ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 21 ފެބްރުއަރީ 2023 އާ ގުޅޭ )

"އާން. ލައިލީގެ ފްރެންޑް ސިޔާ. އޭނާ ބުނީ ލައިލީ ކައިރީ ބުނަން ދަރަކްއާއި ސަމައިރާ ރައްޓެހިވެގެން އުޅޭކަން. އޭނާ ބޭނުންވަނީ ލައިލީއާ ދަރަކް ދުރުކުރަން. އަސްލު ދަރަކާއި ސިޔާ އެފެއާއެއް ހިންގަނީ. އެމީހުންގެ ކަންތައް އަހަންނަށް އެނގުނީމަ ސިޔާ ބުނީ ލައިލީ ސެޓުވޭތޯ ބަލާށޭ. އެހެންވެ އެ ދުވަހު ލައިލީގެ ފަހަތުން ދިޔައީ." ލައިލީއަށް ބަލަން ހުރެ އަފްރާހު ވާހަކަދެއްކިއެވެ.

"އަފޫ މީނަ ސެޓުކުރަން އުޅުނީއޭ. އަހަންނާ ރައްޓެހިވެގެން އުޅެމުން." ވާނުވާ ނޭނގުނަސް އަފްރާހުގެ ވާހަކަތަކުން ސަމައިރާއަށް ކޮންމެވެސް ވަރެއް ދޭހަވިއެވެ.

"ސަމާ... މިވެގެން އުޅޭގޮތް ކިޔާދޭނަމޭ. މަޑުކޮށްބަލަ އިހަށް." ސަމައިރާއާ ދެމެދު އޮތް ގުޅުން ހީނަރުވެދާނޭތީ އަފްރާހު ކަންބޮޑުވާ ކަހަލައެވެ.

"ނިއުއިޔާ ނައިޓްގައި އަހަރެން ފާޚާނާއަށް ވަދެފައި ނުކުތްއިރު ވާހަކަދައްކަން ހުރީ ވެސް އަފޫގެ ބިޓެއްތަ؟. އެ އަންހެންކުއްޖާއާ ފްލާޓްކުރަން ހުއްޓާ ދޯ އަހަންނަށް ނުކުމެވުނީ." އަފްރާހު އޮޅުވާލައިފިއޭ ހީވާ ވަރަކަށް ސަމައިރާ ރުޅިގަދަވާންފެށިއެވެ. އެ ވާހަކަ އަޑުއިވުނު ލައިލީ ހަނދާންވީ އާ އަހަރުގެ ހަދިޔާއޭ ކިޔާފައި ސަމައިރާ އިންސްޓަގްރާމްކޮށްފައިވާ ގަޑިއެވެ. އެ ގަޑި ސަމައިރާގެ އަތުކުރީގައި އަޅާފައި އޮތްތަން ލައިލީއަށް ފެނުނެވެ.

"ޕްލީޒް ސަމާ. ކާމްޑައުން. މިބުނީނު ކިޔާދޭނަމޭ." އަފްރާހު ބުންޏެވެ.

"އާ އަހަރުގައި... ގަޑި... އަތުގައި އަޅާފައި ތިއޮތް ގަޑި. އެއީ އަފްރާހު ދިން ގަޑިއެއްތަ؟." ލައިލީ ސުވާލުކުރީ އަފްރާހުއާއެވެ.

"އާން." އަފްރާހު އާނއެކޭ ބުނިފަހުން ކަމެއް ހަނދާންވެގެން ބަލާލާފަދަ ގޮތަކަށް ލައިލީއަށް ބަލާލިއެވެ.

"އެ ގަޑި ދެއްކީ ސިޔާ. މިހާރު އަންހެންކުދީންގެ މެދުގައި ވަރަށް މަޝްހޫރު ބްރޭންޑެކޭ ސިޔާ ބުނީ." އަފްރާހު ބުންޏެވެ. އޭނާއަށް އޭރު ސިޔާ އެ ގަޑި ގަންނަން ޚިޔާލުދިން ހަޤީޤީ މަޤްޞަދެއް ރެއަކާނުލައެވެ.

ސަމައިރާގެ އެކައުންޓުން ފެނުނު "ދަރާ ވިތް ސަމާ"ގެ އައިޑީ ވެސް ލައިލީއަށް ފޮނުވި މީހަކީ ސިޔާއެވެ. ދަރަކްއަށް ވެދާނޭކަން ބުނެ އެ ޚިޔާލު ލައިލީގެ ބޮލަށް ވެއްދީ ވެސް އޭނާއެވެ. އަފްރާހަށް އެކަން އެނގޭބާއޭ ލައިލީ ހިތަށް އެރިއެވެ. ސަމައިރާ ރައްދު ދީފައި ހުންނާނީ ޔަގީނުން ވެސް އޭނާއަށް އެނގޭތީއޭ ލައިލީ ޤަބޫލުކުރިއެވެ.

"ދަރާ ވިތް ސަމާގެ އައިޑީއަކީ ކާކުކަން އެނގޭތަ؟." ލައިލީ އަހާލިއެވެ.

"ވަޓް... ވެއިޓް. ވައިޓް... ސިޔާތަ ހުރިހާ އެއްޗެއް ކިޔާދީގެން ތިއުޅެނީ." އަފްރާހު ނިކަން ބޮޑަށް ހައިރާންވެފައި އަހާލިއެވެ. އޭނާއަށް ވެސް މިހާރު އޮޅުންއަރައިފިހެން ހީވެއެވެ.

އަފްރާހުގެ ވާހަކައިން އެނގުނީ ހުރިހާކަމެއްގެ ފަހަތުގައި ހުރީ ސިޔާކަމެވެ. ދަރާ ވިތް ސަމާއަކީ ދަރަކްއާ ގުޅުން ހުރި އައިޑީއެއް ނޫނެވެ. އެ އައިޑީއަކީ ކާކުކަމެއް ސަމައިރާއަކަށް ވެސް ނޭނގެއެވެ. އޭނާއަކީ ތަޢުރީފުކޮށްފައި ހުންނަ ކޮމެންޓެއްވިއްޔާ އެއީ ކޮންމެ މީހަކަށް ވިޔަސް އެ ކޮމެންޓެއް ބަލައިގަންނަ ކަހަލަ އަންހެންކުއްޖެކެވެ. އަދި ލޯބިން ވާހަކަދައްކައިފި ކޮންމެ މީހަކާ ހަމަ އެހާމެ ލޯބިން ވާހަކަދެއްކުން އޭނާގެ ނަޒަރުގައި އެއީ މައްސަލައެއް ނޫނެވެ. ކޮމެންޓުތަކުގައި ލޯބިވެޔޭ ބުނެ ރައްދު ދީފައި ހުއްޓަސް އެކަމުގައި އެއްވެސް ހަޤީޤަތެއްނުވާކަން ސަމައިރާ ބުނެއެވެ.

"ވެލަންޓައިންސް ޑޭގައި ދަރަކްއަށް ހަދިޔާއެއް ދިނިންތަ؟." ސަމައިރާ ކައިރީ ލައިލީ އަހާލިއެވެ.

"ތި ހުރިހާ ސުވާލެއް ކުރާއިރު އަދިވެސް ތީ ކާކުކަމެއް ނޭނގޭ." ސަމައިރާ ބުނެލިއެވެ.

"އަހަރެން މީ ދަރަކްގެ ވައިފް." ލައިލީ ބުންޏެވެ.

"ވަޓް!... ޗީފް... ޗީފްގެ ވައިފް." ސަމައިރާއަށް ލިބުނު ހައިރާންކަން އެ މޫނުން ފާޅުވާން ހުއްޓެވެ. އެ އަސަރުތަކަކީ ދަރަކްއާ ނަހަމަ ގުޅުމެއް ބާއްވާތީ ފާޅުވި އަސަރުތަކެއްނޫންކަން ދެނެގަންނަން ލައިލީއަށް އުނދަގުލެއް ނުވިއެވެ.

"އާން. އެ ދުވަހު ޑިޕާޓްމެންޓުތަކުގައި އުޅޭ ހުރިހާ ފިރިހެންކުދީންނަށް އަހަރެން ކުކީޒް ބެހިން. ޗީފަށް ވެސް ދިނިން." އެދުވަހު ކަންތައް ހިނގި ގޮތް ސަމައިރާ ކިޔާދިނެވެ.

އަލަމާރި ތެރެއިން ފެނުނު ކޮތަޅުގައި އޮތީ "ކުކީޒް"އެއް ނޫންކަން ލައިލީއަށް އެނގެއެވެ. ވީއިރު އެ ހަދިޔާއަކީ ސިޔާ ދީފައި އޮތް އެއްޗެއްކަން ލައިލީއަށް ޔަގީންވެއްޖެއެވެ. އޭނާ ދެން ސަމައިރާއާ ސުވާލު ކުރީ ދަރަކްގެ ފޯނަށް ކުރި މެސެޖެކާ ގުޅިގެންނެވެ. އެކަންވެސް ވީ ލައިލީ ހީނުކުރާ ފަދަ ކަމަކަށެވެ.

"އެއީ ކޮމްޕެނީގެ ވެރީންނާއެކީ އޮތް ޑިނާއެއް. އައި ވޯޒް ދި ނިއުބީ... ޗީފް އައިތީ އެކަމާ ޝުކުރު އަދާކުރަން ފޮނުވި މެސެޖެއް އެއީ. އިޓްސް އީވަން ކިއުޓާ ވެން ޔޫ ޕުޓް ދޯސް ބިއުޓިފުލް ލިޓްލް ހާޓްސް. އެރޭ އެންމެންނަށް އަހަރެން އެ މެސެޖު ފޮނުވިން." ނިކަން ފުޅާ ހިނިތުންވުމަކާއެކު ސަމައިރާ ބުންޏެވެ.

"އޭނަ ހަމަތަ؟." ސަމައިރާއަށް ބަލަން ހުރެފައި އަކިޔަލް ބުނެލިއެވެ. އޭނާގެ ނަޒަރުގައި ސަމައިރާއަކީ ބޯހަމަޖެހޭ އަންހެންކުއްޖެއްހެން ހީނުވަނީއެވެ. ސަމައިރާގެ ހުންނަ ޅަގޮތުން ކަމަށް ވެދާނެއެވެ. ކަންކަމާ މާބޮޑު ވިސްނުމަކީ އޭނާގެ ގޮތެއްނޫންކަން ދޭހަވެއެވެ. މާނައެއްނެތި ކުރާ ކުދިކުދި ކަންތައްތަކުން މީހުންނަށް ނުބައި މެސެޖެއް ދެވިދާނޭކަމެއް ސަމައިރާ އެއްގޮތަކަށް ވެސް ނުވިސްނައެވެ.

އެރޭ ކަންތައް ހިނގައި ދިޔައީ ކިހިނެއްކަން ސަމައިރާ ކިޔާދިނެވެ. ތަނުގެ އެންމެ އިސްވެރީންނާއެކީ ދަރަކް ނުކުތްއިރު ވެސް ސަމައިރާ އިނީ އަފްރާހުއާއި އަދިވެސް އެހެން ދެ މީހަކާއެކު އެވެ. އެރޭ ހިނގައިދިޔަ ކަމަކާ ގުޅޭ ގޮތުން އަފްރާހުއާ ސަމައިރާ ވާހަކަދައްކަންފެށިއެވެ. އެ ދެމީހުންގެ ކޯޅުން ފެށެން ގިނައިރެއް ނުނެގިއެވެ.

ލައިލީއާއި އަކިޔަލް ބޭނުންވި މަޢުލޫމާތު ލިބި ހަޤީޤަތް އޭގެ ދެމީހުންނަށް ވެސް ފަޅާއަރައިފިއެވެ. ފަހުން އަދި ޚަބަރު ވާނަންކަމުގައި އަކިޔަލް ބުނެލީ އަފްރާހަށެވެ. ލައިލީ އިތުރަށް ދައްކާނޭ ވާހަކައެއް ނެތެވެ. އޭނާ އެނބުރު ގޮތަށް މަޑުމަޑުން ހިނގައިގަތީ އެންމެނާ ދުރަށެވެ. ލައިލީ އެކަނި ދާން އަކިޔަލް ދުލެއް ނުކުރިއެވެ. ލައިލީއަށް ކުރާނޭ އަސަރު އޭނާއަށް އިޙްސާސް ނުކުރެވޭނެކަން އެނގެއެވެ. އެހެންވިޔަސް ލައިލީގެ ހިތުގައި ޖެހޭނެވަރު އަކިޔަލްއަށް އަންދާޒާކުރެވެއެވެ. އެ އަންހެންކުއްޖާ އޭނާގެ ފިރިމީހާދެކެ ލޯބިވާވަރު އަކިޔަލްއަށް އެނގޭތީއެވެ. ރައްޓެހިވެގެން އުޅެފައި ދުރުވާ ދެ މީހަކު ވާ ދެރައަށްވުރެ، ކައިވެންޏެއް ރޫޅިގެންދާ ހިނދު އެ ކައިވެނީގައި ޝާމިލްވި ދެމަފިރިން ވަކިވާއިރު ކުރެވޭ ހިތްދަތި އިޙްސާސްތައް އަޅާވެސް ނުކިޔޭނެކަން އަކިޔަލްއަށް ވިސްނެއެވެ. ލައިލީއާ ދައްކާނެ ވާހަކައެއް އަކިޔަލްގެ ހިތާއި ސިކުނޑިއަކު ނެތެވެ. ވާހަކަތަކެއް ނުދެއްކިކަމުގައި ވިޔަސް އޭނާ ލައިލީގެ ފަހަތުން މަޑުމަޑުން އައީ ލައިލީއާއެކު އޭނާ އެބަހުރިކަން އިޙްސާސްކޮށްދޭށެވެ.

ކުދިކުދިވަމުން ދިޔަ ހިތުގައި ރިހޭއިރު ނާރުތައް ބުރިބުރިވުމެކޭ ލައިލީއަށް އެއްފަދައެވެ. ދޭތެރެއަކުން އޭނާ ހަށިފުރާ ލާ ފުންނޭވާއަކީ ހިތަށް ކުޅަދާނަނުވެގެން ބޭރުކޮށްލެވޭ އާހެކެވެ. ހިތާއި ސިކުނޑިއަށް ލިބިފައިވާ ސިހުމުގައި ނަފްސުގެ ހަރަކާތްވަނީ މަޑުޖެހިފައެވެ. މީހުންނާއި ދުއްވާއެއްޗެހިން ހަލަބޮލިވެފައިވާ މަގުން ލައިލީ ކުރިޔަށް ހިނގަމުން އައީ ހިމޭންވެ ހުރެއެވެ. ހުރިހާކަމެއްގެ ފަހަތުގައިވަނީ ސިޔާގެ ރޭވުންކަން އެނގުނުއިރު އެއީ ލައިލީގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އޭނާ އެފަދައިން ލައިލީއާމެދު ކަންތައްކުރީ ކީއްވެބާއޭ ލައިލީ ސުވާލު އުފެދެއެވެ. އެއާއެކު ލައިލީއަށް ވިސްނެންފެށުނެވެ. ހަނދާނަށް އައީ ސުކޫލު ދުވަސްވަރެވެ. ލައިލީގެ ހަޔާތުން އޭނާގެ ފުރަތަމަ ލޯބި ވަކިވެގެން ދިޔަ ގޮތެވެ. ދެ ޖިންސުގެ ކުދީން ކިޔަވަމުންދިޔަ ސުކޫލެކެވެ. ގުރޫޕު މަސައްކަތެއް ކުރުމަށް ކުދީން ގުރޫޕުތައް ހަދަން ބުނުމުން ސިޔާއާއެކީ ލައިލީ ވެސް ގުޅުނީ ކުލާހުގެ އެންމެ އެއްކޮށްއުޅޭ ކުދީންނާއެވެ. ހަފްތާ ބަންދުގައި ކުރާން ހަވާލުވެފައި އޮތް މަސައްކަތެއް ކަމަށްވާތީ ހަ ކުދީންގެ ގުރޫޕުން ނިންމީ ކޮންމެވެސް އެއްކުއްޖެއްގެ ގެއަށް ގޮސް ތިބެ މަސައްކަތް ނިންމުމަށެވެ. އެ ދުވަހު މަސައްކަތްތަކުން ބްރޭކެއް ނަގައި އެންމެންގެ މެދުގައި ޓްރުތްއޯޑެއާ ކުޅުނީ ފޫހިފިލުވާލުމަށެވެ. ފުރާވަރުގައި ނިކަން ފޯރީގައި ކުޅޭކުޅިވަރަކަށް އެ ކުޅިވަރުވެއެވެ. އެކުވެރީންގެ ސިއްރުތައް އެނގިގެން ދިއުމުގެ އިތުރުން ޖެހިލުންކުޑަކަމާއި ބިރުކުޑައީ ކާކުކަން ހާމަވެގެންދެއެވެ. ޑެއާއެއްގެ ސަބަބުން ލައިލީ ރައްޓެހިވެގެން އުޅުނު ފަޒީލްއަށް ޖެހުނީ ސިޔާއާ "ކިސް" ކުރާށެވެ. ފަޒީލް ފަސްޖެހުމުން އޭނާގެ ނުކުރޭކަމަށް އެއްޗެހިކީ ވެސް ސިޔާއެވެ. އޭގެ އަނެއްދުވަހު ސުކޫލުން ބައްދަލުވުމުން ސިޔާ އެ ވާހަކަފެށީއެވެ.

"އައި އޭމް ސޮރީ އައި ކިސްޑް ޔޯ ބޯއިފްރެންޑް ބަޓް އިޓްސް ޖަސްޓް އަ ގޭމް. ގޯސްކޮށް ހީނުކުރައްޗޭ. ހީ ޑަޒަންޓް މީން އެނީތިންގް... ސޯ ފޮގިވް ހިމް." ސިޔާ ބުންޏެވެ.

ފަޒީލުއާ ގުޅުން ކަނޑާލަން ލައިލީ ނިންމި ސަބަބަކީ އެއީއެވެ. ރައްޓެހިވެގެން އުޅެމުން ފަޒީލު އެފަދަކަމެއް ކުރީމައެވެ. އެވެސް ލައިލީގެ ކުރިމަތީގައެވެ. އޭރު ވެސް ލައިލީއަށް ސިޔާދެކެ ރުޅިއެއް ނާދެވުނެވެ. ގޯސްވީ ފަޒީލެވެ. އަނެއްކޮޅުން އަމިއްލަ ނަފްސުގެ ފަޙުރު ތަންނުދިނީ ސިޔާގެ އެ ޢަމަލުން ލައިލީ ހަސަދަވެރިވިކަން ހާމަވާން ނޭދޭތީއެވެ.

މާޒީގެ އެ ހާދިސާ ސިޔާ ހަނދާންކޮށްދިންތާ އަދި ގިނަ ދުވަހެއް ނުވެއެވެ. ލައިލީ އެ ދުވަހު ނިންމި ފަދަ ނިންމުމެއް ނިންމަން ސިޔާ ބާރު އެޅިއިރު ލައިލީގެ ދިރިއުޅުން ހުރީ އެ ދުވަހު ހުރި ހިސާބެއްގައެއްނޫނެވެ. އުޑާއި ބިމާ ހުރި ތަފާތު އޭރާއި މިހާރު ލައިލީގެ ދިރިއުޅުމުގައި އެބަހުއްޓެވެ. އޭރު އެއީ ލޯބިވެރިޔެކެވެ. މިހާރު ލައިލީ އިނީ ކައިވެންޏެއްގައެވެ. ވަކިވާންވީ ފިރިމީހާއާއެވެ. ރޫޅިގެންދާނީ ލޯބިން ކުރި ކައިވެންޏެވެ.

"ކޮންއިރަކުން ފެށިގެން ސިޔާއާއި ދަރަކް އަހަންނަށް އޮޅުވާލަމުން އެ ދަނީ." ލައިލީއަށް ހިތާހިތުން ކިޔާލެވުނެވެ. އެއާއެކު އަނެއްކާ ވެސް މާޒީގެ ތެރެއިން ސިޔާގެ އަޑު ލައިލީގެ ކަންފަތަށް އިވިލައިފިއެވެ.

"ތީނަ ދަރަކްއާ ރައްޓެހިވީތަ؟. އަހަންނަށް ވެސް އޭނާ ފެނިފައި ވަރަށް ކަމުދިޔަ. އެކަމަކު ދެންކީއްކުރާނީ. ކޮންގްރާ ލައި. ދަރަކްއަކީ ވަރަށް ނައިސް މީހެއް. ލައިގެ ހަމަ ނަސީބު ގަދައީ."

ސިޔާ ދައްކާފައި ހުރި ވާހަކަތަކުގައިވަނީ ކިހާވަރެއްގެ ހަޤީޤަތެއްބާއޭ ލައިލީއަށް އަމިއްލަ ނަފްސާ ސުވާލު ކުރެވެއެވެ. ލައިލީއާއި ދަރަކްއަށް ސިޔާ ތަހުނިޔާކީ ސާފު ހިތަކައިގެންބާއޭ ވެސް ލައިލީ މިހާރު ސުވާލު އުފެދެއެވެ. އެ ޚިޔާލުތަކުގެ ތެރެއިން ދަރަކްއާ މެދު ލައިލީ ވިސްނާލިއެވެ. ދަރަކް ދައްކާފައި ހުރި ވާހަކަތަކެވެ. އޭނާއަށް ވެފައިވާ ވަޢުދުތަކެވެ. މުޅި އުމުރު ލައިލީއާއެކު ވާން ދަރަކް އެދޭކަންވަނީ ބުނެފައެވެ. ދުވަހަކުވެސް ލައިލީދެކެ ވާ ލޯތްބަށް ބަދަލެއް ނާންނާނޭކަމާއި ހުރިހާ ގޮތަކުން ލައިލީއަށް އަބަދުވެސް ރައްކާތެރިކަމާއި ހިމާޔަތް ދޭނަންކަމަށް ދަރަކްވަނީ ވަޢުދުވެފައެވެ. އަދި ދުވަހަކުވެސް ލައިލީގެ އިތުބާރު ގެއްލޭފަދަ ކަމެއް ނުކޮށްވޭތޯ އޭނާ ވަރަށް މަސައްކަތް ކުރާނަންކަމަށް ވެސް ވަނީ ބުނެފައެވެ.

"މާނައެއްނެތް ހުސް ވާހަކަތަކެއްތަ އެއީ... އަހަރެންދެކެ ލޯބިވާކަމަށް ހެދިގެން މިހުރިހާ ދުވަހު އަހަންނަށް އޮޅުވާލަމުންތަ ތިއައީ... ކިހާ ބޮޑު އޮޅުވާލުމެއް." ލައިލީގެ ޖަޒުބާތުތައް ނުހިފެއްޓުނެވެ. އޭރު އޭނާއަށް މަންމަމެން ގެއާ ހަމައަށް އާދެވިއްޖެއެވެ. ހަލުވިކޮށް ލައިލީ ދޮރޯށިން އެތެރެއަށް ދެމިގަތުމުން އޭނާގެ ފަހަތުގައި ހުރި އަކިޔަލް ދޮރޯށީގައި ހިފަހައްޓާލަމުން ލައިލީއަށް ގޮވާލިއެވެ.

"ހުސް ދޮގު..." ލައިލީއަށް ރޮވެނީއެވެ. އަކިޔަލް ވަކިން ކަންބޮޑުވިއެވެ.

"އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާއާ ދެމީހުން... އޯގޯޑް... މިހާވަރަށް މީހަކަށް އޮޅުވާލެވޭނީ. އައި ޑޯންޓް ހޭވް އެނީ..." ލައިލީގެ ބަޑިފަޅައިގެން ގޮސް މޫނުގައި ދެއަތް އެޅިއެވެ. ގިސްލާފައި އޭނާއަށް ރޮވެނީއެވެ. ލައިލީގެ ގައިގާ ހިފަހައްޓާލަން އަކިޔަލްއަށް އަތް ދަމާ ވެސް ލެވުނެވެ. ނަމަވެސް ލައިލީ އެގޮތް ޤަބޫލެއްނުވާނޭކަން އަކިޔަލްއަށް އެނގެނީއެވެ. އޭނާގެ އަތުގެތެރޭގައި ހުންނާކަށް ލައިލީ ބޭނުމެއްނުވާނެއެވެ.

ހިތްކުދިކުދިވެ ވިރެމުންދިޔައިރު ދަރަކްއަށް އިތުބާރުކުރަނީ ކިހިނެއްކަމެއް ލައިލީއަކަށް ނޭނގެއެވެ. ދަރަކް ކޮންމެފަދަ ބަހަނާއެއް ދެއްކި ނަމަވެސް އެކަން ޤަބޫލުކުރެވޭނެ ހެއްޔެވެ. ދަރަކްއަށް މަޢާފުކުރާނީ ކިހިނެއް ހެއްޔެވެ. ދެމަފިރިންގެ ގޮތުގައި އިތުރަށް ދިރިއުޅުން ކުރިޔަށް ގެންދާނޭ ގޮތެއް ލައިލީއަކަށް ނޭނގެއެވެ.

"އަހަންނަކަށް ނުވާނެ." ރޮމުން ގިސްލަމުން ލައިލީއަށް ބުނެވުނެވެ.

* * * * *

ޚިޔާލުތަކުން އެނބުރި ހަޤީޤަތަށް ލައިލީ އައެވެ. ފާއިތުވި ހަ މަސް ދުވަހު ލައިލީގެ ދިރިއުޅުން އޮޅުންބޮޅުންގަނޑެއްގައި ތެރޭގައި ވިޔަސް މިހާރު ލައިލީއަށް ހުރިހާކަމެއް ސާފުވެ އެނގިއްޖެއެވެ. އޭނާ އެނދުގައި އޮތީ ތެދުވަން ބޭނުންނުވެފައެވެ. ރޭގައި ސިޔާއާއި ދަރަކްއާ ދެމެދު ދެކެވުނު ވާހަކަތައް ލައިލީ ވަނީ ރިކޯޑުކޮށްފައެވެ. ލައިލީ ނުހޭލައިގެން ދަރަކް އައިސް އޭނާއަށް ގޮވިއެވެ. ދަރަކްގެ ޢަމަލުތަކާއި ވާހަކަދެއްކުމުގައި އެހެން ދުވަސްތަކެކޭ އެއްވެސް ތަފާތެއް ނެތެވެ. ރޭގައިވީ އެއްވެސް ކަމެއް ހަނދާންނެތްކަމުގައި ލައިލީ ބުނެލިއެވެ. އެކަމާ ދަރަކް އެއްޗެއް ނުބުނެއެވެ.

ދަރަކް ނާސްތާއަށް ތައްޔާރުކުރި ތަށިތައް ގެނެސް ކާމޭޒު މަތީ އަތުރާލިއެވެ. ބޯ ޖަހާލައިގެން އޮތް ލައިލީގެ ސިކުނޑިއަށް ވަނީ ބަރުވެފައެވެ. އޭނާގެ ހިތް ވެސް ނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ.

"ދާން މިދަނީ. ކުޅިމަސް ހަދާ ވާހަކަ ބުނީމަ މަސްކޮށާފަ ފްރިޖްގަ ހުންނާނެ." ދަރަކް ބުންޏެވެ.

"ތެންކިޔު." ލައިލީ މަޑުމަޑުން ބުނެލިއެވެ. ދަރަކް ގުދުވެލައި ލައިލީގެ ބޮލުގައި ބޮސްދީފައި ފިރުމާލިއެވެ. ލައިލީ ބޯ ހިއްލާލައި ހަށިގަނޑު ސީދާކޮށްލިއެވެ.

"ތަންކޮޅެއް ލަހުން އާދެވޭނީ. ދަނީ އިނގޭ." ބޫޓަށް އަރަން ދޮރު ކައިރީ ހުރެ ދަރަކް ބުންޏެވެ. ފިރިމީހާއަށް ބަލަން އިން ލައިލީ ޖަބާވެއްގެ ގޮތުން ބޯޖަހާލީއެވެ. ލޯބިވެތި ހިނިތުންވުމެއް ބަދަލުކޮށްލާފައި ދަރަކް ގެއިން ނުކުތެވެ. ލައިލީގެ މޫނުން ކުލަ ފަނޑުވީ ހަމައެހިނދުންނެވެ. ދަރަކް އެއްފަހަރު ވެސް ސިޔާއާއި ރޭގައި ހިނގި ކަންތަކުގެ ވާހަކަ ނުދެއްކިކަން ލައިލީއަށް ފާހަގަވިއެވެ.

"އެހާ ކެއާކުރަނީ އަހަންނަށް އޮޅުވާލަމުން އަންނާތީ އެ ކުށުގެ އިޙްސާސުން ސަލާމަތްވާންތަ؟. އެހެންވީރު ތި އޯގާތެރިކަމެއް ބޭނުމެއްނޫން." ފިރިމީހާ ނުކުމެދިޔަ ދިމާއަށް ބަލަން އިން ލައިލީގެ ހިތުގައިވިއެވެ.

މޭޒުމަތީ ހުރި ތަށިތަކަށް ލައިލީ ބަލާލިއެވެ. މިހާރު ހުރީ އޭނާއަށް ޓަކައި ދަރަކް ތައްޔާރުކޮށްފައި ހުރި ތަށިތަކެވެ. ލައިލީ ތަށިތަކަށް ބަލަން އިނީ ކާހިތްނެތިފައެވެ. އޭނާ ބޭނުންވަނީ އެ ހުރިހާ ތަށްޓެއް އަތުން ޖަހާ ބުރުވާލާށެވެ. ތަޅާ ފުނޑުފުނޑުކޮށްލާށެވެ. ދަރަކްގެ ދެއްކުންތެރިކަން އެކަމުގައި ވެސް ވެޔޭ ހީވާތީއެވެ.

"އޭނާގެ މޫނުން ހީވޭތަ އެއީ މަކަރުވެރިއެކޭ. އެއްވެސް މީހެއްގެ މޫނުގައި ލިޔެފައެއް ނޯންނާނެ އެއީ ދޮގުވެރިއެއްކަމެއް. ހޮޑުލަވާ ފެނުނީމަ." ލައިލީ މިހެންބުނެ ކުއްލިއަކަށް ތެދުވިއެވެ. ތަށިތައް ގެނެސް ކުނި އެއްޗަށް ކާންދީފައި ސިންކަށް ތަށިތައް އަޅާލިއެވެ. ބޮލަށް ތުރާވެފައިވާ މީހަކު ފަދައިން ލައިލީ ހަޅޭލަވައިގަތެވެ. އެޕާޓްމެންޓުގެ ތެރޭ އެ އަޑު ހިފާލިއެވެ.

"އައްދޯއި..." ބޮލުގައި ލައިލީ ހިފަހައްޓާލިއެވެ. އޭނާގެ ބޮލުގައި ރިއްސައިގަތީއެވެ. ރޭގައި ރަނގަޅަށް ނުނިދެއެވެ.

ތަށިތައް ދޮވުމުގެ ބަދަލުގައި ލައިލީ އައިސް ވެއްޓިގަތީ ސޯފާއަށެވެ. ނިތްކުރިއާއި ދެ ލޯ ނިވާވާނޭހެން މޫނުގައި ދެ އަތް އަޅުވާލައިގެން އޭނާ އޮތެވެ. އެހެންއޮވެ އޭނާ ވިސްނިއެވެ. ރޭވުންތެރިކަމާއެކު ކަންކަން ކުރާށެވެ. އުނދަގޫކުރަމުންދިޔަ ފިކުރުތަކުން ނަފްސު ހަމައަކަށް އެޅިއްޖެހެން ހީވުމުން ލައިލީ ސޯފާއިން ތެދުވިއެވެ. އޭނާ އައިސް ކޮޓަރިއަށް ވަނެވެ. ފޮރުވާފައި އޮތް ރިކޯޑިން ޑިވައިސް ނެގިއެވެ. ދެން އަތްދަބަސް ހިފައިގެން އައިސް އޭގެ ތެރެއަށް އެ ރިކޯޑާ ލައިފިއެވެ. އަދި ފޯނުން އަކިޔަލްއަށް މެސެޖުކޮށްލިއެވެ. ބައްދަލުވެދާނޭތޯ އަހާފައެވެ. އަކިޔަލްގެ ޖަވާބެއް ވަގުތުން ލައިލީއަށް ލިބުނެވެ.

(ނުނިމޭ)