްޑީސީން އަންނަނީ ހިޔާ ފްލެޓްތަކުގައި އިންސްޕެކްޝަންތަކެއް ހިންގަމުންނެވެ. އަދި މި އިންސްޕެކްޝަންތަކުގައި ގަވައިދާއި ހިލާފު ގިނަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
ހިޔާ ފްލެޓްތަކުން ފާހަގަކުރެވިފައިވާ ގަވައިދާ ހިލާފު ކަންކަން
- ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުން
- އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުންކުރުން
- ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުން
- ބެލްކަނިން ބޭރަށްވާ ގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް، ގަސް އަދި މުށި ފަދަ ތަކެތި ބެހެއްޓުން
އެޗްޑީސީން ވަނީ ގައިވައިދާ ހިލާފު ކަންކަން ފާހަގަކުރެވުނު އެޕާޓްމަންޓްތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅާފަ އެވެ. އަދި މިހާރު ވެސް އެ ކޯޕަރޭޝަނުން ދަނީ ހިޔާ ފްލެޓްތަކުގައި އިންސްޕެކްޝަންތައް ހިންގަމުންނެވެ.
"މިހާރު ވެސް މިކަމަށް ހާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ. މި އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލާ އެކަށީގެންވާ ފިޔަވަޅުތައް ގަވައިދާއި އުސޫލުތަކުގެ ތެރެއިން އަޅަމުންގެންދާނެ،" އެޗްޑީސީން ބުންޏެވެ.